ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލް ނުވަތަ މަގަތު ފާލަމާއި، އެ ސަރަހައްދުގެ ޕޭވިންގ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ. 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ޖުމްލަ އަގަކީ 154 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ކީވޯލް ތަރައްޤީކުރުމަށް އެކަނިވެސް 18 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 100 މީޓަރުގެ މަގަތު ފާލަމާއި 6،775 އަކަ މީޓަރުގެ ސަރަހައްދުގެ ޕޭވިންގ މަސައްކަތަކީ ތިލަފުށީގައި ތަރައްޤީކުރާ ޕޯޓުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މިވަގުތު ތަރައްޤީކުރާ ސަރަޙައްދެކެވެ. ނަމަވެސް، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ޚާއްސަ ކުރެވޭ "ސަރވިސް ކީ" އެއްގެ ގޮތުގައެވެ.
އެމްޕީއެލް އިން ހާމަކުރި ގޮތުގައި، ކްލިއަރަންސް އޮޕަރޭޝަންސްތަކަށް އެ ސަރަހައްދު ބޭނުންކުރަން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސްގެ ބޮޑު ބައެއް މި ސަރަހައްދަށް ބަދަލުކުރެވޭނެއެވެ. މިއީ މިހާރު ފޯރުކޮށްދެމުންދާ ކްލިއަރަންސްގެ ޚިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުޔެކެވެ. އެމްޕީއެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުށި ބަނދަރު ޚިދުމަތަށް ހުޅުވާލައި، މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އެތަނަށް ބަދަލުކުރުމެވެ. މި މަޝްރޫޢުގެ ފޭސް-1 ގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްގެން ކުރިއަށްދާއިރު، އެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

