ރާއްޖޭގައި މުޅިން އަލަށް "ނެނޯ ނީޑަލް" ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލައި، ފަރުވާދިނުމުގެ ޚާއްޞަ ސާޖަރީތައް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރަން ފަށައިފިއެވެ. މިއީ ރާއްޖޭގެ ކުދި ހުޅުތަކުގެ ފަރުވާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ނެނޯ ނީޑަލް ސާޖަރީއަކީ ކޮބާ؟
- ވަރަށް ކުޑަ ފެޅުމެއް: މިއީ މިހާރު ހަދަމުންދާ އާދައިގެ އާތްރޮސްކޮޕިކް ސާޖަރީތަކަށްވުރެ މާ ކުޑަ ލޯވަޅަކުން ކުރެވޭ ސާޖަރީއެކެވެ.
- ހަނި އަދި ލަނބާލެވޭ ކެމެރާ: މީގައި ބޭނުންކުރާ ކެމެރާއަކީ އިންޖެކްޝަން ކައްޓެއްހާ ހަނި، އަދި އެކި ގޮތްގޮތަށް ލަނބާލެވޭ ކެމެރާއެކެވެ.
- ކުދި ހުޅުތަކަށް ޚާއްޞަ: ކުދި ހުޅުތަކުގެ ހަނި ދޭތެރެތަކަށް ފަސޭހައިން ވައްދާލައިގެން ހުޅުގެ އެތެރޭގެ މައްސަލަތައް ބަލައި ފަރުވާދިނުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
އެމްއާރްއައި ނަހަދާވެސް ޑައިގްނޯސް ކޮށްލެވޭނެ
އައިޖީއެމްއެޗްގެ އޯތޮޕީޑިކްސް ޑިޕާޓްމެންޓުގެ ޑޮކްޓަރ، ޑރ. އިސްމާޢިލް ޒާހިރު ވިދާޅުވި ގޮތުގައި މިއީ ބަލި ދެނެގަތުމަށް ލިބުނު ބޮޑު ލުޔެކެވެ.
"ނެނޯ ނީޑަލް ކެމެރާ ލައްވައިގެން ބެލީމާ، ހުޅުތެރޭގައި ކަށިކޮޅެއް އިތުރަށް ހަދާފައި ހުރިތޯ، ކާޓިލޭޖް (އޮމާން ފަށަލަ) ހަލާކުވެފައި ހުރިތޯ، އަދި ވަށައިގެންވާ ލިގަމެންޓުގެ ހާލަތު ބަލައި، އެމްއާރްއައި އެއް ނަހަދާވެސް ސީދާ ޑައިގްނޯސް ކޮށްލުމުގެ ފުރުޞަތު އެބަލިބޭ." ޑރ. އިސްމާޢިލް ޒާހިރު
"ޑޭކެއަރ" އުޞޫލުން ހަދާލެވޭ ސާޖަރީއެއް: އަވަސް ރިކަވަރީ
އެނެސްތީޝިއާ ޑިޕާޓްމެންޓުގެ ޑރ. އައްސަދު މުޙައްމަދު ޝަހީދު ފާހަގަކުރެއްވި ގޮތުގައި މި އައު އުކުޅުގެ ސަބަބުން ބަލިމީހާއަށާއި އެނެސްތީޝިއާ ފަރުވާއަށް ގިނަ ފަސޭހަތަކެއް ލިބިގެންދެއެވެ:
- ގެއަށް ދެވޭލެއް އަވަސްވުން: ބަލިމީހާ ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، "ޑޭކެއަރ" އުސޫލުން އޮޕަރޭޝަން ނިންމާލާފައި އެދުވަހުން އެދުވަހަށް ގެއަށް ދެވޭނެއެވެ.
- ތަދު ކުޑަވުން: ސާޖަރީއަށްފަހު އަންނަ ތަދާއި ރިހުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވި، ފިޒިއޮތެރަޕީ ނުވަތަ ރީހެބިލިޓޭޝަންގެ ކަންކަން އަވަސްވެއެވެ.
- ހައި-ރިސްކް ބަލިމީހުންނަށް ލުޔެއް: ޙާލަތު ބޮޑު މީހުންނާއި އިތުރު ބަލިތައް ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ދިމާވާ ދަތިތަކަށް މިއީ ބޮޑު ހައްލެކެވެ.
އައިޖީއެމްއެޗަކީ ޓީޗިންގ ހޮސްޕިޓަލަކަށް ވުމުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތަޢާރަފްކުރި 4K ކޮލިޓީގެ ކެމެރާތަކުގެ އިތުރުން، މިފަދަ ނެނޯ ޓެކްނޮލޮޖީ ރާއްޖެއަށް އައުމަކީ މެޑިކަލް ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށް އެންމެ ފަހުގެ ޒަމާނީ އުކުޅުތައް ދަސްކުރުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެއް ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

