ޔަހޫދީން ކޮނެ މަސްޖިދުލްއަގްސާ ހާސާކުރި އިރުވެސް ޔަހޫދީ އާސާރެއް ނުފެނުނު

މަސްޖިދުލް އަޤްޞާގެ އިމާމް އަދި ޚަޠީބު ޝައިޚް ޢިކްރިމާ ޞަބްރީ ހާމަކުރައްވާފައިވާ ގޮތުގައި، ޔަހޫދީން މިހާރު ކުރިއަށް ގެންދާ މަރުޙަލާއަކީ އަޤްޞާ މިސްކިތުގެ ތާރީޚުގައިވެސް އެ މިސްކިތަށް ކުރިމަތިވި އެންމެ ނުރައްކާތެރި މަރުހަލާއެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދަނީ ހުކުރު ދުވަސްތަކާއި ރަމަޟާން މަހު މިސްކިތް ބަންދުކޮށް، މުސްލިމުންނަށް ނަމާދުކުރުން މަނާކުރަމުންނެވެ. މިއީ އިސްލާމީ ޝަރީޢަތާ ޚިލާފު، އަދި މިސްކިތުގެ މުޤައްދަސްކަމަށް އަރައިގަތުމެކެވެ.

1967 އިން ފެށިގެން ހިންގާ ކޮންނުމުގެ ޙަރަކާތްތަކުގެ ތާރީޚަށް އަލިއަޅުވާލަމުން އޭނާ ވިދާޅުވެއެވެ.

  • 1967 ވަނަ އަހަރު ޤުދްސު ހިފުމަށްފަހު، ޔަހޫދީންގެ ތާރީޚީ ފައްޅި މަސްޖިދުލްއަގްސާ ގެ ދަށުން ހޯދުމުގެ ނަމުގައި އަޤްޞާ މިސްކިތުގެ އަޑީގައްޔާއި ވަށައިގެން ކޮންނަން ފެށިއެވެ.
  • ޚާއްޞަކޮށް މިސްކިތުގެ ދެކުނުން އޮންނަ ސިލްވާން އަވަށުގެ ސަރަހައްދާއި ބުރާޤް ފާރު ކައިރި ޔަހޫދީން ވަނީ ވަރަށް ބޮޑަށް ކޮނެފައެވެ.
  • އިސްލާމީ ޒަމާންތަކުގައި ފެން އެއްކުރުމަށް ބޭނުންކުރި 26 ވަޅަކާ ގުޅިފައިވާ ފެން އާރުތައް ފުޅާކޮށް، އެތަންތަން މީހުންނަށް ހިނގޭ ވަރުގެ ހޮހަޅަތަކަކަށް ބަދަލުކުރިއެވެ.
  • މި މަސައްކަތުގެ ތެރޭގައި ފެނުނު އިސްލާމީ އާޘާރުތައް އެމީހުން ވަނީ ގަސްދުގައި ހަލާކުކޮށްލާފައެވެ.
  • ޔަހޫދީ އާޘާރީ މާހިރުންވެސް ވަނީ އެމީހުންގެ ތާރީޚާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ހިލައެއް ކޮނުނު ތަންތަނުން ފެނިފައިނުވާކަމަށް އެއްބަސްވެފައެވެ. މިހާރު އެ ހޮހަޅަތައް ބޭނުންކުރަނީ ފަތުރުވެރިން ދަތުރުކުރާ މަގުތަކެއްގެ ގޮތުގައެވެ.

