އިންޑިއާގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މަދަނީ ނިއުކްލިއަރ ހަކަތައިގެ ޕްރޮގްރާމަކީ، ޚާއްސަކޮށް ޔުރޭނިއަމް ފޯރުކޮށްދިނުމުގައި ދިގުމުއްދަތުގެ އެއްބާރުލުމަކަށް މަގުފަހިކޮށްދޭ އަދި އިންޑިއާ އާއި މެދުތެރޭ އޭޝިއާއާ ދެމެދު އޮންނަ ހަކަތައިގެ ސަލާމަތާއި، އިޤްތިޞާދީ އަދި ޖިއޯޕޮލިޓިކަލް ގުޅުންތައް ބަދަހިކޮށްދޭ ސްޓްރެޓީޖިކް ފާލަމެކެވެ.
2026 ވަނަ އަހަރު ކަޒަކްސްތާންގެ 'ކަޒަކްޓޮމްޕްރޮމް' އާއި އިންޑިއާގެ ޑިޕާޓްމަންޓް އޮފް އެޓޮމިކް އެނަރޖީއާ ދެމެދު ސޮއިކުރެވުނު 4 ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު އެއްބަސްވުމަކީ އޭޝިއާގެ އެންމެ ބޮޑު އެއް ޔުރޭނިއަމް ސަޕްލައި އެއްބަސްވުމެވެ. ކަޒަކްޓޮމްޕްރޮމްގެ ހިއްސާދާރުންގެ 92.9% ތާއީދާއެކު ފާސްކުރި މި އެއްބަސްވުމަކީ އެ ކުންފުނީގެ ޖުމްލަ އެސެޓް ވެލިއުގެ 50% އަށްވުރެ ބޮޑު އެއްބަސްވުމެކެވެ. މިއިން ދައްކުވައިދެނީ މި ދާއިރާގައި ދެ ފަރާތުގެ ގުޅުން އާދައިގެ މުދާ ގަނެވިއްކުމުގެ މުޢާމަލާތްތަކަކުން ފެށިގެން ދާއިމީ ސްޓްރެޓީޖިކް ގުޅުމަކަށް ބަދަލުވަމުންދާ ކަމެވެ.
މަދަނީ ނިއުކްލިއަރ ހަކަތައަށް އިންޑިއާގެ އަމާޒު
އިންޑިއާ އަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ބޮޑު އިޤްތިޞާދެވެ. އެހެންކަމުން އެ ޤައުމަށް ބޭނުންވާ ހަކަތައިގެ މިންވަރު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިވަގުތު އިންޑިއާގެ ޖުމްލަ ކަރަންޓު އުފެއްދުމުގެ ނިސްބަތަށް ބަލާއިރު ނިއުކްލިއަރ ހަކަތަ ހިއްސާކުރަނީ ގާތްގަނޑަކަށް 3 އިންސައްތައެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ފަހުކޮޅުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާގެ 7 ސްޓޭޝަނެއްގައި 25 ނިއުކްލިއަރ ރިއެކްޓަރު އަންނަނީ ހިންގަމުންނެވެ. އަދި 6,600 މެގަވޮޓް އުފެއްދޭވަރުގެ އިތުރު 8 ރިއެކްޓަރު އަންނަނީ ބިނާކުރަމުންނެވެ.
އިންޑިއާގެ އަމާޒަކީ 2047 ވަނަ އަހަރުގެ ނިޔަލަށް 100 ގިގަވޮޓްގެ މަދަނީ ނިއުކްލިއަރ ހަކަތަ އުފެއްދުމެވެ. އަދި 2031-2032 އަށް 22,480 މެގަވޮޓް އުފެއްދުމަކީ ވަގުތީ އަމާޒެކެވެ.
ޖިއޯޕޮލިޓިކަލް އަދި ޤާނޫނީ ބޮޑު ބަދަލު
ޑިސެމްބަރ 2025 ގައި އިންޑިއާގެ ޕާލަމެންޓުން ފާސްކުރި 'ޝާންތި' ބިލު ވެގެންދިޔައީ މި ސިނާއަތަށް އައި ވަރަށް ބޮޑު ބަދަލަކަށެވެ. 22 ޑިސެމްބަރ 2025 ގައި ރައީސް ތަސްދީގުކުރ މި ޤާނޫނުގެ ދަށުން އަމިއްލަ ކުންފުނިތަކަށާއި ބޭރުގެ ފަރާތްތަކަށް އިންޑިއާގައި ނިއުކްލިއަރ ޕަވަރ ޕްލާންޓްތައް ބިނާކޮށް ހިންގުމުގެ ހުއްދަ ލިބިގެންދެއެވެ. މީގެ ސަބަބުން ކަޒަކްސްތާނާއި އުޒްބެކިސްތާން ފަދަ ޤައުމުތަކުން ޔުރޭނިއަމް ގަތުމަށް އިތުރު ޔަގީންކަމަކާއި ލުއިފަސޭހަތަކެއް ވަނީ ލިބިގެން ގޮސްފައެވެ.
