ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިޔާއުއްރަހުމާން އަވަހާރަކޮށްލިތާ 45 އަހަރު ފުރުމުގެ މުނާސަބަތު އެ ގައުމުން ފާހަގަކުރަމުންދާއިރު، އިންޑިއާއިން ވަނީ އޭނާގެ ހަނދާން އައުކޮށް އިހުތިރާމް އަދާކޮށްފައެވެ. ޑާކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ހިއްސާކުރި ބަޔާނެއްގައި، ނިއުދިއްލީން ވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހު ޒިޔާ ރޭޑިއޯ މެދުވެރިކޮށް ދެއްވި ތާރީޚީ ތަގުރީރު ހަނދާނަށް ގެނެސްފައެވެ. އަދި އެއީ "އާންމުންގެ ހިތްތަކުގައި ޖޯޝް އުފައްދައިދިން" އަދި ގައުމީ މިނިވަންކަމުގެ ޖިހާދަށް ހިތްވަރު ލިބިގެންދިޔަ ވަގުތުކޮޅެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ގުރުބާނީއާއި، ކުރިއެރުމާއި، އަދި ފާގަތިކަމުގެ ބައިވެރިވުމުގެ ދަތުރުގައި އިންޑިއާ އޮތީ ބަންގްލަދޭޝްގެ ރައްޔިތުންނާއެކު "ކޮނޑާއި ކޮނޑުޖައްސައިގެން" ސާބިތުވެ ކަމަށެވެ.
ޒިޔާ ބާނީއެއްގެ ގޮތުގައި ހުންނަވައި އުފެއްދެވި ބީއެންޕީ އިން ދަނީ މޭ 25 އިން ޖޫން 1 އަށް، އަށް ދުވަހުގެ ޕްރޮގްރާމަކާއެކު މި އަހަރީ ދުވަސް ފާހަގަކުރަމުންނެވެ. ޒިޔާ އަވަހާރަކޮށްލާފައިވަނީ 30 މޭ 1981 ގައި ޗަޓގްރާމް ސާކިޓް ހައުސްގައެވެ. ޕާޓީން ސިފަކުރާ ގޮތުގައި އެއީ ގައުމުގެ އެތެރެއާއި ބޭރުގެ ރޭވުންތަކެއްގެ ތެރެއިން ހިންގި ޖަރީމާއެކެވެ.
ޒިޔާއުއްރަހުމާން އަވަހާރަވިތާ 45 އަހަރު ފުރުމުގެ މުނާސަބަތުގައި ތާރިގް ރަހުމާން އިހުތިރާމް އަދާކުރައްވައިފި
ބަންގްލަދޭޝްގެ ބޮޑުވަޒީރު އަދި ބީއެންޕީގެ ޗެއަރމަން ތާރިގް ރަހުމާން، އޭނާގެ ބައްޕަ، ކުރީގެ ރައީސް އަދި ބީއެންޕީގެ ބާނީ ޒިޔާއުއްރަހުމާން އަވަހާރަވިތާ 45 އަހަރު ފުރުމުގެ ހަނދާން އައުކުރައްވައި އިހުތިރާމް އަދާކުރައްވައިފިއެވެ.
ތާރިގް، ޝޭރޭ ބަންގްލާ ނަގަރުގައި ހުންނަ ޒިޔާގެ މަގްބަރާއަށް ވަޑައިގަތީ ހެނދުނު 11 ޖަހާކަންހާއިރުއެވެ. އަދި ފުރަތަމަ ބޮޑުވަޒީރުގެ ހައިސިއްޔަތުން އަދި އެއަށްފަހު ޕާޓީގެ ޗެއަރމަންގެ ހައިސިއްޔަތުން އެތަނުގައި މާބޮނޑިއެއް ބޭއްވެވިއެވެ. އޭނާގެ އަރިހުގައި ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރް އާއި ސްޓޭންޑިންގ ކޮމިޓީގެ އިސް މެންބަރުން ކަމަށްވާ ގަޔޭޝްވަރު ޗަންދުރަ ރޯއި، އަބްދުލް މުއީން ޚާން، ސަލާހުއްދީން އަހުމަދު އަދި ޒާހިދު ހުސައިން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މެންބަރުންނާއި، މުޝީރުންގެ އިތުރުން ބީއެންޕީގެ ގިނަ އަދަދެއްގެ ލީޑަރުން ބައިވެރިވެވަޑައިގަތެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު، މަގްބަރާ ހުންނަ ސަރަހައްދުގައި ދުޢާ ކުރުމުގެ ހަރަކާތެއްގައި ތާރިގް ބައިވެރިވެވަޑައިގަތެވެ. އެއަށްފަހު އޭނާ ވަނީ، ކުރިން އިޢުލާންކޮށްފައިވާ އިންސާނީ އެހީގެ ކެމްޕޭނެއް ފައްޓަވައިދެއްވާފައެވެ. މިއީ މާނިކް މިއާ އެވެނިއުއިގައި ހުންނަ ރާޖްދާނީ ހައިސްކޫލުން ފެށިގެން، ޑާކާގެ ކުޑަ އާމްދަނީ ލިބޭ އާއިލާތަކަށް ކާބޯތަކެއްޗާއި އަންނައުނު ބެހުމުގެ ކެމްޕޭނެކެވެ.
ދުވަހުގެ އިތުރު ވަގުތުތަކުގައި ވެރިރަށުގެ 16 ސަރަހައްދެއްގައި ބާއްވާ މިފަދަ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި އެހީގެ ތަކެތި ބެހުމާއި ހިލޭ މެޑިކަލް ޚިދުމަތް ދިނުން ހިމެނެއެވެ. ބީއެންޕީން ދަނީ މުޅި ގައުމުގައި އެކި ޕްރޮގްރާމްތަކާއެކު ޒިޔާއުއްރަހުމާން އަވަހާރަވި ދުވަހުގެ ހަނދާންތައް ގައުމީ ފެންވަރުގައި އައުކުރަމުންނެވެ.






