ތިން ދިމާއަކުން ޓްރަމްޕް ހާސްކޮށްލައި ފޭލިކޮށްލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ދާއިރާތަކުން ދަނީ ފޭލި ވަމުން ކަމަށް ވަނީ "ނިއުޔޯކް ޓައިމްސް" ނޫހުން ބުނެއެވެ. އީރާނާއި، ޣައްޒާ އަދި ޔޫކްރެއިންގައި އަވަސް ކާމިޔާބީތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ފޮނި ކެނޑި ޓްރަމްޕް މިހާރު ވަނީ ބޯހާސް ކަމެއްގެ ތެރޭގައި ކަމަށް ޓައިމްސްއިން ބުނެއެވެ.

ޚާރިޖީ ކަންކަމުގެ ތަޖުރިބާކާރު ނޫސްވެރިޔާ ޑޭވިޑް ސެންގަރ ލިޔުއްވާފައިވާ ތަހުލީލެއްގައި ބުނެފައިވަނީ، ޓްރަމްޕާއި ޔަހޫދީ ޖެނޮސައިޑް ރެޖީމުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައަކީ މި ނާކާމިޔާބީގެ އެންމެ ސާފު މިސާލެވެ. ހަނގުރާމައިގެ ހަރަކާތްތައް ހުއްޓާލިކަން ޓްރަމްޕް އިޢުލާނު ކުރެއްވުމަށްފަހު، ހުރްމުޒް ކަނޑުއޮޅި ފުރިހަމައަށް އަދި ރައްކާތެރިކަމާއެކު އަލުން ހުޅުވާލުމަށް ޝަރުޠުކުރެއްވި ނަމަވެސް، އެ އަމާޒު އޭނާއަށް މުޅިން ޙާޞިލެއް ނުކުރެވުނެވެ. އަދި އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްގެ މުސްތަޤްބަލް އަދިވެސް އޮތީ ގޮތެއް ނުނިމި މަޝްވަރާގެ މޭޒުމަތީގައެވެ.

40 އަހަރަށްވުރެ ގިނަ ދުވަހު އެމެރިކާގެ ޚާރިޖީ ކަންކަން ކަވަރުކުރި ސެންގަރ ފާހަގަކުރާ ގޮތުގައި، އެމެރިކާގެ އެތެރޭގައި ޓްރަމްޕްގެ މަޤްބޫލުކަން ދަށަށް ދިއުމުގެ ސަބަބުން އަލުން ހަނގުރާމައަކަށް ދާން އޭނާ ޖެހިލުންވާކަން ތެހެރާނަށް އެނގެއެވެ. މިއީ އީރާނަށް ވަގުތު ދިގުދަންމާލުމަށް ލިބޭ ފުރުޞަތެކެވެ.

އޭނާ ކަށަވަރުކޮށްދޭ ގޮތުގައި، އެމެރިކާ ސަރުކާރުން ކުރިން ބުނަމުން ދިޔަ "ޝަރުޠެއް ނެތް އަމާންދިނުން" ދޫކޮށް، މިހާރު ޓްރަމްޕް މަސައްކަތްކުރަމުންދަނީ ހަނގުރާމައިގެ ކުރިން އޮތް މަޝްވަރާތައް އަލުން ދިރުވުމަށް އާ އެއްބަސްވުމެއް ހޯދުމަށެވެ.

ޔޫކްރެއިން މައްސަލައަށް ބަލާއިރު، ކެމްޕޭން ތެރޭގައި އެއް ދުވަސް ތެރޭގައި ޔުކްރެއިން ހަނގުރާމަ ހުއްޓުވާނެ ކަމަށް ޓްރަމްޕް ވައުދުވެވަޑައިގަތް ނަމަވެސް، އޭނާ ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތްތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރުވެސް ސިޔާސީ އެއްވެސް ހައްލެއް ނުލިބި ހަނގުރާމަ ދަނީ ކުރިއަށެވެ.

އެމެރިކާ ސަރުކާރުގެ ތެރޭގައި މާޔޫސްކަން އިތުރުވަމުންދާކަމުގެ ނިޝާންތައް ފެންނަ ކަމަށް ލިޔުންތެރިޔާ ފާހަގަކުރެއެވެ. ޚާއްޞަކޮށް ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ދެއްވާ ބަޔާންތަކުން އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އޮތް ފޯރި ކުޑަވެފައިވާކަން ދޭހަވެއެވެ. އަދި މޮސްކޯއިން ބޭނުންވަނީ ޚާއްޞަ މަންދޫބުން މެދުވެރިކޮށް ހިންގާ ވަގުތީ މުޢާމަލާތްތަކުގެ ބަދަލުގައި، މުއައްސަސާ ފެންވަރުގައި ދާއިމީ ޑިޕްލޮމެޓިކް މަގަކުން ދިއުމަށެވެ.

