ލުބުނާނުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ސޮލީބީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވުމާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް އެޤައުމުގެ އިދިކޮޅު ސިޔާސީވެރިންނާއި އާންމުންގެ ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ. މި ފާޑުކިއުންތައް އައީ ބޭރޫތުގެ ދެކުނު ސަރަޙައްދުތަކަށާއި ޟާޙިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ ނެތަންޔާހޫ ކުރިން ބިރުދައްކާފައި ވަނިކޮށެވެ.
ރައީސް ޓްރަމްޕް އޭނާގެ "ޓްރޫތް ސޯޝަލް" މީޑިއާގައި ހާމަކުރެއްވި ގޮތުގައި، ނެތަންޔާހޫއާއެކު ފޯނުން ދެއްކެވި "ކާމިޔާބު" ވާހަކަތަކަށްފަހު، ބޭރޫތަށް އިސްރާއީލުން ޙަމަލާ ނުދޭނެ ކަމުގެ ޔަޤީންކަން ވަނީ ލިބިފައެވެ. އަދި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުންވެސް ޙަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މި އިޢުލާނު ކުރެއްވީ، އިސްރާއީލުގެ ސިފައިން ވޭތުވެދިޔަ 26 އަހަރުގެ ތެރޭގައި ލުބުނާނުގެ އެންމެ އެތެރެއަށް ވަދެ، ޟާޙިޔާއަށް ޙަމަލާދޭން ސަރުކާރުން އަމުރު ނެރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް މިކަމުގެ ތެރެއަށް ވަންނަން ޖެހުނީ، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން އައު ހަނގުރާމައިގެ މައިދާންތަކެއް ހުޅުވާނެ ކަމުގެ އިންޒާރު ދިނުމުން، ސޮލީބީ އެމެރިކާއާއި އީރާނާ ދެމެދު ހިނގާ މަޝްވަރާތައް ހުއްޓިދާނެތީއެވެ.
ނަތަންޔާހޫއަށް އަމާޒުވި ރައްދުތައް:
ޓްރަމްޕްގެ އެންގުމަށް ކިޔަމަންވެ ބޯލަނބައި، ބޭރޫތަށް ދޭން އުޅުނު ޙަމަލާތައް ނަތަންޔާހޫ ހުއްޓާލުމުން އިސްރާއީލުގެ ސިޔާސީ މަސްރަޙު ވަނީ ގަޑުބަޑުވެގެން ގޮސްފައެވެ. ޔަހޫދިން ބުނަނީ:
-
ޔާއިރު ލަޕިޑް (އިދިކޮޅު ލީޑަރު): "މިއީ މިއަދު މުޅިން އެހެން ބައެއްގެ ބާރުގެ ދަށުގައި އޮތް ޤައުމެއް،" ނަތަންޔާހޫ ޓްރަމްޕްގެ ބަހަށް ކިޔަމަންވުމުން މަލާމާތްކުރަމުން ލަޕިޑް
-
އަވިގްޑޯރ ލީބަރމަން ("އިސްރާއީލް ބޭތުނާ" ގެ ލީޑަރު): ނަތަންޔާހޫއަކީ ބޮޑުވަޒީރެއް ނޫން! އޭނާއަކީ ހަމައެކަނި ގޮނޑިކޮއްކޮއެއް!
-
ޓޭރަރިސްޓް އިތަމާރް ބެން ގްވީރް (އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު): ހަރުކަށި ފިކުރުގެ ބެން ގްވީރް، ނަތަންޔާހޫ ކުރިން ބުނި ބަހެއް ހަނދާންކޮށްދެމުން ބުންޏެވެ. "ކަލޭމެން ބުނީމެއްނު ވަރުގަދަ ބޮޑުވަޒީރަކީ އެމެރިކާގެ ރައީސް ގާތު 'އާނއެކޭ' ބުނެވެން އޮތް ތަނެއްގައި ބުނެފައި، 'ނޫނެކޭ' ބުނަންޖެހޭ ވަގުތު އެހެން ބުނާ މީހާއޭ. އެހެންވީމާ މިހާރު މިއީ ރައީސް ޓްރަމްޕް ގާތު 'ނޫނެކޭ' ބުނަންވީ ވަގުތެއް ނު؟."
އިސްރާއީލުގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، ޓްރަމްޕްގެ މިއަމުރުގެ ސަބަބުން އިސްރާއީލުގެ އުތުރު ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. ނަތަންޔާހޫ އާއި ސަލާމަތީ ބާރުތަކުން ލުބުނާނުގެ ހަނގުރާމަ ފުޅާކުރަން ނިންމާފައި ވަނިކޮށް، ސޮލީބީ އެމެރިކާގެ ނުފޫޒުން މުޅި ސަހުޔޫނީ ރޭވުން މިވަނީ ބަދަލުވެފައެވެ.





