ޒަމާނީ ތާރީޚުގައި ހިންގަމުންދާ އެންމެ ރޭވުންތެރި، ބިރުވެރި އަދި އަނިޔާވެރި އަމަލުތައް ހާމަކުރައްވަމުން، އޮކްސްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ އިނގިރޭސި ސާޖަން ޑރ. ނިކް މޭނާޑް ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ފެނިވަޑައިގަތް ބިރުވެރި ކަންތައްތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ.
އެމެރިކާގެ ނޫސްވެރިޔާ ޓަކަރ ކާލްސަންއާއެކު ބޭއްވި ދިގު އިންޓަވިއުއެއްގައި މޭނާޑް ވިދާޅުވީ، ހުޅަނގުގެ ސަރުކާރުތަކާއި މީޑިއާގެ ހިމޭންކަމާއި ބައިވެރިވުމާއެކު، ބަނޑުހައިހޫނުކަމުގައި ތިބި ކުޑަކުދިންނަށާއި މެޑިކަލް ސްޓާފުންނަށް އަމާޒުކޮށްގެން ގަސްތުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހަމަލާދިނުމުގެ ސިޔާސަތެއް ހިންގަމުންދާ ކަމަށެވެ. ކާލްސަން އޭނާގެ ޕްރޮގްރާމް ފެއްޓެވީ 1994 ވަނަ އަހަރު ރުވަންޑާގައި ހިންގި ނަސްލު ނައްތާލުމުގެ ގަތުލުއާންމާއި ޣައްޒާގައި ހިންގަމުންދާ ކަންތައްތަކާ ތާރީޚީ ގޮތުން އަޅާކިޔުއްވަމުންނެވެ. އަދި ސަމަންތާ ޕަވަރ ފަދަ ސިޔާސީ ބޭފުޅުންގެ މުނާފިޤުކަމަށް އަލިއަޅުއްވާލެއްވިއެވެ. އޭނާ އަކީ ނަސްލު ނައްތާލުމާ ދެކޮޅަށް ފޮތްތައް ލިޔެގެން މަގުބޫލުކަން ހޯއްދެވި ބޭފުޅެއް ނަމަވެސް، ރައީސް ޖޯ ބައިޑަންގެ ގައި އެމެރިކާގެ ސީދާ އެހީތެރިކަމާއެކު މިފަދަ ބޮޑެތި ޖަރީމާތައް ހިންގަމުންދާއިރު އޭނާ ހުންނެވީ ހިމޭނުން ކަމަށް ވިދާޅުވިއެވެ.
ކާލްސަން ބާރުއަޅުއްވައި ވިދާޅުވީ، މި ޖެނޮސއިޑްގެ ހަގީގީ ކުށްވެރިޔަކީ މި ޖަރީމާތަކަށް ފަންޑުކުރާ މީހާ ކަމަށެވެ. ޕްރޮގްރާމް ދުރަށް ދެއްކުމަށްފަހު އެކްސް ގައި ކުރި ޓްވީޓެއްގައި އޭނާ އިތުރަށް ވިދާޅުވީ: "ކޮންމެވެސް ހިސާބަކުން، ހުރިހާ ހޮލޯކާސްޓް މިއުޒިއަމްތަކަކަށް ވެސް، މިހާރު ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ މައުރަޒެއް ހިމަނަން މަޖުބޫރުވާނެ. އެއީ ހަމައެކަނި ވަގުތުގެ މައްސަލައެއް." ކަމަށެވެ.
ބަނޑުހައިހޫނުކަމުގެ ކިއުތަކުގައި ޝިކާރަކުރުން
އިންސާނީ ކަރާމާތް ސިއްސުވާލާ ފަދަ ވާހަކަތައް ހާމަކޮށް ދެއްވަމުން ޑރ. މޭނާޑް ވިދާޅުވީ، ކާބޯތަކެތީގެ އެހީ ބަހާ މަރުކަޒުތައް ޔަހޫދީ ޖެނޮސައިޑް ސިފައިން ގެންދިޔައީ ބަނޑުހައިވެފައި ތިބި އާންމުން މަރާލާ މަޅިތަކަކަށް ބަދަލު ކުރަމުން ކަމަށެވެ. އަދި އެކި ދުވަސްތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ ހަށިގަނޑުގެ ވަކި ޚާއްޞަ ގުނަވަންތަކަކަށް އަމާޒުކޮށް ހަމަލާދީފައިވާކަން އެމަޖެންސީ ޑިޕާޓްމަންޓްތަކުގެ ޑޮކްޓަރުންނަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ ހީވަނީ އަމާޒަށް ބަޑިޖަހަން ތަމްރީނުކުރާ ފަދަ ގޮތަކަށް ޖެނޮސައިޑް ސިފައިން ކަންކޮށްފައި ވަނީ ހިނެންނެވެ.
