މުސްލިމުން އަބަދުވެސް މައްކާއަށް ގޮސް 6 ދުވަހުގެ މުއްދަތަށް ކުރިއަށްދާ، ހައްޖުގެ ފަރީޟާގެ މަތިންދާބޯޓުގެ ޓިކެޓްގެ އަގު ސުންޕާ ޓްރަމްޕާ ހެދި މިއަހަރު އިންތިހާއަށް މައްޗވަށް ގޮސްފިކަމަށް ބްލޫމްބާގުން ރިޕޯޓު ކުރެއެވެ.
މެދުއިރުމަތީގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮތް މިޞްރުގެ ޓޫރިޒަމް ޗެމްބަރާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އުދުހޭބޯޓުގެ ޓިކެޓުގެ އެވްރެޖް އަގު ވަނީ 30,000 މިޞްރު ޕައުންޑުން 50,000 މިޞްރު ޕައުންޑަށް (956 ޑޮލަރަށް) މަތިވެފައެވެ. އަދި ޙައްޖުވެރިން އާންމُކޮށް އިޚްތިޔާރުކުރާ ޙައްޖު ޕެކޭޖްތަކުގެ އަގުތައްވެސް ވަނީ 30% ބޮޑުވެފައެވެ. އެގޮތުން ކުރިން 70,000 ޕައުންޑަށް ލިބުނު ބައެއް ޕެކޭޖްތަކުގެ އަގު މިހާރު ވަނީ 90,000 ޕައުންޑަށް އުފުލިފައެވެ.
މިއަހަރުގެ ޙައްޖު ދަތުރުތައް މިދިމާވީ، ފެބްރުއަރީ މަހުން ފެށިގެން ޚަލީޖު ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރުވާފައިވާ ޓްރަމްޕްގެ ހަނގުރާމައިގެ އަސަރުތަކާ އެކުގައެވެ. މީގެ ސަބަބުން ފްލައިޓްތަކަށް ބޭނުންކުރާ ތެލުގެ އަގު ރެކޯޑް މިންވަރަކަށް މަތިވެ، އޭގެ ނޭދެވޭ އަސަރު ސީދާ ޓިކެޓް އަގުތަކަށް ވަނީ ކޮށްފައެވެ.
-
ޖަޒީރާ އެއާވޭސް: ރަޝިޔާއާއި މެދުތެރޭ އޭޝިއާގެ ގައުމުތަކުން 30,000 އަށްވުރެ ގިނަ ޙައްޖުވެރިން މައްކާއަށް އުފުލާ ކުވެއިތުގެ މި ކުންފުނިން ބުނިގޮތުގައި، ތެލުގެ އަގަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް ކުރިން ފިޔަވަޅު އަޅާފައި ނުވުމުގެ ސަބަބުން، މިއަހަރު އެ ކުންފުނީގެ އަގުތައް ވަނީ 40% މަތިވެފައެވެ.
-
ވީގޯ ރިޕޯޓް: ޓްރެވަލް ކުންފުންޏެއް ކަމަށްވާ "ވީގޯ" އިން ބުނާގޮތުގައި، މިޞްރު، ޕާކިސްތާން އަދި އިންޑިއާ ފަދަ މުސްލިމް އާބާދީ ބޮޑު ގައުމުތަކުން ސައުދީއަށް ކުރާ ދަތުރުތަކުގެ އަގުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20% އާއި 40% އާ ދެމެދުގެ މިންވަރަކަށް ވަނީ އުފުލިފައެވެ. އަދި ބައެއް ދަތުރުތަކުގެ އަގު ގާތްގަނޑަކަށް 50% ބޮޑުވެފައިވެއެވެ.
ޙައްޖުގެ އިޤްތިޞާދުން ސައުދީގެ އާމްދަނީ އިތުރުވުން
ޓްރަމްޕާ ހެދި އުފެދިފައިވާ ހަލަބޮލިކަމުގެ އަސަރު ސައުދީ އަރަބއްޔާއަށް ސީދާ ގޮތުން މާބޮޑަށް ނުކުރި ނަމަވެސް، އަގުތައް ބޮޑުވުމުގެ އަސަރު އެގައުމަށާއި، ބޭރުގައުމުތަކުން ޙައްޖަށްދާ 1.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ކުރާނެއެވެ.
ޙައްޖަކީ އަބަދުވެސް ސައުދީގެ ފަތުރުވެރިކަމުގެ އިގްތިސާދާއި ސަހަރާގައި ބިނާ ކުރާ ކުރާ ޚިޔާލީ ސިޓީތައް ބިނާ ކުރުމަށް ފައިސާ ހޯދަން އޮންނަ ބޮޑު ވިޔަފާރިއެކެވެ. ސައޫދީއަށް ހައްޖުން ލިބޭ އާމްދަނީ ރާއްޖޭގެ މުޅި އަހަރުގެ ބަޖެޓަށް ވުރެން އެތައް ގުނަ ބޮޑު އާމްދަނީއެކެވެ.
ސައުދީން ކޮންމެ ގައުމަކަށްވެސް ޙައްޖަށް ދެވޭނެ ވަކި ކޯޓާއެއް ކަނޑައަޅާފައިވާއިރު، މި ކޯޓާތައް ހޯދުމަށް ގިނަ ބަޔަކު ދިގު ކިއޫތަކެއްގައި މަޑުކުރަންޖެހެއެވެ.
ސައުދީން ދަނީ ޙައްޖުވެރިންގެ ފުށުން ލިބޭ އާމްދަނީ ގެ ދާއިރާތައް އިތުރުކުރުމަށްޓަކައި ދީނީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ. "ފިއުޗަރ މާކެޓް އިންސައިޓްސް" ގެ ދިރާސާތަކުން ދައްކާގޮތުގައި، 2034 ވަނަ އަހަރާ ހަމައަށްދާއިރު ޙައްޖުގެ އިޤްތِޞާދީ އަގު ތިންގުނަވެ، 350 ބިލިއަން ޑޮލަރަށް އަރާނެއެވެ.