ޔަހޫދީންގެ ސްޓްރެޓީޖިކް މަޤްޞަދު: އައިޑެންޓިޓީ އާއި ޖިއޮގްރަފީ ބަދަލުކުރުން

މި ކޮންނުމުގެ މައިގަނޑު ބޭނުމަކީ ޤުދްސުގެ އިސްލާމީ ޝަޚްޞިއްޔަތު ފޮހެލުމެވެ. ޔަހުދީންގެ ދޮގު ތާރީޚީ ވާހަކަތަކެއް އުފައްދައި، މުޅި ސަރަހައްދުގެ ދީނީ އަދި ޖިއޮގްރަފީީ ސިފަ ޔަހޫދީ ސިފައަކަށް ބަދަލުކޮށް، އެ ބިމުގެ މައްޗަށް މުޠްލަޤު ބާރުވެރިކަން ހޯދުމަކީ އެމީހުންގެ އަޒުމު ކަމަށް ޑރ. އިކްރިމާ ސަބްރީ ވިދާޅުވިއެވެ.

ޔަހޫދީން މިސްކިތު އަޑިން ކޮންނަމުން ދިއުމުގެ ސަބަބުން މިސްކިތުގެ ބިންގަލުގެ ވަށައިގެން ހުރި ފަސްތައް ވަނީ މުޅިން ނަގާފައެވެ. މިހާރު މިސްކިތުގެ ބިންގާ ވަނީ ހާމައަށް، ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށް ވިދާޅުވިއެވެ.
ޔަހޫދީން ބޭނުން ވަނީ މި ސަރަހައްދަށް އަންނަ ބިން ހެލުމެއްގައި މިސްކިތް އެއްކޮށް ބިންގަލުން ހުހެގެން ވެއްޓޭށެވެ.

ޔަހޫދީން ރާވަމުންދާ އެންމެ ނުރައްކާތެރި ރޭވުންތަކަކީ:

  • ޔަހޫދީ ރެޖީމުން ބަލަނީ ރިކްޓަރ މިންގަނޑުން 5 ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުމެއް އައުމަށެވެ. އެފަދަ ބިންހެލުމެއް އަތުވެއްޖެނަމަ، ބިންގާ ބަލިކަށިވުމުގެ ސަބަބުން މިސްކިތް އަމިއްލައަށް ވެއްޓޭނެ ކަމަށް އެމީހުން އުންމީދު ކުރެއެވެ.
  • 1928 ވަނަ އަހަރު އައި ބިންހެލުމުގައި މިސްކިތަށް ލިބުނީ ކުޑަ ގެއްލުމެކެވެ. ސަބަބަކީ އޭރު ބިންގާ ވަރުގަދަކޮށް ހުރުމުންނެވެ. ނަމަވެސް މިއަދު ޙާލަތު އޮތީ މާ ނުރައްކާތެރިކޮށެވެ.

"މުޤައްދަސްކަން ވަނީ ހަމައެކަނި އެ އިމާރާތުގެ ހިލަތަކަކު ނޫނެވެ. އެއީ ކީރިތި ޤުރުއާނުގައި ބަރަކާތްލައްވާފައިވާ ބިމެއްގެ ގޮތުގައި ޒިކުރުކުރައްވާފައިވާ ބިމެކެވެ. އިމާރާތަށް އެއްވެސް ގެއްލުމެއް ލިބުނު ނަމަވެސް، އެ ބިމާއި މިސްކިތުގެ މުޤައްދަސްކަން ދާއިމަށް ދެމިއޮންނާނެއެވެ." ޝައިޚް ޢިކްރިމާ ޞަބްރީ

އިސްލާމީ އުންމަތަށް މެސެޖެއް

ޝައިޚް ޞަބްރީ ވަނީ މުޅި އިސްލާމީ އުންމަތުގެ ރައްޔިތުންނާއި ވެރިންނަށް އަޤްޞާ މިސްކިތާއި ޤުދްސު ދިފާޢުކުރުމަށް ސީރިއަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި އަޤްޞާ މިސްކިތް ދިފާޢުކުރުމުގައި އިހުމާލުވާ ޢަރަބި އަދި އިސްލާމީ ވެރިންނާ މެދު اﷲ ޤިޔާމަތް ދުވަހުން ޙިސާބު ބައްލަވާނެ ކަމަށް ޑރ. އިކްރިމާ ސަބްރީ އިންޒާރު ކުރެއްވިއެވެ.

ހިއްސާ ކުރައްވާ!