ސިންގަޕޫރުގައި ބޭއްވި ޝަންގްރިލާ ޑައިލޮގްގައި، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ އަސްކަރީ ބާރުވެރިކަން ފުޅާކުރަމުންދާ ދިއުމާ ގުޅޭގޮތުން ވޮޝިންޓަނުން މިހާތަނަށް ދިން އެންމެ ވަރުގަދަ އެއް މެސެޖު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ދެއްވައިފިއެވެ.
މެދުަުއިރުމަތީގައި ގަދަބާރު ދައްކާ އެމެރިކާގެ ވަޒީރު ސަރަހައްދީ ބައިވެރިންނަށް ވިދާޅުވީ "އެއްވެސް ގައުމަކަށް ގަދަބާރުން ނުފޫޒު ނުފޯރުވޭނެ" ކަމަށެވެ. މިއީ ބެއިޖިންގ އިން އެމީހުންގެ އަސްކަރީ ބާރުވެރިކަން ހަލުވިކަމާއެކު އިތުރުކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާ ދަމާލި ހަރުކަށި ރަތް ރޮނގެއްކަން އަންގައިދޭ ކަމެއް ކަމަށް މީޑިއާ ބުނެއެވެ.
ހުރުމުޒު ކަނޑު އޮޅީގައި އެމެރިކާއިން ހަމަނުޖެހުން އުފެއްދުމާ ގުޅިގެން ހަކަތައިގެ އަގު ބޮޑުވެ ދުނިޔޭގެ އިގްތިސާދު ހީނަރުވެފައިޥާ ދުވަސްވަރެއްގައި ހެގްސެތު ވަނީ އޭޝިއާގެ ބައިވެރިން އެމީހުންގެ ދިފާއީ ހޭދަ އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި، ސަރަހައްދީ ސަލާމަތަށް އިތުރަށް އެހީތެރިވުމުގެ ގާބިލުކަން ހުރި މުއްސަނދި ބައިވެރިންގެ ސަލާމަތީ ކަންކަމަށް އެމެރިކާއިން އަބަދު ހޭދައެއް ނުކުރާނެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ، ޗައިނާގެ ހުޅަނގު-އުތުރުގެ މިސައިލް ފީލްޑްތަކާ ކައިރީގައިވާ ލޯންޗް ޕެޑްތަކާއި ވަރުގަދަކޮށްފައިވާ ތަންތަން ޗައިނާއިން އިތުރަށް ވަރުގަދަކުރަމުންދާކަން ސެޓެލައިޓް މަންޒަރުތަކުން ފެންނަމުންދާ ކަމަށް ރިޕޯޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ ބެއިޖިންގ އަށް ދެވަނަ ހަމަލާއެއް ދިނުމުގެ ގާބިލުކަން އިތުރުކޮށްދީފާނެ ކަންތައްތަކެއް ކަމަށް މުހައްލިލުން ބުނެއެވެ.
ދެކުނު ޗައިނާ ކަނޑާއި، ޓައިވާން ކަނޑުއޮޅީގެ އިތުރުން މުޅި އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަން އިތުރަށް ބޮޑުވަމުންދާ ދަނޑިވަޅެއްގައި، އޭޝިއާގައި ގުޅިގެން މަސައްކަތްކުރާ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރުމަށް ވޮޝިންޓަނުން ބޭނުންވާ ކަން ހާމަ ވެއެވެ.





