ބަންގްލަދޭޝްގައި ކުޑަކުދިން ރޭޕްކުރުން ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންދާ ކަމަށް އިންޒާރުދީފި

ބަންގްލަދޭޝްގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންދާކަން ފާހަގަ ކޮށް މީޑިއާއިން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނަސްފިއެވެ. ބަނގްލަދޭޝްގައި ގައުމީ ފެންވަރުގައި މިކަމާ މެދު ފުންކޮށް ވިސްނުމަށް ކުއްލި ގޮވާލުމެއް ސަރުކާރަށް ގޮވާލާފައިވާއިރު، މިފަދަ ޖަރީމާތައް ހިނގުމަށް މަގުފަހިވާ ނިޒާމީ ފޭލިވުންތަކާ ގައުމުން ކުރިމަތިލާންޖެހޭ ކަމަށް މީޑިއާއިން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގައި ކުޑަކުދިންނަށް ގޯނާކުރާ މީހުންގެ 90% އަކީ ކުއްޖާއަށް ދަންނަ މީހުން ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. މިފަދަ ޢަމަލުތައް ގިނައިން ހިނގަނީ ކުއްޖާގެ ގޭތެރޭގައި ނުވަތަ ގޭގެ ވަށައިގެންވާ މާޙައުލުގައިކަން ހާމަވެއެވެ.

ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ 'ޝިޝުރައި ޝޮބް' އިން ޢާންމުކުރި މި ހޯދުންތަކަކީ 2025 ވަނަ އަހަރުގެ ނޫސް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ހޯދުންތަކެކެވެ. މި ހޯދުންތަކުން ދައްކާގޮތުގައި، ކުޑަކުދިންނަށް އެންމެ ބޮޑު ނުރައްކަލެއް އޮންނަނީ ނުދަންނަ މީހުންގެ ފަރާތުންކަމަށް ޢާންމުކޮށް ޤަބޫލުކުރެވޭ ކުރުމާ މި ނަތީޖާތައް މުޅިން ޚިލާފެވެ.

ރެކޯޑުކުރެވިފައިވާ ރޭޕްގެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ނިސްބަތްތައް:

  • 40.58 އިންސައްތަ: އަވަށްޓެރިން
  • 21.43 އިންސައްތަ: ދަންނަ މީހުން
  • 14.61 އިންސައްތަ: މުދައްރިސުންނާއި ދީނީ އިރުޝާދުދޭ މީހުން
  • 13.64 އިންސައްތަ: ގާތް ތިމާގެ މީހުން
  • 10 އިންސައްތައަށްވުރެ ދަށް: ނުދަންނަ މީހުން

ރިޕޯޓުން އިތުރަށް ހާމަވިގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާތައް ގިނައިން ހިނގާފައިވަނީ ގޭތެރޭގެ މާޙައުލުގައެވެ. ކުޑަކުދިން މަރާލާފައިވާ 124 މައްސަލައިގެ ތެރެއިން 66.12 އިންސައްތަ އަދި ޖިންސީ ގޯނާގެ 308 މައްސަލައިގެ ތެރެއިން 59.09 އިންސައްތަ ހިނގާފައިވަނީ ގޭތެރޭގައި ނުވަތަ ޢާއިލީ މާޙައުލެއްގައެވެ. މީގެ ތެރެއިން 38 ކުއްޖަކު މަރާލާފައިވަނީ އުފަން މައިންބަފައިންނެވެ. 26 ކުއްޖަކު ގާތް ތިމާގެ މީހުން މަރާލާފައިވާއިރު، 18 ކުއްޖެއްގެ މަރާ އަވަށްޓެރިންނާ ގުޅުން ހުރިކަމަށް ވަނީ ހާމަވެފައެވެ.

މި ހޯދުންތައް ޢާންމުކޮށްފައިމިވަނީ، މުޅި ޤައުމު ސިއްސުވާލި ދެ ހާދިސާއެއް ދާދިފަހުން ހިނގާފައިވަނިކޮށެވެ. ޑާކާގެ ޕައްލަބީ ސަރަޙައްދުގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލުމަށްފަހު، އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އަވަށްޓެރިއެއްގެ ގެއިންނެވެ. އަދި ސިލްހެޓްގައި، 4 އަހަރުގެ ކުއްޖަކު ރޭޕްކުރަން އުޅެ، އެކުއްޖާ މަރާލި މައްސަލައެއްގައި ފުލުހުން ވަނީ އަވަށްޓެރިއަކު ހައްޔަރުކޮށްފައެވެ.

މާހިރުން ވިދާޅުވާ ގޮތުގައި މިކަމުން ދައްކުވައިދެނީ އިޖުތިމާޢީ އަދި މުއައްސަސާތަކުގެ ބޮޑެތި ފޭލިވުންތަކެކެވެ.

