ވިއެޓްނާމާއެކު ބްރަހްމޯސް މިސައިލް އެއްބަސްވުމުގައި ސޮއިކޮށްފި، އިންޑޮނޭޝިއާގެ އެއްބަސްވުން ފަހު މަރުހަލާގައި

އިންޑިއާއިން އުފައްދާ 'ބްރަހްމޯސް' މިސައިލް ސިސްޓަމް ގަތުމަށް ވިއެޓްނާމާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އަދި އިންޑޮނޭޝިއާއަށް މި ސިސްޓަމް ވިއްކުމުގެ އެއްބަސްވުމުގެ ކަންކަން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ހާމަކުރައްވައިފިއެވެ.

މިއީ އިންޑިއާގެ އަސްކަރީ އުފެއްދުންތައް ބޭރު ގައުމުތަކަށް ވިއްކުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އިންޑިއާގެ އަތުން މި މިސައިލް ސިސްޓަމް އެންމެ ފުރަތަމަ ގަނެފައިވަނީ ފިލިޕީންސުންނެވެ. 2022 ވަނަ އަހަރު ފިލިޕީންސާއެކު އިންޑިއާއިން ސޮއިކުރި މި އެއްބަސްވުމުގެ އަގު ގާތްގަނޑަކަށް 375 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ބްރަހްމޯސްއަކީ އިންޑިއާ އާއި ރަޝިއާ ގުޅިގެން އުފައްދާފައިވާ، އަޑަށްވުރެ ބާރަށް ދަތުރުކުރާ ކްރޫޒް މިސައިލެކެވެ. ފަހަކަށް އައިސް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އިންޑިއާގެ އަސްކަރީ ހަތިޔާރުތައް، ޚާއްސަކޮށް ބްރަހްމޯސް މިސައިލް ގަތުމަށް ދަނީ ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުންނެވެ.

ހިއްސާ ކުރައްވާ!