ކަޒަކްސްތާން: ޔުރޭނިއަމްގެ ބޮޑު ބާރު
ދުނިޔޭގެ ޔުރޭނިއަމް ރިޒާވްގެ 14 އިންސައްތަ ހުރީ ކަޒަކްސްތާންގައެވެ. އަދި ދުނިޔޭގައި އެންމެ ގިނައިން ޔުރޭނިއަމް އުފައްދާ ޤައުމަކީވެސް އެއީއެވެ. 2025 ވަނަ އަހަރު އެ ޤައުމުން 25,800 ޓަނުގެ ޔުރޭނިއަމް އުފައްދާފައިވާއިރު، އޭގެ ތެރެއިން 13,500 ޓަނު އުފައްދާފައިވަނީ ކަޒަކްޓޮމްޕްރޮމް އިންނެވެ.
އިންޑިއާއިން ސޮއިކުރި 4 ބިލިއަން ޑޮލަރުގެ އައު އެއްބަސްވުމަކީ، ޗައިނާގެ ނުފޫޒު މެދުތެރޭ އޭޝިއާގައި ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ކަޒަކްސްތާނަށް ލިބުނު ވަރަށް ބޮޑު ހަމަޖެހުމެކެވެ. މީގެ ސަބަބުން ޗައިނާއަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ކުޑަވެގެންދާނެއެވެ.
ޔުރޭނިއަމްގެ އިތުރުން މެދުތެރޭ އޭޝިއާ އަކީ ކޮޕަރ، ލިތިއަމް ފަދަ އެހެނިހެން މުހިންމު މައުދަންތަކުންވެސް މުއްސަނދި ސަރަހައްދެކެވެ. އުޒްބެކިސްތާނުން އަންނަނީ 2030 ވަނަ އަހަރުގެ ނިޔަލަށް 7,100 ޓަނުގެ ޔުރޭނިއަމް އުފެއްދުމަށް އަމާޒު ހިފާފައެވެ. ނަމަވެސް 2025 ގައި އެ ޤައުމުން ވަނީ 7,000 ޓަނު އުފައްދައި، އަމާޒާ ވަރަށް ގާތްކޮށްފައެވެ. މިއާއެކު އުޒްބެކިސްތާނަކީ ވެސް އިންޑިއާގެ ވަރަށް މުހިންމު ބައިވެރިޔަކަށް ވަނީ ވެފައެވެ.
މި ޤައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގެ މަގުން ސީދާ ގުޅިފައި ނެތުމެވެ. ކެސްޕިއަން ކަނޑާއި، އީރާން ނުވަތަ އަފްޣާނިސްތާން މެދުވެރިކޮށް މުދާ އުފުލުމުގައި ސިޔާސީ އަދި ޢުމްރާނީ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ނަމަވެސް ޔުރޭނިއަމް އަކީ ބޯޓުން އުފުލާ ގޮވާމާއި ބޯޓުދެލި ފަދަ ތަކެއްޗާ ޚިލާފަށް، ޖާގަ ކުޑަ އަދި އަގުބޮޑު އެއްޗަކަށް ވުމުން، ދަތުރުފަތުރަށް ހިނގާ ޚަރަދަކީ މި ވިޔަފާރިއަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި ނުވެއެވެ.
2026 ވަނަ އަހަރުގެ މި ބޮޑު އެއްބަސްވުމުން އަންގައިދެނީ އިންޑިއާ އާއި މެދުތެރޭ އޭޝިއާގެ ގުޅުން އިތުރަށް ހަރުދަނާވެ، ފައްކާވަމުން އަންނަ ކަމެވެ. ނަމަވެސް ކަޒަކްސްތާނާއި އުޒްބެކިސްތާނުން ބޭނުންވަނީ ހަމައެކަނި ސާމާނު ވިއްކާ ޤައުމުތަކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ޓެކްނޮލޮޖީ ހިއްސާކޮށް ސިނާއަތްތައް އެ ޤައުމުތަކުގައި ކުރިއެރުވުމަށެވެ. އިންޑިއާގެ ޝާންތި ޤާނޫނުގެ ދަށުން މި ފުރުޞަތުތައް މިހާރު ވަނީ ފަހިވެފައެވެ.






