ޔަހޫދީ ޖެނޮސައިޑް ރެޖީމުން ޣައްޒާ އަދި ލުބުނާނުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލަންޖެހޭނެ ކަމަށް ބުނެ އީރާނުން ދަނީ ބާރު އަޅަމުންނެވެ. އަދި އީރާނާއި އީރާނުން ސަޕޯޓު ކުރާ މުޖާހިދު ހަނގުރާމަވެރިންނާ ގުޅިގެން ރެޑް ސީގެ ބާބުލް މަންދަބު ކަނޑުއޮޅި އާއި އެހެނިހެން ފްރަންޓްތައް ހަރަކާތްތެރިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފިއެވެ.
- ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ ލުބުނާންގެ ސޫރު ސިޓީގެ ހަސްފަތާލަކަށް ބޮން އަޅައި އެތަން ސުންނާފަތިކޮށްފައެވެ.
- އީރާންގެ ޚާތަމުލް އަންބިޔާ މަރުކަޒުގެ ކޮމާންޑަރު ވަނީ ޔަހޫދީ ޖެނޮސައިޑް ރެޖީމުން ބެއިރޫތަށް ހަމަލަ ދެނީނަމަ، ޔަހޫދީ ރެޖީމުގެ އުތުރު ސަރަހައްދުގައި އުޅޭ ޔަހޫދީން އެމީހުންގެ ބަސްތީތައް ދޫކޮށް ދިއުމަށްވެސް އިންޒާރު ކޮށްފައެވެ.
- ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ ބެއިރޫތުގައި ޝިޔައީ މުސްލިމުންގެ އަވަށް ކަމަށްވާ ޟާޙިޔާ ހުސްކުރުމަށް އަންގައި އިންޒާރު ދީފައެވެ.
މިއަދުގެ ކުރީކޮޅު އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަމަލަ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމަކީ، ލުބުނާން ހިމެނޭ ގޮތަށް ހުރިހާ ފްރަންޓްތަކެއް ޝާމިލުވާ ފުރިހަމަ އެއްބަސްވުމެއް ކަމަށެވެ. އަދި ހަމަލަ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއާއި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ކަމަށާއި، ކޮންމެ ފްރަންޓަކުން ވިޔަސް އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެއީ މުޅި އެއްބަސްވުމާ ޚިލާފުވުން ކަމަށް ބެލެވޭނެ ކަމަށް އަރަގްޗީ ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅާ އެކުއެކީގައި، އީރާނުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ: "ލުބުނާނުގައި ހިންގަމުންދާ ޖަރީމާތައް ދެމިއޮތުމަކީ އަހަރެމެންނަށް ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ޒަޔަނިސްޓު ލީޑަރުންނަށް އިންޒާރުދެން" ކަމަށެވެ. އަދި ހަމަލަތައް ބަދލަު ކުރުން ހުއްޓާލާފައި އޮތް އޮތުމުގެ ބޭނުން ހިފައިގެން ލުބުނާނުގައި ޖަރީމާތައް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިންގަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.




