ޔަހޫދީ ރެޖީމުން ލުބުނާނުގެ ބިއުފޯޓް ކިއްލާ ހިފުމާ ގުޅިގެން، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ފަރަންސޭސިވިލާތުން އެދެފި

ޔަހޫދީ ރެޖީމުގެ ސިފައިން ލުބުނާނުގެ ދެކުނުގައި ހިންގަމުންދާ އެއްގަމު އޮޕަރޭޝަންތައް ފުޅާކޮށް، މެދުޒަމާނުގެ ތާރީޚީ ބިނާއެއް ކަމަށްވާ "ބިއުފޯޓް ކާސަލް" ހިފައި އެތާނގައި ދިދަ ނެގުމާ ގުޅިގެން، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ފަރަންސޭސިވިލާތުން އެދިއްޖެއެވެ. ފަރަންސޭސި ޚާރިޖީ ވަޒީރު ޜޯން-ނޮއެލް ބަރޮޓް ބީއެފْއެމްޓީވީ މެދުވެރިކޮށް ވިދާޅުވީ، ކޮންމެ ޤައުމަކަށްމެ އަމިއްލަ ދިފާޢުގައި މަސައްކަތް ކުރުމުގެ ޙައްޤު އޮތްކަން ޤަބޫލުކުރާ ހިނދުވެސް، ލުބުނާނުގައި ޔަހޫދީ ރެޖީމުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި، ލުބުނާނުގެ ބިންތަކަށް ވެރިވެގަތުން އިތުރަށް ފުޅާކުރުން ދިފާޢުކުރެވޭނެ އެއްވެސް އުޒުރެއް ނެތް ކަމަށެވެ.

ޔަހޫދީ ރެޖީމުގެ "ކާން" ބްރޯޑްކާސްޓަރާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ބިއުފޯޓް ކިއްލާ ހިފުމަކީ އެ ރެޖީމުން ގެންގުޅޭ ސިޔާސަތަށް އައި ވަރަށް ބޮޑު އަދި ނުފޫޒުގަދަ ބަދަލެކެވެ.

"އަޅުގަނޑުމެން މިދަނީ އިސްނަގައިގެން ހުރިހާ ދިމާލެއްގައިވެސް ހަރަކާތްތެރިވަމުން. ސީރިޔާ، ޣައްޒާ، އަދި ލުބުނާނުގައިވެސް މިދަނީ ކުރިއަށް. އަޅުގަނޑުމެންގެ ސަރަހައްދުތައް ރައްކާތެރިކުރުމަށްޓަކައި ބޯޑަރުން ބޭރުގައި ސަލާމަތީ ސަރަޙައްދުތަކެއް މިދަނީ ޤާއިމުކުރަމުން." ނަތަންޔާހޫ

ޔަހޫދީ ރެޖީމުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ލުބުނާނުގެ ބިންތަކަށް ވެރިވަމުންދާ އިރު ލުބުނާން ސިފައިން އެންމެ އުންޑައެއްވެސް ޖަހާފައެއް ނުވެއެވެ. ލުބުނާންގެ ރައީސަކީ ކުރީގެ ސިފައިންގެ ވެރިޔާއެވެ.

ލުބުނާންގެ ދިފައުގައި ހަނގުރާމަ ކުރަމުން ދަނީ ހީޒުބުﷲ އިންނެވެ.

ހިއްސާ ކުރައްވާ!