ފަލަސްޠީނުގެ ޓެކްނޮކްރެޓް ޢަލީ ޝަޢަޘްގެ ރިޔާސަތުގައި އެމެރިކާއިން އެކުލަވާލާފައިވާ ޣައްޒާ މެނޭޖްކުރާ ޤައުމީ ކޮމިޓީން، ޣައްޒާ އިރުމަތީ އަދި ހުޅަނގު ސަރަޙައްދުތަކަކަށް ބައިކުރުމަށް އެ ކޮމިޓީން އެއްބަސްވެފައިވާކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތައް މުޅިން ދޮގުކޮށް، އެކަން ގަބޫލުނުކުރާކަން އިޢުލާނުކޮށްފިއެވެ.
"ފޭސްބުކް" ގައި ޢާންމުކުރި ބަޔާނެއްގައި އެ ކޮމިޓީން ކަށަވަރުކޮށްދިން ގޮތުގައި، އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ހިނގާނެއެވެ. އެއީ ފަލަސްޠީނުގެ ރައްޔިތުންނަށް ޝަރަފުވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ. އަދި ޣައްޒާ ބައިބައިކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް އެ ކޮމިޓީ ނުވާނެ ކަން ވަނީ ފާހަގަކޮށްފައެވެ.
ޣައްޒާގެ އިރުމަތީގައި ސަރަހައްދުގައި ޙަރަކާތްތެރިވާ "ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާޢަތްތަކާ" އެކު މަސައްކަތްކުރުމަށް ދެކޮޅުހަދާކަން އެ ކޮމިޓީން ވަނީ އަލުން ތަކުރާރުކޮށްފައެވެ. އަދި އެ ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރަން ފަށާނީ "އިސްރާއީލުން ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެނައުމުން" ކަމަށް ބުނެ އެ ކޮމިޓީން ވަނީ އިންޒާރުދީފައެވެ.
ރިޕޯޓުތައް ބުނާގޮތުން، އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައިވާ ޣައްޒާގެ އިރުމަތީ ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ހަތިޔާރުއެޅި ޖަމާޢަތްތަކެއް ދަނީ ޙަރަކާތްތެރިވަމުންނެވެ. އެ ޖަމާޢަތްތަކުން ބުނަމުންދަނީ އެމީހުން "ޙަމާސް" ޖަމާޢަތާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް ޙަމާސްއިން ތުހުމަތުކުރާ ގޮތުގައި އެ ޖަމާޢަތްތަކުން މަސައްކަތްކުރަމުން ދަނީ އިސްރާއީލުގެ ސިފައިންގެ ނިވަލުގައި، އިސްރާއީލުގެ އެހީތެރިކަމާއެކުގައެވެ.
ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަކަށް ދިއުމަށްޓަކައި، މެދުވެރިންނާއި އެމެރިކާ ސަރުކާރުން ހުރިހާ ފަރާތްތަކަކަށް ފިއްތުންތައް ކުރިމަތިކުރުމަށް ޣައްޒާ މެނޭޖްކުރާ ޤައުމީ ކޮމިޓީން ވަނީ އެދިފައެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށް "އާ ހުށަހެޅުމަކާ" ގުޅޭގޮތުން، މި ހަފްތާ ނިމުމުގެ ކުރިން ޤާހިރާގައި އާ މަޝްވަރާތަކެއް ބޭއްވުމަށް "ޙަމާސް" އަށް ވަނީ ދަޢުވަތު ލިބިފައެވެ.
ޙަމާސްއިން ވަނީ މި ދަޢުވަތު ލިބުނުކަން ކަށަވަރުކޮށްދީފައެވެ. އަދި މަޝްވަރާތައް އަލުން ފެށުމަށްޓަކައި މިޞްރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކާ ދެމެދު މުވާޞަލާތުތައް ކުރިއަށްދާ ކަމަށް އެ ޖަމާޢަތުން ފާހަގަކުރިއެވެ.
ޙަމާސްގެ އިސް މެމްބަރަކު ވަނީ ޝަރްމުއްޝައިޚް އެއްބަސްވުން ތަންފީޒުކުރުމަށް އެ ޖަމާޢަތް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އަދި ޙަމާސް އާއި ފަލަސްޠީނުގެ އެހެން ޖަމާޢަތްތަކުގެ ހަތިޔާރު ބެހެއްޓުމާއި ޣައްޒާއިން އިސްރާއީލު ސިފައިން ފުރިހަމައަށް ފޭބުމާ ގުޅޭ ދެވަނަ މަރުޙަލާގެ ވާހަކަ ދެއްކުމުގެ ކުރިން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ހުރިހާ ޝަރުޠުތަކެއް އިސްރާއީލުން ފުރިހަމަކުރުން ލާޒިމުކަމަށް ހަމާސްއިން ބުނެއެވެ.





