ކިރަން ކޭރް އާއެކު އަނޫޕަމް ކޭރް ހޭދަކުރި 41 އަހަރުގެ ދިގު ދަތުރު

އިންޑިއާގެ ފިލްމީ ދުނިޔޭގެ ތަޖުރިބާކާރު އެކްޓަރު އަނޫޕަމް ކޭރް، އޭނާގެ އަނބިކަނބަލުން އަދި މަޝްހޫރު އެކްޓްރެސް ކިރަން ކޭރް އާއެކު ހޭދަކުރި 41 އަހަރުގެ ދިގު ދަތުރާމެދު ވަރަށް ޚާއްޞަ ވާހަކަތަކެއް ހިއްސާކޮށްފިއެވެ. އެކުވެރިކަމުން ފެށިގެން ދިރިއުޅުމުގެ ބައިވެރިންނަށް ބަދަލުވެގެން ދިޔަ ގޮތާމެދު ވާހަކަ ދައްކަމުން، އަނޫޕަމް ބުނީ މިއީ ދުވަހަކުވެސް އޭނާ "ހީކުރި ކަމެއް ނޫން" ކަމަށެވެ.

’ޓައިމްސް ނައު' އަށް ދިން އިންޓަވިއުއެއްގައި އަނޫޕަމް ބުނީ، އެ ދެމީހުންގެ ގުޅުން ފެށުނު ގޮތާމެދު އަދިވެސް އޭނާ ހައިރާންވާ ކަމަށެވެ. "އެހެންވެ އަހަރެން އަބަދުވެސް ބުނަނީ، ދުނިޔޭގައި ކޮންމެ ކަމެއްވެސް ވެދާނެއޭ. އަހަރެމެން ދެމީހުން ދުވަހަކުވެސް ލޯބިވެ، ކައިވެނި ކުރާނެ ކަމަކަށް އޭރު ހިޔާލަށް ވެސް ނުގެންނަން،" އޭނާ ބުންޏެވެ.

އެ ދެމީހުން ފުރަތަމަ ދިމާވީ ޗަންދީގަޅްގެ އިންޑިއަން ތިއޭޓަރު ޑިޕާޓްމަންޓުންނެވެ. އޭރު ކިރަން އަކީ ކެމްޕަހުގެ ތަރިއެކެވެ. އޭނާ އަކީ ހުނަރުވެރި ފަންނާނެއްގެ އިތުރުން، އިންޑިއާގެ ފަރާތުން ބެޑްމިންޓަން ޑަބަލްސް ކުޅުނު ކުޅުންތެރިއެއް ވެސް މެއެވެ.

އަނޫޕަމް ބުނާ ގޮތުގައި، ކިރަން އަކީ "އެންމެ ހިތްހެޔޮ" އިންސާނާއެވެ. އެ ދެމީހުންގެ އެކުވެރިކަން ބަދަހިވީ ދެމީހުންވެސް މުމްބާއީއަށް ބަދަލުވުމަށްފަހުއެވެ. އޭރު ކިރަން ހުރީ ވިޔަފާރިވެރިއެއް ކަމަށްވާ ގައުތަމް ބެރީ އާ ކައިވެނިކޮށްގެންނެވެ. އަނޫޕަމް އޭރު ދިޔައީ ފިލްމީ ދުނިޔޭގައި ކުރިއަށް ދިއުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަނޫޕަމް ބުނީ އެ ދެމީހުންގެ ގުޅުމަށް ބަދަލު އައީ ދެމީހުންގެ ޙަޔާތުގައިވެސް ދަތި ދުވަސްވަރެއް ކުރިމަތިވި ހިސާބުން ކަމަށެވެ. އަނޫޕަމް ލޯބީގެ ގުޅުމަކުން ވަކިވެގެން އުޅުނު އިރު، ކިރަން ވެސް ހުރީ އޭނާގެ ފުރަތަމަ ކައިވެނީގެ ތެރޭގައި ހިތްދަތި ދުވަސްތަކެއް ގިރާކުރަމުންނެވެ. "އެ ހިސާބުން ފުރުސަތު ފަހިވީ،" އެ ގުޅުން ލޯތްބަށް ބަދަލުވި ގޮތް ސިފަކުރަމުން އޭނާ ބުންޏެވެ. އެ ދެމީހުން ކައިވެނި ކުރީ 1985 ވަނަ އަހަރު، ކިރަން ފުރަތަމަ ފިރިމީހާ އާ ވަކިވުމަށްފަހުއެވެ. ކިރަންގެ ފުރަތަމަ ކައިވެނިން އޭނާއަށް ފިރިހެން ކުއްޖަކު (އެކްޓަރު ސިކަންދަރު ކޭރް) ލިބިފައިވެއެވެ.

40 އަހަރުގެ ކައިވެނި ދެމެހެއްޓެނީ ކިހިނެއް؟

ކައިވެނީގެ ދިގު ދަތުރާމެދު ވާހަކަ ދައްކަމުން އަނޫޕަމް ބުނީ، ކައިވެންޏަކީ ފުރިހަމަ އެއްޗެއް ނޫން ކަމަށާއި، ކައިވެނި ދެމެހެއްޓެނީ އެކަކު އަނެކަކަށް ކުރާ އިހްތިރާމުން ކަމަށެވެ. "40 އަހަރުގެ ކައިވެންޏެއްގައި އަބަދު ހުރިހާ ކަމެއް ރަނގަޅަށް ދިއުމަކީ ވަރަށް އުނދަގޫ ކަމެއް. މާޔޫސްވާ ފަހަރުތައް އަންނާނެ. އެކަމަކު އެންމެ މުހިންމީ އެކަކު އަނެކަކަށް ކުރާ އިހްތިރާމް،" އޭނާ ބުންޏެވެ. އަދި އެ ދެމީހުންގެ ގޭތެރޭގައި "ފިލްމީ ވައްޓަފާޅި" ނޯންނަ ކަމަށާއި، ދެމީހުންނަކީ ހަމަހަމަ ބައިވެރިން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އަނޫޕަމް ވަނީ ކިރަން އާއެކު ދަރިއަކު ހުރި ނަމަ ކިހިނެއް ވާނެބާއޭ ބައެއް ފަހަރު ހިތަށް އަރާ ކަމަށް ހާމަކޮށްފައެވެ. "މިއީ އަހަރެންގެ ދިރިއުޅުމުގައި ހިތާމައެއް ނޫން. އެކަމަކު އެއީ ރަނގަޅު ކަމަކަށް ވީހޭ ބައެއް ފަހަރު ހިތަށް އަރާ،" އޭނާ ބުންޏެވެ.

އެތައް އަހަރެއް ވޭތުވެ، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އެ ދެމީހުންގެ ގުޅުމުގައި އަދިވެސް އޮތީ "އެކަކު އަނެކަކަށް ކުރާ އިހްތިރާމާއި، ހަމްދަރުދީއާއި، އެކުވެރިކަމެވެ. މިއީ އެންމެ މުހިންމު ކަންތަކެވެ."

ހިއްސާ ކުރައްވާ!