ޖޯން އެފް ކެނެޑީ ސެންޓަރ ފޯރ ދަ ޕަރފޯމިންގ އާޓްސް އިން އަމިއްލަ އެދުން ބޮޑު ޓްރަމްޕްގެ ނަން ނެގުމަށް ވޮޝިންޓަންގެ ފެޑެރަލް ފަނޑިޔާރަކު އަމުރުކުރައްވައިފިއެވެ. ފަނޑިޔާރު މިގޮތަށް އަމުރުކުރެއްވީ، ކޮންގްރެސްގެ ރުހުމަކާ ނުލައި އެ މުއައްސަސާގެ ނަން ރަސްމީކޮށް ބަދަލުނުކުރެވޭނެކަމަށް ކަނޑައެޅުއްވުމަށްފަހުގައެވެ.
ޔޫއެސް ޑިސްޓްރިކްޓް ފަނޑިޔާރު ކްރިސްޓޯފަރ ކޫޕަރ ވަނީ، ޓްރަމްޕްގެ ނަން ހިމެނޭ ހުރިހާ ބޯޑުތަކެއް 14 ދުވަހުގެ ތެރޭގައި އެތަނުން ނެގުމަށާއި، ރަސްމީ މުއާމަލާތްތަކާއި އިޝްތިހާރުތަކުގައި "ޓްރަމްޕް ކެނެޑީ ސެންޓަރ" މި ނަން ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރަށް އަންގަވާފައެވެ.
ކޫޕަރގެ ނިންމެވުމުގައި ވިދާޅުވީ، ކެނެޑީ ސެންޓަރުގެ ގާނޫނީ ޗާޓަރުގައި އެ މުއައްސަސާއަކީ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ހަނދާނީ ބިނާއެއްކަން ސާފުކޮށް ކަނޑައަޅާފައިވާ ކަމަށާއި، އެތަނުގެ ރަސްމީ ނަން އަމިއްލައަށް ބަދަލުކުރުމުގެ އެއްވެސް އިޚުތިޔާރެއް ނުވަތަ ބާރެއް ބޯޑަށް ދީފައިނުވާ ކަމަށެވެ.