އޭނާ ތަފްޞީލްކޮށްދެއްވި ގޮތުގައި، އެއް ދުވަހަކު މެޑިކަލް ޓީމުތަކަށް ލިބުނީ ހަމައެކަނި ބޮލަށާއި ކަރަށް ބަޑީގެ ހަމަލާ އަމާޒުވެފައިވާ 19 ކުދިންނެވެ. އަދި އެހެން ދުވަހަކު މޭމައްޗަށާއި ބަނޑަށް ބަޑިޖަހާފައިވާ ކުދިން ގެނެވުނުއިރު، އޭނާ ނާޞިރު ހޮސްޕިޓަލުން ވަޑައިގަތުމުގެ ކުރީ ދުވަހު، ސްނައިޕަރުން ސީދާ އެކުދިންގެ ޖިންސީ ގުނަވަންތަކަށް ބަޑިޖަހާފައިވާ 4 ކުދިން ހޮސްޕިޓަލަށް ގެނެވުނު ކަމަށް ވިދާޅުވިއެވެ.
އިނގިރޭސި ސާޖަން ފާހަގަކުރެއްވި ގޮތުގައި، މި ޖަރީމާތައް ހިނގާފައިވަނީ ޖޯނީ މޯލް ހިންގާ ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ މަރުކަޒުތަކުގައެވެ. އޭނާ ޓީވީ ސްކްރީންތަކަށް އަރައި ރައްޔިތުން ސަލާމަތްކުރާ ކަމަށް ބުނެ ފޮނިކަނޑަމުންދިޔައިރު، ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ބާރުތަކުން ދިޔައީ ބަނޑުހައިވެފައި ތިބި މީހުން ހިސާރުކޮށް، ކާބޯތަކެތި ހޯދުމަށް ހަނި ދޮރުތައް ހުޅުވާލާ ވަގުތު އެމީހުންނަށް ބަޑީގެ ހަމަލާދެމުން ކަމަށް ވިދާޅުވިއެވެ.
މެޑިކަލް ސްޓާފުންނަށް އަނިޔާކުރުމާއި ރޭޕްކުރުން
މި އަނިޔާވެރިކަން ހަމައެކަނި ކުޑަކުދިންނަށް ބަޑިޖެހުމަކުން ނުނިމެއެވެ. ޣައްޒާގެ ސިއްހީ އޮނިގަނޑު ހަލާކުކޮށްލުމަށްޓަކައި މެޑިކަލް ސްޓާފުން ރޭވުންތެރިކަމާއެކު ޖެނޮސައިޑް ސިފައިން ނައްތާލަމުންދިޔައެވެ. މޭނާޑް ހާމަކުރެއްވި ގޮތުގައި އޭނާގެ ރަހުމަތްތެރި ޒުވާން ޕްލާސްޓިކް ސާޖަނަކާއި އޭނާގެ މަންމަގެ އަތް ބަނދެ، ބޮލަށް ބަޑިޖަހައި ވަނީ މަރާލާފައެވެ. އަދި ގިނަ އަދަދެއްގެ ޑޮކްޓަރުން ވަގަށް ނަގައިގެން ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ޖަލުތަކަށް ގެންގޮސް، އެންމެ ބިރުވެރި އަނިޔާތައް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި، ފާހަގަކޮށްލެވޭ ކަށީގެ ޑޮކްޓަރަކު ދެ ހަފްތާ ވަންދެން ތަކުރާރުކޮށް ރޭޕްކޮށް، އަނިޔާގެ ސަބަބުން ޖަލުތެރޭގައި މަރުވި މައްސަލަ ވެސް ވަނީ ރެކޯޑުކުރެވިފައެވެ. އަދި އޭނާގެ ހަށިގަނޑު އަދިވެސް އާއިލާއާ ހަވާލެއް ނުކުރެއެވެ.
ބަންދުން ސަލާމަތްވި ބައެއް ޑޮކްޓަރުންގެ ބަޔާންތަކާ ހަވާލާދީ އޭނާ ވިދާޅުވީ، އެމީހުންގެ ޖިންސީ ގުނަވަންތަކަށް ކަރަންޓު ޝޮކް ދީ، ނަފްސާނީ އަދި ޖިސްމާނީ އަނިޔާކޮށް، އެއްވެސް ރަސްމީ ދައުވާއެއް ނެތި، ކަނު ބަނދެ، އަތްބަނދެފައިވާ ހާލުގައި ކަކޫމައްޗަށް ތިރި ވެގެން ތިބުމަށް ދެ މަސް ދުވަސް ވަންދެން ޔަހޫދީ ޖެނޮސައިޑް ސިފައިން މަޖުބޫރުކުރި ކަމަށެވެ.
