އީރާނުގެ ފާރްސް ނިއުސް އެޖެންސީން ހުކުރު ދުވަހު މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، އީރާނާއެކު ވެވިދާނެ އެއްބަސްވުމެއްގެ ތަފްސީލްތަކާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކީ "ހަގީގަތާއި ދޮގުގެ މަސްހުނިގަނޑެއް" ކަމަށާއި، އެއީ "ދޮގު ކާމިޔާބީއެއް ދެއްކުމަށް ކުރި މަސައްކަތެއް" ކަމަށެވެ.
މަސްދަރުތަކުން ބުނި ގޮތުގައި، ކުރިން އެއްބަސްވެފައިވާ އިންތިޒާމުތަކާ އެއްގޮތަށް، އެމެރިކާގެ ހިސާރު އުވާލުމުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާނެ ކަމުގެ ޔަގީންކަން އީރާނުން ދީފައިވެއެވެ. އަދި އިތުރަށް އީރާނުން ބުނެފައިވަނީ: "އެއްބަސްވުމުގައި އެފަދަ މާއްދާއެއް ނެތް ނަމަވެސް، އެއްވެސް ފީއަކާ ނުލައި ކަނޑުއޮޅި ހުޅުވަން އީރާނަށް މަޖުބޫރުވާނެ ކަމަށް ޓްރަމްޕް ދައުވާ ކުރައްވަނީއެވެ."
"ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ކުރާ އިންތިޒާމުތަކުގެ ތެރޭގައި އުޅަނދުފަހަރު މޮނިޓަރު ކުރުމާއި، ބަލައި ފާސްކުރުމާއި، ހިދުމަތް ދިނުމާއި، އަދި ސަލާމަތީ ފިޔަވަޅުތައް އެޅުން ހިމެނިދާނެއެވެ." އީރާނުން ބުނެއެވެ.
އީރާނުގެ ނިއުކްލިއާ މާއްދާތައް ނައްތާލުމާ ބެހޭ އެއްވެސް މާއްދާއެއް ފަހުމުނާމާ ގައި ނެތް ކަމަށް އީރާނުގެ މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުނެފައިވެއެވެ. އަދި ޓްރަމްޕްގެ ވާހަކައަކީ އެއީ "އެއްވެސް އަސާސެއް ނެތް ދައުވާއެއް" ކަމަށް ވެސް ސިފަކޮށްފައިވެއެވެ.
މަސްދަރުތަކުން އިތުރަށް ބުނީ "މި ފަހުމުނާމާގައި ލުބުނާނުގައި ހަނގުރާމަ މުޅިން ހުއްޓާލުން ހިމެނޭ" ކަމަށެވެ.
ތަސްނީމު އެޖެންސީން ބުނި ގޮތުގައި، މި ފަހުމުނާމާގެ ދަށުން އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާގެ ތެރެއިން 12 ބިލިއަން ޑޮލަރު ވަގުތުން ދޫކުރަންޖެހެއެވެ.
އީރާނުގެ އިސް މަސްދަރަކު "ރޮއިޓާސް" އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ، ހަނގުރާމައާ ގުޅޭގޮތުން ތެހެރާނާއި ވޮޝިންގްޓަނުން ސިޔާސީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، ނަމަވެސް އެކަން އަދި މުޅިން ފުރިހަމަނުވާ ކަމަށާއި އެންމެ ފަހުގެ ނިންމުންތައް ނިންމާފައިނުވާ ކަމަށެވެ.
އެމެރިކާއިން އިރާނުގެ ފައްކާކޮށްފައިވާ ޔުރޭނިއަމް ނެގުމާ ބެހޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކީ "ރަނގަޅު ވާހަކަތަކެއް ނޫން" ކަމަށް އެ މަސްދަރުން ބުންޏެވެ. އަދި "ތެހެރާނާއި ވޮޝިންގްޓަނާ ދެމެދު ދެކެވޭ ފަހުމުނާމާގެ ދެލިކޮޕީގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެއްވެސް މާއްދާއެއް ހިމެނިފައިނުވާ" ކަމަށް ވެސް ފާހަގަކުރިއެވެ.







