އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "މާގާ" ހަރަކާތަށް ތާއީދުކުރާ މީހަކު، އޭނާގެ އަންހެނުންނަށް ހަދިޔާއަކަށް ދިނުމަށް ގަތް ޓްރަމްޕް ބްރޭންޑްގެ އަގުބޮޑު ގަޑިއެއްގައި ބޮޑު ކުށެއް ފެނުމުން އޭނާގެ އަންހެނުން ދެރަވެގެން ރޮއްވާލައިފިއެވެ.
މި ހާދިސާ ދިމާވީ އެމެރިކާގެ ރޯޑް އައިލެންޑަށް ނިސްބަތްވާ ޓިމް ޕެޓިޓް ނަމަކަށް ކިޔާ މީހަކަށެވެ. އޭނާ ވަނީ ޓްރަމްޕްގެ ރަސްމީ ވެބްސައިޓުން "އިނޯގްރޭޝަން ފަސްޓް ލޭޑީ" ލިމިޓެޑް އެޑިޝަންގެ ފިޔާތޮށި ކުލައިގެ ގަޑިއެއް 640 އެމެރިކާ ޑޮލަރަށް ގަނެ އޭނާގެ އަންހެނުންނަށް ހަދިޔާ ކޮށްފައެވެ. ނަމަވެސް، ގަޑި ލިބުނުއިރު އޭގެ މޫނުމަތީގައި ލިޔެފައިވާ "Trump" މި ލަފުޒުން އެންމެ ކުރިއަށް އިން "T" އަކުރު އިނީ އުނިވެފައެވެ. އެހެންކަމުން ގަޑިން ފެންނަން އިނީ "Rump" (މާނައަކީ ފުރަގަސް ފަރާތް) މިފަދައިންނެވެ.
މިކަމާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެމުން ޓިމް ބުނީ، އޭނާ ރޭޑިއޯއިން ޓްރަމްޕްގެ އަމިއްލަ އަޑުން މި ގަޑި އިޝްތިހާރު ކުރަނިކޮށް އަޑުއަހައިގެން، ވަރަށް އިތުބާރުކޮށްފައި އަންހެނުންނަށް ޚާއްޞަ ހަދިޔާއެއް ދޭންވެގެން މި ގަޑި ގަތީ ކަމަށެވެ. ނަމަވެސް ގަޑީގައި އިން ބޮޑު ކުށުގެ ސަބަބުން އޭނާގެ އަންހެނުން މާޔޫސްވެ ރޮވުނު ކަމަށް އޭނާ ބުންޏެވެ. އަދި އެމެރިކާގެ ރައީސްގެ ނަންފުޅުގައި ވިއްކާ އެއްޗަކުން މިފަދަ ފެންވަރު ދަށް ކަމެއް ފެނުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށްވެސް ބުންޏެވެ.
ބައެއް މީހުން ފާޑު ކިޔަމުން ބުނެފައި ވަނީ ރަސްމީ ބައްދަލުވުންތަކުގައި އާދަވެގެން ވައި ބޭރުކޮށް ހަދާ ޓްރަމްޕަށް ނިސްބަތް ކުރުމަށް މިއީ ހަމަ ރަނގަޅު ބަހެއް ކަމަށެވެ!
މި ގަޑި ވިއްކާ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން، ގަޑި ގަތުމަށްފަހު އަނބުރާ ރައްދުކުރުމެއް ނުވަތަ ރީފަންޑް ދިނުމެއް ނޯވެއެވެ.
އެހެންކަމުން ފުރަތަމަ އެ ކުންފުނިން ޓިމްއަށް އެއްވެސް އެހީތެރިކަމެއް ނުދިނެވެ. ނަމަވެސް، މި ޚަބަރު މީޑިއާއަށް ތިލަވެ، އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބުމާ ގުޅިގެން، ކުންފުނިން ވަނީ ޓިމްއަށް ގުޅައި މާފަށް އެދިފައެވެ. އަދި ކުށް ނެތް އައު ގަޑިއެއް ބަދަލުގައި ދިނުމުގެ އިތުރުން، 800 ޑޮލަރުގެ ކޫޕަނެއްވެސް ހަދިޔާކޮށްފައެވެ.






