ޗައިނާގެ އިޤްތިޞާދީ އަޑިއަޅާލުމާއެކު ނޫސްވެރިކަން ހަލަބޮލިވެއްޖެ

ޗައިނާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ހީނަރުކަމާއެކު، އެ ގައުމުގެ ނޫސްވެރިކަމުގެ ސިނާއަތް ހަލަބޮލިވެ، ދައުލަތުގެ މީޑިއާން ނޫސްވެރިކަން ދޫކޮށް ވިޔަފާރީގެ ތެރެއަށް ވަންނަން މަޖުބޫރުވެއްޖެއެވެ. 'ޔުރޭޝިއާ ރިވިއު' އިން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ވާގޮތުން، ޗައިނީޒް ކޮމިއުނިސްޓް ޕާޓީ (ސީ.ސީ.ޕީ) ގެ ދައުލަތުގެ ޓީވީ ސްޓޭޝަން ކަމަށްވާ ސީ.ސީ.ޓީ.ވީ އިން މިހާރު ވަނީ ޚަބަރު ފެތުރުމުގެ ބަދަލުގައި، ޗައިނާގެ ޓިކްޓޮކް ކަމަށްވާ ޑޯޔިން މެދުވެރިކޮށް އޮންލައިންކޮށް މުދާ ވިއްކަން ފަށާފައެވެ. މީގެ ތެރޭގައި ރީތިވާ ސާމާނާއި، ސައިފަތާއި، ބަރުދަން ލުއިކުރާ ބޭސް ފަދަ ތަކެތި ހިމެނެއެވެ.

އެތައް މިލިއަން ފޮލޯވަރުންނެއް ތިބޭ ދައުލަތުގެ މީޑިއާ ލައިވްސްޓްރީމްކޮށް މުދާ ވިއްކަން ފެށުމުން، އާދައިގެ ކުދި ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ރިޕޯޓުތައް ބުނާގޮތުން، ސީ.ސީ.ޓީ.ވީ އިން ކުރިއަށްގެންދިޔަ އެއް ލައިވްސްޓްރީމް ސެޝަނަކުން އެކަނިވެސް 70 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެއެވެ.

މިއީ ޗައިނާގެ އިޤްތިޞާދު އޮތް ނުރައްކާތެރި ހާލަތު އަންގައިދޭ ކަމެއް ކަމަށް އެ ރިޕޯޓްގައި ސިފަކުރެއެވެ. އިޝްތިހާރުތަކުން ލިބޭ އާމްދަނީ ދަށްވުމާއި، ސަރުކާރުގެ ދަރަނިތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ޓީވީ ސްޓޭޝަންތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި މިފަދަ ފިޔަވަޅުތައް އަޅަން ވަނީ މަޖުބޫރުވެފައެވެ.

މީގެ އިތުރުން، ޗައިނާގެ ޖިއަންގްސޫ، ގުއަންގްޑޮންގ އަދި ޝަންޑޮންގ ފަދަ ޕްރޮވިންސްތަކުގައި ސަރުކާރު މުވައްޒަފުންގެ މުސާރަތައް ނުދެވި، ވަޒީފާތައް މަދުކުރަމުންދާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކާރުޚާނާތައް ބަންދުކުރަން ޖެހި، ވަޒީފާނެތް މީހުންގެ އަދަދު ދަނީ ރެކޯޑު މިންވަރަކަށް އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ޗައިނާގެ ނޫސްވެރިކަމުގެ އިތުބާރު ގެއްލި، ޚަބަރު ފަތުރާ ވަސީލަތްތައް އޮންލައިން ފިހާރަތަކަކަށް ބަދަލުވެފައިވާކަން ދުނިޔެއަށް މިވަނީ ހާމަވެފައެވެ.

ހިއްސާ ކުރައްވާ!