އެމެރިކާގެ ދާޚިލީ ޓެކްސް އިދާރާ (އައި.އާރު.އެސް) އާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް 10 ބިލިއަން ޑޮލަރު ހޯދުމަށް ކުރި ދަޢުވާ، ޖަސްޓިސް މިނިސްޓްރީއާ ގުޅިގެން ކޯޓުން ބޭރުގައި ސިއްރުން ނިންމަން އުޅެނިކޮށް އެކަން އަލުން މުރާޖައާ ކުރުމަށް އެމެރިކާގެ ފްލޮރިޑާގެ ގާޒީއަކު ވިދާޅުވެއްޖެއެވެ. އަދި އެކަން ގާތުން ބައްލަވާނެ ކަމުގެ އިންޒާރުވެސް ގާޒީ ވަނީ ދެއްވާފައެވެ. މިއީ ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި އެއްބަސްވުމަށް ފާރަވެރިވުމަށް އެޅި ހަރުކަށި ފިޔަވަޅެކެވެ.
ޓްރަމްޕް އަމިއްލަ ސަރުކާރާ ދެކޮޅަށް މި ދަޢުވާ ކުރީ، އޭނާގެ ޓެކްސް ރެކޯޑުތަކުގެ ފައިލްތަކަށް ސަރުކަރުން ފާރަވެރިވެފައި ނުވުމުގެ ސަބަބުން މީޑިއާއަށް އެ މަޢުލޫމާތު ލީކުވި ކަމަށް ބުނެއެވެ.
1.8 ބިލިއަން ޑޮލަރުގެ ސިއްރު ފަންޑު
މި މައްސަލަ ކޯޓުން ބޭރުން ނިންމުމަށް ހުށަހެޅި އެއްބަސްވުމުގެ ދަށުން، ސިޔާސީ ގޮތުން ގެއްލުން ލިބުނު މީހުންނަށް ބަދަލުދިނުމުގެ ނަމުގައި 1.8 ބިލިއަން ޑޮލަރުގެ ފަންޑެއް އުފެއްދުމަށް އެއްބަސްވުމުގައި އޮތީ ރާވާފައެވެ.
ނަމަވެސް، އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގެ ގާޒީ ކެތްލީން ވިލިއަމްސް ވަނީ ޓްރަމްޕްގެ ވަކީލުންނަށް އަންނަ ޖޫން 12 ގެ ނިޔަލަށް މި ކަމަށް ޖަވާބުދާރީވުމަށް އަމުރުކުރައްވާފައެވެ. މި ދައުވާއަކީ ރިޓަޔާ ކުރައްވާފައިވާ ފެޑެރަލް ކޯޓުތަކުގެ 35 ގާޒީއަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކޯޓުން ބެލި މައްސަލައެކެވެ. އެ ގާޒީން ވިދާޅުވި ގޮތުގައި މި ސެޓްލްމަންޓަކީ ޓްރަމްޕާއި ސަރުކާރު ގުޅިގެން ކޯޓަށް އޮޅުވާލައިގެން ހިންގަން އުޅޭ ބޮޑު "އޮޅުވާލުމެއް އަދި މަކަރެއް" ކަމަށެވެ. އެހެން ގޮތަކަށް ނަމަ ކޮރަޕްޝަންގެ މައްސަލައެކެވެ. އެމެރިކާގައި އަބުރުގެ ދައުވާ ކޮށްފާނެތީ އެބަސް ބޭނުމެއް ނުކުރެއެވެ.
މި އެއްބަސްވުމުގެ ކަންކަން އިތުރަށް ކޯޓުން ތަޙުޤީޤުކޮށްފާނެތީ ޓްރަމްޕް ވަނީ ދަޢުވާ އަނބުރާ ގެންދަން މަސައްކަތްކޮށްފައެވެ. ގާޒީ ވިލިއަމްސް ފުރަތަމަ މެއި 18 ގައި ދަޢުވާ ބާތިލުކުރަން އެއްބަސްވި ނަމަވެސް، އޭނާ ނެރުއްވި އާ އަމުރުގައި ވިދާޅުވީ:
"މިފަދަ ބޮޑެތި ނޭދެވޭ އަމަލުތަކާއި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ ފުރިހަމަ ބާރު ކޯޓަށް ލިބިގެންވެއެވެ."
މައްސަލައެއް ބާތިލުކުރުމަށްފަހުވެސް، ސަރުކާރާއި ދަޢުވާކުރާ ފަރާތުން ޖަވާބުދާރީވުމަށް ގާޒީއަކު އެންގުމަކީ ވަރަށް ނާދިރު ކަމެކެވެ. ގާޒީ މި މައްސަލަ އަލުން ހުޅުވައިފިނަމަ، ބޮޑު އަޑުއެހުމެއް ބާއްވައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އެބައޮތެވެ.
މުސްކުޅި ކޮށްފައިވާ ގާޒީން ފާހަގަކުރެއްވި ގޮތުގައި، ކޯޓަށް ދުވަހަކުވެސް ހުށަހަޅާފައި ނުވާ މި ސިއްރު އެއްބަސްވުމުގެ ސަބަބުން ޓްރަމްޕާއި އޭނާގެ ސަރުކާރުން އޮޅުވާލައިގެން "ޢަދުލުއިންޞާފުގެ ނިޒާމާ ކުޅެމުންދާ" ކަމުގެ ބިރު އެބައޮތް ކަމަށާއި، މީގެ ސަބަބުން ކޯޓުތަކަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެއެވެ.