  • ކްރިމިނޮލޮޖިސްޓް ސުމައްޔާ އިޤްބާލް: ކުށްކުރާ މީހުން ކުޑަކުދިންނަށް އަމާޒުކުރަނީ އެކުދިންނަކީ ނިކަމެތި، އަދި ގިނަ ފަހަރަށް ލިބޭ އަނިޔާގެ ވާހަކަ ކިޔައިދޭން ނޭނގޭ ކުދިންނަށް ވާތީކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނީ ފިޔަވަޅުތައް ބަލިކަށިވުމާއި، އަދަބު ދިނުމުގައި ހަމަހަމަކަމެއް ނެތުމުގެ ސަބަބުން މިފަދަ ކުށްތައް ތަކުރާރުވުމަށް މަގުފަހިވާކަމަށް އޭނާ އިންޒާރުދެއްވިއެވެ.

  • ސޯޝިއޮލޮޖިސްޓް ސަމީނާ ލުތުފާ: މިފަދަ އަނިޔާތައް އިތުރުވަމުންދަނީ މުޖުތަމަޢުގައި އަށަގަނެފައިވާ ފިރިހެނުންނަށް އިސްކަންދިނުމުގެ ވިސްނުމާއި، އޮންލައިންކޮށް ފެތުރެމުންދާ ޖިންސީ ކޮންޓެންޓްގެ ސަބަބުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޖިންސީ އަނިޔާއަކީ ގިނަ ފަހަރަށް ޖިންސީ އެދުންވެރިކަމަށްވުރެ ބޮޑަށް ބާރާއި ކޮންޓްރޯލް ދެއްކުމުގެ ގޮތުން ކުރާ ކަމެއްކަމަށާއި، އިޤްތިޞާދީ ދަތިކަމުގެ ދުވަސްވަރު މިފަދަ ކަންކަން އިތުރުވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

  • ސައިކޭޓްރިސްޓް ހިލާލުއްދީން އަޙްމަދު: އިތުބާރުކުރާ ބަޔަކު ދޭ މިފަދަ އަނިޔާތަކުގެ ސަބަބުން ކުއްޖާއަށާއި މުޖުތަމަޢުއަށް ދިގުމުއްދަތުގެ ނަފްސާނީ ގެއްލުންތަކާ ކުރިމަތިލާންޖެހޭނެކަން ފާހަގަކުރެއްވިއެވެ. ޝަރުޢީ މަރުޙަލާތައް ލަސްވުމުގެ ސަބަބުން ޢާންމުންގެ މެދުގައި މާޔޫސްކަމާއި ބިރުވެރިކަން އިތުރުވަމުންދާކަމަށް އޭނާ އިންޒާރުދެއްވިއެވެ.

މި ރިޕޯޓުގައި ޖަވާބުދާރީކުރުވުމުގައި އޮތް ބޮޑު މައްސަލައަކަށްވެސް އަލިއަޅުވާލާފައިވެއެވެ. 2025 ވަނަ އަހަރު ރެކޯޑުކުރެވިފައިވާ ކުޑަކުދިން މަރާލުމުގެ 124 މައްސަލައިގެ ތެރެއިން ރަސްމީކޮށް ދަޢުވާ އުފުލިފައިވަނީ އެންމެ 35 މައްސަލައިގައެވެ. އަދި ކުށް ސާބިތުވެފައިވަނީ އެންމެ 2 މައްސަލައިގައެވެ.

’މަނުޝޭރް ޖޮއްނޯ ފައުންޑޭޝަން' ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝާހީން އަނަމް ވިދާޅުވި ގޮތުގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތަކުގައި ކުށް ސާބިތުވާ ނިސްބަތް އުޅެނީ 1 އިންސައްތައަށްވުރެވެސް ދަށްކޮށެވެ. އޭނާ ގޮވާލެއްވީ ޢާންމުންގެ ޕްރެޝަރާ ގުޅިގެން ވަގުތީ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިންސާފު ޤާއިމުކުރުމަށެވެ.

ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާގޮތުގައި ބަންގްލަދޭޝްއަށް ބޭނުންވަނީ ޤައުމީ ފެންވަރުގެ ހަރުދަނާ ފިޔަވަޅުތަކެކެވެ. ސަރުކާރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ދާއިމީ ގޮތެއްގައި މަސައްކަތްކުރާނެ 'ނޭޝަނަލް ޗައިލްޑް ކޮމިޝަން' އެއް އުފެއްދުން
  • ގޭތެރޭގައި ހިނގާ އަނިޔާތައް ދުރާލާ ދެނެގަނެވޭނެ ނިޒާމުތައް ހަރުދަނާކުރުން
  • އަމިއްލަ ސަލާމަތްތެރިކަން ހޯދުމާ ގުޅޭގޮތުން ކުޑަކުދިންނަށް މަޖުބޫރުކޮށް ތަޢުލީމު ދިނުން ތަޢާރަފުކުރުން

މީގެ އިތުރުން، ކުދިންގެ ސަލާމަތްތެރިކަމުގެ ފުރަތަމަ އައްޑަނައަކީ ޢާއިލާކަން އެފަރާތްތަކުން ފާހަގަކުރިއެވެ. ކުދިން އުޅޭނޫޅޭގޮތް ގާތުން ބެލުމަށާއި، ކުދިންގެ މިޒާޖަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، އަދި ޢާއިލާގެ އަބުރަށްވުރެ ބޮޑަށް އިންސާފު ހޯދުމަށް އިސްކަންދިނުމަށް މައިންބަފައިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!