ސޮލީބީ ހަނގުރާމަ އަލުން ފަށާފާނެ ކަމުގެ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އީރާނުގެ އަސްކަރީ ބާރުތައް އަދިވެސް އޮތީ އެންމެ މަތީ ތައްޔާރީ ހާލަތުގައި ކަމަށް އެގައުމުގެ ސަރުކާރުގެ ތަރުޖަމާނު ހާމަކުރައްވައިފިއެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވާ އީރާނުގެ ވަފުދުގެ ހުރިހާ މެންބަރުންނަކީ އަސްކަރީ އަދި މައިދާނީ ހާލަތްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުންނެވެ.
އެގޮތުން، މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ޕލަމެންތްގެ ރައީސް ޤާލީބާފް އަކީ ހަމައެކަނި ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި، އޭނާއަކީ އަސްކަރީ މައިދާނުގެ ކުރީގެ ކޮމާންޑަރެއް ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި ޚާރިޖީ ވަޒީރު ޢަރަޤްޗީ އަކީވެސް އީރާން-ޢިރާޤު ހަނގުރާމައިގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތް ބޭފުޅެކެވެ.
ނިއުކްލިއާ މައްސަލައިގެ މަޝްވަރާތައް އެއްކޮށް ހުއްޓާލުން
އީރާނުގެ ޕާލިމަންޓުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ މެންބަރު އިސްމާޢީލް ކައުޘަރީ ވިދާޅުވި ގޮތުގައި، އެމެރިކާއާއެކު ކުރާ މަޝްވަރާތަކުގެ މޭޒުން ނިއުކްލިއާ މައްސަލަ މިހާރު ވަނީ އެއްކޮށް ނަގާފައެވެ.
- މަޝްވަރާގެ މައިގަނޑު އަމާޒު: މިހާރު ކުރިއަށްދާ ވާހަކަތައް ހަމައެކަނި އަމާޒުކޮށްފައިވަނީ ހަނގުރާމަ އެއްކޮށް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށެވެ.
- ނިއުކްލިއާ ފައިލް: "ނިއުކްލިއާ މައްސަލައަކީ މިއަދުވެސް، އަދި ކުރިއަށް އޮތް ތަނުގައިވެސް މަޝްވަރާކުރާނެ މައުޟޫއެއް ނޫން،" ކައުޘަރީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްވަރާތަކުން މާބޮޑު ނަތީޖާއެއް ނުކުމެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ރައީސް ޕެޒެޝްކިއާން: "ރައްޔިތުންނަށް ހަގީގަތް ހާމަކުރުން މަޖުބޫރު"
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވަނީ ގައުމަށް ދިމާވެފައިވާ އިގްތިޞާދީ އަދި ސިޔާސީ ދަތިތަކާ ބެހޭގޮތުން ރައްޔިތުންނަށް ހަގީގަތް ސާފުކޮށް ކިޔައިދިނުމަށް ގޮވާލައްވާފައެވެ.
"އަހަރެމެން މި ކުރިމަތިލަނީ އާދައިގެ ހާލަތަކާ ނޫން. މިއީ ވަރަށް ނާޒުކު ވަގުތެއް. ގައުމު ހިންގުމުގައި ބޭރުގެ ފިއްތުންތަކާއި، އަހަރެމެންގެ އިގްތިޞާދީ ވަސީލަތްތަކަށް ވާސިލުވުމަށް ހުރި ހުރަސްތަކުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް އެބަހުރި." ގައުމުގެ ޙާލަތާ ބެހޭގޮތުން ރައީސް މަސްއުދު ޕަޒަކްޝިއާން
ރައީސް ޕެޒެޝްކިއާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާއިރު އުނދަގޫތަކެއް އުފުލުމެއްނެތި ކުރިއަށް ދެވޭނެ ކަމަށް އެއްވެސް މުޖުތަމައަކަށް އުންމީދެއް ނުކުރެވޭނެއެވެ. އެހެންކަމުން، ގައުމަށްޓަކައި ރައްޔިތުން އެމީހުންގެ ދައުރު އަދާކުރުމަށްޓަކައި، މިހާރު ހުރި ހަގީގީ ހާލަތްތައް ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހެއެވެ.






