ޔޫއޭއީން އީރާނަށް ގިނަ އަދަދެއްގެ ވައިގެ ހަމަލާތަކެއް ދިން ކަމަށް ބުނެފި

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ކުރީކޮޅާއި، އޭޕްރިލް މަހު އިއުލާނުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުވެސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނުގެ އެތެރޭގެ އެކި ސަރަހައްދުތަކަށް އެތައް ބައިވަރު ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފިއެވެ. ހުކުރު ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، މި ހަނގުރާމައިގައި ޔޫއޭއީން ބައިވެރިވި މިންވަރު ކުރިން ހީކުރެވުނު ވަރަށް ވުރެ މާ ބޮޑެވެ.

އެމެރިކާ އާއި އިސްރާއީލުގެ ޖާސޫސީ އެހީތެރިކަމާއެކު ދިން ހަމަލާތައް

ތަފާތު މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، އިސްރާއީލާއި އެމެރިކާއިން ވަނީ ޔޫއޭއީން ދިން ހަމަލާތަކަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ފޯރުކޮށްދީފައެވެ. ޔޫއޭއީގެ ހަމަލާތައް އަމާޒުކޮށްފައިވާ މުހިންމު ބައެއް ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ:

  • ގޭޝްމް ޖަޒީރާ
  • އަބޫ މޫސާ ޖަޒީރާ
  • ބަންދަރު އައްބާސް ގެސިޓީ
  • ލަވާން ޖަޒީރާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާ
  • އަސަލުޔޭގައި ހުންނަ ޕެޓްރޯކެމިކަލް ކޮމްޕްލެކްސް

މީގެ އިތުރުން އިސްރާއީލުން ވެސް އަސަލުޔޭއަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ދުނިޔޭގެ އިގްތިސާދަށް އަތުވެދާނެ ނޭދެވޭ ލޮޅުމަކަށް ބަލައި، އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުން ހުއްޓާލުމަށް ވޮޝިންގޓަނުން ވަނީ ތެލް އަވީވަށް ބާރުއަޅާފައެވެ.

އީރާނުގެ ހަމަލާތަކުގެ ބަދަލުހިފުން

ޔޫއޭއީން މި ހަމަލާތައް ދީފައިވަނީ އީރާނުން އެ ގައުމަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުންނެވެ. ފެބްރުއަރީ 28 އިން ފެށިގެން އޭޕްރިލް 8 ގައި ހަމަލާބަދަލުކުރުން ހުއްޓާލުމާ ހަމައަށް އީރާނުން ޔޫއޭއީއަށް ވަނީ ގިނަ ކާމިޔާބު ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 550 ބެލިސްޓިކް އަދި ކުރޫޒް މިސައިލް
  • 2,200 އަށް ވުރެ ގިނަ ޑްރޯން

މި ހަނގުރާމައިގައި އިސްރާއީލަށްވުރެވެސް ބޮޑަށް އީރާނުގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވި ގައުމަކީ ޔޫއޭއީއެވެ. އަދި ހަމަލާބަދަލުކުރުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައިވެސް ޔޫއޭއީގެ ސަރަހައްދުތަކަށް އީރާންގެ ހަމަލާ އަންނަމުންދާ ކަމަށާއި، އޭގެ ތެރޭގައި ދާދިފަހުން އެ ގައުމުގެ ނިއުކްލިއާ ފެސިލިޓީއަކަށް ދިން ހަމަލާއެއްވެސް ހިމެނޭ ކަމަށް ރިޕޯޓްގައިވެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ބުނި ގޮތުގައި ޔޫއޭއީގެ މި ވަރުގަދަ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. ހާއްސަކޮށް ސައުދީ އަރަބިއްޔާއިން، ސަރަހައްދީ ތެލުގެ ވަސީލަތްތަކަށާއި ދުނިޔޭގެ ބާޒާރަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައި، އަބޫ ދާބީގެ ހަމަލާތައް ހުއްޓުވައި ހައްލެއް ހޯދުމަށް ޑިޕްލޮމެޓިކް މަގު އިޚްތިޔާރު ކުރުމަށް އެމެރިކާ މެދުވެރިކޮށް ބާރުއެޅިއެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައިވެސް ޔޫއޭއީ އާއި އެ ގައުމުގެ އަޚުވަންތަ ގައުމު އިސްރާއީލުގެ ސަލާމަތީ އެއްބާރުލުން ވަނީ އިތުރަށް ބަދަހިވެފައެވެ. އިސްރާއީލުން ވަނީ އެމިރޭޓްސް ރައްކާތެރިކުރުމަށްޓަކައި "އަޔަން ޑޯމް" އެއާ ޑިފެންސް ސިސްޓަމަކާއި ޔަހުދީ ޒަޔަނސިްޓު ޖެނޮސައިޑް ހިންގާފައި ތިބި އަސްކަރީ މުވައްޒަފުން އެ ގައުމަށް ފޮނުވާފައެވެ. އަދި މިހާރުވެސް އިސްރާއީލުގެ އެތައް ސިފައިންނެއް އެ ގައުމުގައި އެބަތިއްބެވެ. ހަނގުރާމައިގެ ދުވަސްވަރު އިސްރާއީލުގެ އިސްވެރިން ޔޫއޭއީއަށް ޒިޔާރަތްކުރައްވާފައިވާއިރު، އޭގެ ތެރޭގައި ނަތަންޔާހޫ ހިމެނޭ ކަމަށް ދެކެވޭ ވާހަކަތައް އަބޫ ދާބީން ވަނީ ދޮގުކޮށްފައެވެ.

ހިއްސާ ކުރައްވާ!