ގޮވާތަކެތި ހަރުކޮށްފައިވާ ކުއްތާތަކާއި ޤާތިލް ޑްރޯންތައް
ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު ހާމަކުރައްވަމުން މޭނާޑް ވިދާޅުވީ، ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ސިފައިން ދިރިތިއްބާ ކުއްތާތައް ތަމްރީނުކޮށް، އެސޮރުމެންގެ ބުރަކަށީގައި ކެމެރާއާއި ބަޑި ހަރުކޮށްގެން ހޮސްޕިޓަލްތަކަށް ވައްދާ ކަމަށެވެ. އަދި ދުރުގައި ތިބޭ ސިފައިން އެތަކެތި ކޮންޓްރޯލްކޮށްގެން ޑޮކްޓަރުންނާއި ބަލިމީހުންނަށް ބަޑީން ހަމަލާދޭ ކަމަށެވެ. މިއީ މިފަދަ ހާދިސާތައް އެތައް ފަހަރަކު ލޮލުން ދުށް އޭނާގެ އެކުވެރި ޑޮކްޓަރެއްގެ ބަޔާނުން އެނގޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ހަތިޔާރާއި ކެމެރާ ހަރުކޮށްފައިވާ ކުއަޑްކޮޕްޓަރު ޑްރޯންތައް ބޭނުންކުރާ ކަމަށް ވިދާޅުވިއެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ސިފައިން ހިންގި ބިރުވެރި ހާދިސާއެއް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ، ނާޞިރު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރެއްގެ ތެރެއަށް ޑްރޯނެއް ވަދެ، އަވަސް އޮޕަރޭޝަނަކަށް ތައްޔާރުވަމުންދިޔަ އޭނާގެ އެކުވެރި ޑޮކްޓަރެއްގެ މޭމައްޗަށް ބަޑިޖެހި ކަމަށެވެ.
މިކަން ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ސިފައިން ކުރީ ހަމައެކަނި ހޮސްޕިޓަލްތަކަކަށް އެކަންޏެއް ނޫނެވެ. އަލްމަވާޞީ ސަރަހައްދުގައި ރެފިއުޖީން ތިބި ފޭލިގެތަކަށްވެސް މި ޑްރޯންތަކުން ބަޑިޖަހާފައިވެއެވެ. މޭނާޑް ވިދާޅުވީ، ޑްރޯނަކުން ޖެހި ބަޑީގެ އުންޑައެއް ރަހިމާ ދިމާލަށް ދިޔަ، ތިން މަހުގެ މާބަނޑު އަންހެނެއްގެ ފުރާނަ ސަލާމަތްކުރުމަށް އޭނާ އޮޕަރޭޝަނެއް ކުރެއްވި ކަމަށާއި، ސިއްހީ ފަރުވާއަށްފަހު އެމީހާއާއި ދަރިފުޅު ސަލާމަތްވި ކަމަށެވެ.
ސިޔާސީ އަދި މީޑިއާގެ ބައިވެރިވުން
މޭނާޑް އޭނާގެ ވާހަކަ ނިންމާލީ، އޭނާގެ އަމިއްލަ ގައުމުގެ އިނގިރޭސިވިލާތުގެ މީޑިއާއާއި ސިޔާސީވެރިންގެ ބައިވެރިވުމާ މެދު އިންތިހާއަށް ހިތްހަމަ ނުޖެހުން ފާޅުކުރައްވަމުންނެވެ. އަދި ބީބީސީގެ ވަކިފަރާތަކަށް ޖެހިފައިވާ ކަވަރޭޖަށް ފާޑުވިދާޅުވިއެވެ. މިގޮތުން ޣައްޒާގެ ޑޮކްޓަރަކު ޕްރޮގްރާމަކަށް ގެނައުމަށްފަހު، އޭގެ ފަހަތުން ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ތަރުޖަމާނަކު ގެނެސް، އެ ޑޮކްޓަރަކީ ޙަމާސްގެ އަސްކަރީ ކޮމާންޑަރެއް ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރި ހާދިސާއެއް ވެސް އޭނާ ފާހަގަކުރެއްވިއެވެ.