ޓައިމްސްއާ ވާހަކަދެއްކެވި ތަޖުރިބާކާރުން ދެކޭގޮތުގައި، މައްސަލަ އުޅެނީ ހައްލުކުރުމުގެ ފުރުޞަތު ނެތުމުގައެއް ނޫނެވެ. ނަމަވެސް، ރަޝިޔާއަށް އިޤްތިޞާދީ ފިއްތުންތައް ބޮޑުވެ، ޔޫކްރެއިންއިން ރަޝިޔާގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ހުރި ނަމަވެސް، ސިޔާސީ ވާހަކަތައް ހަގީގީ އެއްބަސްވުމަކަށް ބަދަލުކުރެވޭނެ ފަދަ ދާއިމީ އަދި ރޭވުންތެރި މަޝްވަރާގެ ނިޒާމެއް ނެތުމުންނެވެ.

ޣައްޒާގެ މައްސަލާގައި ލިޔުންތެރިޔާ ގަބޫލުކުރާ ގޮތުގައި، ޖެނޮސައިޑް ހަމަލާ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމަށް އެއްބަސްވުމެއް ހޯދުމުގައި ޓްރަމްޕް ކާމިޔާބު ހޯއްދެވި ނަމަވެސް، އޭގެ ފަހުގެ ކަންތައްތައް ވަނީ ބޮއްސުން ލާފައެވެ. ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނާއި ފަލަސްޠީނުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަގްސަދު ޓްރަމްޕަކަށް ޙާޞިލެއް ނުކުރެވުނެވެ. އަދި ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ އަސްކަރީ ހަރަކާތްތައް އަދިވެސް ދަނީ ކުރިއަށެވެ.

ސެންގަރ ފާހަގަކުރާ ގޮތުގައި، ޣައްޒާ އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ސަރަހައްދަކަށް ހެދުމަށް ޓްރަމްޕް ހުށަހެޅުއްވި ތަޞައްވުރު އޮތީ ހަމައެކަނި ވިސްނުމެއްގެ ފެންވަރުގައެވެ. އަދި ޣައްޒާ އިމާރާތް ކުރުމަށް ވައުދުވި އިންވެސްޓްމަންޓްގެ މަސައްކަތްތައް ވަނީ ފައިސާ ނެތިގެން ކާމިޔާބު ނުވެފައެވެ.

ލިޔުންތެރިޔާ ނިންމާލަމުން ބުނެފައިވަނީ، މި ތިން މައްސަލައިންވެސް އެމެރިކާގެ ބާރު ކެނޑެމުންދާ ކަން ހާމަވެގެންދާ ކަމަށެވެ.

އެމެރިކާގެ ކިބައިގައި އަސްކަރީ އަމާޒުތަކާއި ސްޓްރެޓީޖިކް ތަންތަން އަވަހަށް ހަލާކުކޮށްލުމުގެ ގާބިލުކަން ހުރެދާނެއެވެ. ނަމަވެސް، އީރާނާއި، ރަޝިޔާ އަދި ޔޫކްރެއިން ފަދަ ގައުމުތަކުގެ އެތެރޭގެ ސިޔާސީ ކުރިއެރުންތައް ކޮންޓްރޯލްކުރުމުގެ ބާރު އެމެރިކާއަކަށް ނެތެވެ.

ސެންގަރ ދެކޭގޮތުގައި ޚާރިޖީ ސިޔާސަތަކީ ދިގު މުއްދަތެއްގެ ކެތްތެރިކަމާއި މެދުކެނޑުމެއްނެތް ބެލެހެއްޓުން ބޭނުންވާ ކަމެކެވެ. ނަމަވެސް ޓްރަމްޕް ބޮޑަށް އިސްކަންދެއްވަނީ ފޮނިކެނޑުމަށެވެ. އެހެންކަމުން، އޭނާގެ އުންމީދުތައް ވަނީ މާ އޮޅުންބޮޅުން ބޮޑު ޙަޤީޤަތެއް ނެތް ކަމަކަށް ވެފައެވެ.

ހިއްސާ ކުރައްވާ!