ހަގީގަތުގައި ދެ ކެލިފޯނިއާއެއް އޮންނަކަން ތިބާއަށް އެނގޭ ހެއްޔެވެ؟
އެއް ކެލިފޯނިއާއަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާ އެވެ. އެމެރިކާގެ ދަށަށް މިސްޓޭޓް ގެންދިއުމުގެ ކުރިން އެ ސަރަހައްދަކީ މެކްސިކޯގެ ބައެކެވެ. ސްޕެނިޝް ބަހުން ކުރިން އެތަނަށް ކިޔައި އުޅުނީ އޯލްޓާ ކެލިފޯނިއާ (Alta California) ނުވަތަ މަތީ ކެލިފޯނިއާ އެވެ.
އަނެއް ކެލިފޯނިއާ އަކީ އަދިވެސް މެކްސިކޯގެ ބައެކެވެ. އެތަނަށް ކިޔަނީ ބާހާ ކެލިފޯނިއާ (Baja California) ނުވަތަ ތިރީ ކެލިފޯނިއާ އެވެ.
ބާހާ ކެލިފޯނިއާ އަކީ ޕެނިންސިއުލާއެކެވެ. އެއީ ތިން ފަރާތުން ފެން ވަށާލެވިފައިވާ ދިގު، ހަނި ބިމެކެވެ.
1500 ގެ އަހަރުތަކުގެ ތެރޭގައި، ބާހާ ކެލިފޯނިއާ ގައި ވަޒަންވެރިވި ޔޫރަޕްގެ ފުރަތަމަ މީހުންނަކީ ސްޕެއިން މީހުންނެވެ. ސްޕެއިން މީހުންނަށް އޮޅިގެން ހީކުރެވިފައި އޮތީ ބާހާ ކެލިފޯނިއާ އަކީ ވަކި ޖަޒީރާއެެއް ކަމަށެވެ. އެއީ އަސްލު މައި ފަސްގަނޑާ ގުޅިފައިވާ ތަނެއްކަން އެމީހުންނަށް އޭރަކު ނޭނގެއެވެ.
އެހެންކަމުން ސްޕެއިން މީހުން އެތަނަށް ނަން ދިނީ، 1500 ގެ އަހަރުތަކުގައި މަގުބޫލުވެފައި އޮތް ސްޕެއިންގެ ޚިޔާލީ ވާހަކަފޮތެއް ކަމަށްވާ "ދަ އެޑްވެންޗާސް އޮފް އެސްޕްލަންޑިއަން" (The Adventures of Esplandian) ގައި ކިޔައިދީފައި އޮތް ޖާދޫވީ ރަށަކަށް ނިސްބަތްކޮށެވެ.
އެ ވާހަކަފޮތުގައި އެ ރަށަށް ކެލިފޯނިއާ ކިޔާފައިވަނީ ކީއްވެގެން ހެއްޔެވެ؟
އެތަނަށް ކެލިފޯނިއާ ކިޔާފައިވަނީ، އެ ރަށުގެ މީހުން ސްޕެއިންގެ ނަސާރާއިންނާ ދެކޮޅަށް މުސްލިމުންނާ ގުޅިގެން މަސައްކަތްކުރީމައެވެ. އެހެން އިބާރާތަކުން ބުނާނަމަ، ކެލިފޯނިއާ (ޚެލިފޯނިއާ) އަކީ ޚަލީފާއާ ގުޅިފައި ތިބޭ މީހުންގެ ބިމެވެ.
އެހެންކަމުން ކެލިފޯނިއާ މި ނަމަކީ އަންދަލުސްގެ ޚަލީފާއަށް ނިސްބަތްކޮށްފައިވާ ޚަލީފާއާ ގުޅިގެން ކިޔާ ނަމެކެވެ. ސޮލީބީންނަށް މިކަމުގެ ހަގީގަތް އެނގި ކެލިފޯނިއާ "ޚަލީފާގެ ބިން" މިނަމުން އެހެން ނަމަކަށް ބަދަލުކޮށްފާނެ ބާވައެވެ؟
ކެލިފޯނިއާ ސްޓޭޓަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ފަސްގަނޑެވެ. އެތަނަކީ ދުނިޔޭގެ އެންމެ ކުރީގައި އުޅޭ 5 އިގްތިސާދުގެ ތެރޭގައި ހިމެނޭ، އަދި ޓެކްނޮލޮޖީއާއި، މުނިފޫހިފިލުވުމާއި، ސައިންސާއި، ދަނޑުވެރިކަމުގެ އިތުރުން މޫސުމާބެހޭ ސިޔާސަތުތަކުގައިވެސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެއ ސްޓޭޓެވެ. މީގެ ސަބަބުން، އެ ސްޓޭޓަކީ ޒަމާނީ ދުނިޔޭގެ މީހުން ދިރިއުޅޭ ގޮތާއި، މަސައްކަތްކުރާ ގޮތް، އަދި މުސްތަގުބަލާމެދު ތަސައްވުރުކުރާ ގޮތް ބައްޓަންކޮށްދޭ ސްޓޭޓަކަށް ވަނީ ވެފައެވެ.




