ޗައިނާއިން ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް އަސްކަރީ ހަރަކާތްތަކެއް ފެށުމުން، ތައިވާނުން މަނަވަރުތަކާއި ޖެޓްތައް ނެރެފި

ޗައިނާއިން ތައިވާން ކައިރީގައި ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް ހަނގުރާމައަށް ތައްޔާރުވުމުގެ ޚާއްޞަ އަސްކަރީ ޕެޓްރޯލްތަކެއް ފެށުމާ ގުޅިގެން، ތައިވާނުގެ ސިފައިން އެ ސަރަޙައްދަށް ހަނގުރާމަމަތީ މަނަވަރުތަކާއި ފައިޓަރު ޖެޓްތައް ނެރެ، ތައްޔާރީ ހާމަލަތަށް އަތުވެއްޖެ ކަމަށް ހާމަކޮށްފިއެވެ.

ތައިވާނުގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ޗައިނާގެ އެސްޔޫ30 މަރުކާގެ ފައިޓަރު ޖެޓްތަކާއި، ދުރު ރާސްތާގެ ޑްރޯންތަކުގެ އިތުރުން ހަނގުރާމަމަތީ މަނަވަރުތައް ހިމެނޭ ބޮޑު ފްލީޓަކުން ވަނީ ތައިވާނުގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދާއި ވައިގެ ސަރަޙައްދަށް ވަދެ، ބާރު ދައްކަން ފަށާފައެވެ. މީގެ ތެރެއިން ގިނަ ޖެޓްތަކެއް ވަނީ ތައިވާނާއި ޗައިނާ ވަކިކޮށްދޭ ނުރަސްމީ ބޯޑަރު ކަމަށްވާ "މީޑިއަން ލައިން" ހުރަސްކޮށް، ތައިވާނުގެ "އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން" އަށް ވަދެފައެވެ.

މި ތަމްރީނާ ގުޅިގެން ތައިވާނުން ވަނީ އެ ޤައުމުގެ ސިފައިންނާއި، މިސައިލް ނިޒާމުތަކުގެ އިތުރުން ވައިގެ އަދި ކަނޑުގެ ބާރުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި ޗައިނާގެ އަސްކަރީ އުޅަނދުތަކުގެ ހަރަކާތްތައް ވަރަށް ގާތުން މޮނިޓަރު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. ތައިވާން ސަރުކާރުން ބުނީ، ޗައިނާގެ މިފަދަ ޢަމަލުތަކަކީ ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، ބިރުދެއްކުމުގެ ސިޔާސަތުން ތައިވާނުގެ މިނިވަންކަމަށް ބުރޫ ނޭރުވޭނެ ކަމަށެވެ.

ޗައިނާގެ ސިފައިން ބުނެފައިވަނީ، މި ޕެޓްރޯލްތަކަކީ ތައިވާނުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކަށާއި، ބޭރުގެ ނުފޫޒުތަކަށް ދެވޭ ޚާއްޞަ އިންޒާރެއް ކަމަށެވެ. ޗައިނާއިން އަބަދުވެސް ދެކެނީ ބާޣީ ސަރަހައްދު ތައިވާނަކީ އެ ޤައުމުގެ އަމިއްލަ ބައެއްގެ ގޮތުގައެވެ. ދާދިފަހުން ތައިވާނުން ފެނުނު ސިޔާސީ ބަދަލުތަކާއި، އެމެރިކާއާއެކު އޮންނަ ގުޅުން ވަރުގަދަވަމުންދާތީ، ޗައިނާއިން ދަނީ ތައިވާނަށް ކުރާ އަސްކަރީ ފިއްތުންތައް ދުވަހުން ދުވަހަށް އިތުރުކުރަމުންނެވެ.

ހިއްސާ ކުރައްވާ!