އާލިއާ ބަޓް އަދި ޝަރްވަރީގެ 'އަލްފާ' ޖުލައި 3 ގައި ރިލީޒްކުރަން ނިންމައިފި

އާލިއާ ބަޓް އަދި ޝަރްވަރީ ލީޑް ރޯލުން ފެނިގެންދާ، ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ވައިއާރްއެފް ސްޕައި ޔުނިވާސްގެ ފިލްމު 'އަލްފާ' ކުރިން ރާވާފައިވާ ތާރީޚަށްވުރެ އެއް ހަފްތާ އަވަހަށް ސިނަމާތަކަށް އަންނާނެއެވެ. މިހާރު މި ފިލްމު ރިލީޒްކުރާ ތާރީޚު ވަނީ ޖުލައި 10 އިން ޖުލައި 3 އަށް ބަދަލުކޮށްފައެވެ. އިންޑަސްޓްރީގެ މަސްދަރުތަކުން ބުނާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ޖުލައި މަހު ފިލްމުތައް ރިލީޒްކުރާ ކަލަންޑަރަށް ގެނައި ސްޓްރެޓީޖިކް ބަދަލުތަކަކާ ގުޅިގެންނެވެ.

މަޝްހޫރު މަލްޓިޕްލެކްސް ޗެއިނެއްގެ އިސް އޮފިޝަލަކު ބުނި ގޮތުގައި، މި އާ ތާރީޚު ހުސްވީ ކުރިން ޖުލައި 3 ގައި ރިލީޒްކުރަން ހަމަޖެހިފައި އޮތް 'ދަމާލް 4′ ޖުލައި 17 އަށް ފަސްކުރުމާ ގުޅިގެންނެވެ. އެ ތާރީޚުގައި ބޮލީވުޑްގެ ބޮޑު އެހެން ފިލްމެއް ރިލީޒްކުރަން ނެތުމާއެކު، ޕްރޮޑިއުސަރު އަދިތްޔާ ޗޯޕްޅާ ނިންމީ 'އަލްފާ' އަވަސްކޮށް، ބޮކްސް އޮފީހުގައި އެ ފިލްމަށް ފަހި ފުރުސަތެއް ހޯދައިދިނުމަށެވެ.

ޓްރޭޑް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، މި ބަދަލުގެ ސަބަބުން ޖުލައި 17 ގެ ބާރުބޮޑު ހަފްތާބަންދާ 'އަލްފާ' އަށް ކުރިމަތިލާކަށް ނުޖެހޭނެއެވެ. ޖުލައި 17 ގައި މިހާރު 'ދަމާލް 4′ ގެ އިތުރުން ކްރިސްޓޮފަރ ނޯލަންގެ 'ދި އޮޑިސީ' ވެސް ރިލީޒްކުރާނެއެވެ.

މި އާ ތާރީޚާއެކު، ވާދަވެރިކަމެއް ނެތި ފިލްމުގެ ވިޔަފާރި އެންމެ ފުޅާކުރުމަށް މެދުކެނޑުމެއްނެތި ދެ ހަފްތާ ލިބިގެންދާނެއެވެ.

’އަލްފާ' އަކީ ވައިއާރްއެފް ސްޕައި ޔުނިވާސްއަށް އަންނަ ވަރަށް މުހިންމު ބަދަލެކެވެ. ކުރީގެ ފިލްމުތަކާ ޚިލާފަށް، ޖާސޫސުންގެ ބަދަލުގައި އާލިއާ ބަޓްގެ ކެރެކްޓަރ ފެނިގެންދާނީ ގާތިލެއްގެ ގޮތުގައެވެ. މިއީ މި ފްރެންޗައިޒްގެ އާދަކާދަތައް މުގުރާލާ، އަނދިރި އަދި އޮޅުންބޮޅުން ބޮޑު ލީޑް ރޯލެކެވެ. އިންޑަސްޓްރީގެ އެތެރޭގެ ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ މީގެ ކުރިން ފެނިފައިނުވާ 'އެންޓި-ހީރޯ' ޓޯނެއް ތަޢާރަފުކޮށް، ސްޕައި ޔުނިވާސް ފުޅާކުރުމަށް އެޅޭ ވަރަށް ކެރޭ ފިޔަވަޅެކެވެ.

މަޝްހޫރު ސީރީޒް 'ދަ ރެއިލްވޭ މެން' އިން ފާހަގަކޮށްލެވުނު ޑައިރެކްޓަރު ޝިވް ރަވައިލް ޑައިރެކްޓްކުރާ މި ފިލްމުގައި ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރު ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

މިހާރު ޖުލައި 3 އަށް ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވުމާއެކު، 'އަލްފާ' ވެގެންދާނީ އެ މަހު ސިނަމާތަކަށް އަންނަ އެންމެ ބޮޑު އެއް ފިލްމަށެވެ. ޚާއްޞަކޮށް އެ ތާރީޚުގައި ބޮލީވުޑްގެ އެހެން ފިލްމެއް ވާދަކުރަން ނެތުމަކީ މި ފިލްމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ހިއްސާ ކުރައްވާ!