ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ޑިޖިޓަލްކުރަން ފެށުމުން، ވަކިވަކި ފަރުދުންގެ ބާރާއި ނުފޫޒު ފޯރުވުމަށް އޮތް ފުރުޞަތުތައް ބަންދުވެ، އެކަން މުޖުތަމަޢުން އެއްކޮށް ނެތިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ނިޒާމުތައް ޑިޖިޓަލްވުމުން އިންސާނުންގެ ބައިވެރިވުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. މީގެ އެންމެ މައިގަނޑު މަޤްޞަދަކީ ކަންކަން ނިންމުމުގައި ވަކި މީހަކަށް ލިބިފައި އޮންނަ އިޚުތިޔާރީ ބާރު ކުޑަކުރުން ކަމަށާއި، އޭގެ ސަބަބުން ނުފޫޒުން ކަންކަން ކުރުމުގެ ސަޤާފަތް ބަދަލުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ވިސްނުމަކީ ނުފޫޒުން ކަންކަން ނިންމާ ނިންމުންތައް ހުއްޓުވައި، އެފަދަ ކަންކަމަށް އޮތް ހުރިހާ ދޮރެއް ބަންދުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އާސަންދަ ނިޒާމާއި ސަރުކާރުގެ އެހެނިހެން ޚިދުމަތްތައް ދިނުމުގައިވެސް މި ބަދަލުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ޚާއްޞަކޮށް، ވަކި މީހަކަށް ގުޅައިގެން ނުވަތަ ނުފޫޒެއްގެ ތެރެއިން ޚިދުމަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތްތައް ހުއްޓި، ހަމަހަމަކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
ރައްޔިތުންނަށް ލުއިފަސޭހަކޮށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން މިހާރުވަނީ، ނޭޝަނަލް سޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންދިޔަ މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ. މިގޮތަށް ބަދަލުކުރީ، ޞިއްޙީ އެހީގެ ޚިދުމަތް ދެ ތަނަކުން ދޭތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމަށެވެ. މީގެ އިތުރުން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް "މޯލްޑިވްސް 2.0″ މަޝްރޫޢުވެސް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ތެރެއިން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާ ހޯދައި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށާއި، ދެފުށް ފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަން ކުރެވޭނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

