އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި، ލުބުނާނަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ވަރަށް ހަރުކަށި ބަހުރުވައިން ވާހަކަ ދައްކަވައިފިއެވެ. އެމެރިކާގެ މީޑިއާއަށް މަޢުލޫމާތު ދިން އެމެރިކާގެ ދެ އޮފިޝަލަކާއި މިކަމުގެ މަޢުލޫމާތު ހުރި އެހެން މަޞްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި، ހޯމަ ދުވަހު ހިނގި މި ފޯން ކޯލް ޒުވާބުގައި ޓްރަމްޕް ވަނީ ނޭދެވޭ ހަޑި ހުތުރު ބަސްތައް ބޭނުންކުރައްވައި ނަތަންޔާހޫއަށް ވަރަށް ބޮޑަށް ހެއްދެވިނެތްތަކަށް ގޮވާލައްވާފައެވެ.
މަޞްދަރުތަކުން ބުނާ ގޮތުގައި، ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ "މޮޔައެއް" ކަމަށް ސިފަކުރައްވައި، އޭނާއަކީ ތަންދޮރު ނުދަންނަ މީހެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި ބައިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އިސްރާއީލުން ރާވާފައި އޮތް ޕްލޭން ޓްރަމްޕް ވަނީ ހުއްޓުވާފައެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ލުބުނާނުގެ ވެރިރަށް ބައިރޫތަށް ބޮން އެޅުމުގެ ބިރު ދައްކަމުންދާނަމަ، ބައިނަލްއަޤްވާމީ ދުނިޔޭގައި އިސްރާއީލު އިތުރަށް އެކަހެރިވާނެ ކަމަށް ޓަމްޕް، ނަތަންޔާހޫއަށް ބުންޏެވެ.
މަޞްދަރުތަކުން ބުނި ގޮތުގައި، ނަތަންޔާހޫގެ މައްޗަށް ހިންގުނު ކޮރަޕްޝަންގެ ޝަރީޢަތްތަކުގައި އެމެރިކާއިން ދިން އެހީތެރިކަން ޓްރަމްޕް ހަނދާންކޮށްދެއްވިއެވެ. ޓްރަމްޕް ވިދާޅުވިއެވެ:
"ކަލޭ ތިއީ މޮޔައެއް.. އަހަރެންގެ އެހީތެރިކަމާއި ސަޕޯޓް ނުލިބުނުނަމަ ކަލޭ މިއަދު އޮންނާނީ ޖަލުގައި. އަހަރެން ކަލޭ ސަލާމަތް ކުރާއިރު، މިހާރު ދުނިޔޭގެ އެންމެން ކަލޭދެކެ ފޫހިވޭ. އަދި ކަލޭގެ ސަބަބުން މުޅި ދުނިޔެ އިސްރާއީލުދެކެ ނަފުރަތު ކުރޭ." ޓްރަމްޕް
އެހެން މަޞްދަރަކުން ބުނި ގޮތުގައި، ޓްރަމްޕް ވަނީ ނަތަންޔާހޫއާ ދިމާލަށް "ކަލޭ ތިޔަ ކުރަނީ ކޮން މޮޔަ ކަމެއް ހެއްޔޭ؟" ބުނެ ހަޅޭއްލަވައިގެންފައެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ޙިޒްބުﷲ އިން އިސްރާއީލަށް ޙަމަލާދޭކަން ޓްރަމްޕް ޤަބޫލުކުރައްވައެވެ. ނަމަވެސް، ފަހަކަށް އައިސް ނަތަންޔާހޫ ދެމުންދާ ރައްދުތަކަކީ އެއްވެސް މިންގަނޑެއްގައި ހަމަޖެހޭ ރައްދެއް ނޫން ކަމަށާއި، ޚާއްޞަކޮށް ލުބުނާނުގެ ދެކުނުގައި އެއްގަމު މަގުން ހިންގާ އޮޕަރޭޝަން ފުޅާކޮށް، ގިނަ އަދަދެއްގެ ޢާންމުން މަރުވަމުންދާތީ ޓްރަމްޕް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ހަމައެކަނި ޙިޒްބުﷲ ގެ އެއް ކޮމާންޑަރަކު މަރާލުމަށްޓަކައި، މުޅި ޢިމާރާތްތައް ދުއްވާލުމުގެ ސިޔާސަތަށްވެސް ޓްރަމްޕް ދެކޮޅު ހެއްދެވިއެވެ.
ބައިރޫތަށް ދޭން އޮތް ޙަމަލާ ހުއްޓާލުން
މި ފޯން ކޯލަށްފަހު، އިސްރާއީލުގެ އޮފިޝަލަކު ކަށަވަރުކޮށްދިން ގޮތުގައި، ބައިރޫތުގައި ހުރި ޙިޒްބުﷲ ގެ އަމާޒުތަކަށް ޙަމަލާދިނުމުގެ ޕްލޭން އިސްރާއީލުން މިހާރު ވަނީ ދޫކޮށްލާފައެވެ.
އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުންވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ހެނދުނު ބައިރޫތުގެ ދެކުނުގެ ސަރަޙައްދު ޟާޙިޔާއަށް ބާރުގަދަ ޙަމަލާތަކެއް ދޭން އިސްރާއީލުން އޮތީ ރާފައެވެ. ނަމަވެސް، އެމެރިކާއިން ސީދާ މައްސަލައިގެ ތެރެއަށް ވަދެ ބަވާލުމުން އެ ޙަމަލާ ވަނީ ފަސްކޮށްފައެވެ.
އީރާނުގެ ނިންމުމާއި ޓްރަމްޕްގެ މެދުވެރިވުން
މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ ނިއުސް އެޖެންސީން ބުނީ، އިސްރާއީލުން ލުބުނާނަށް ދެމުންދާ ޙަމަލާތަކާ ހުރެ، އެމެރިކާއާއެކު ސިއްރުން ބަދަލުކުރަމުންދިޔަ ނުސީދާ މެސެޖުތައް ބަދަލުކުރުން އީރާނުން މިހާރު މަޑުޖައްސާލާފައިވާ ކަމަށެވެ.އަދި އީރާނުން ވަނީ އެމެރިކާއަށް މިކަމުިގައި ކާމިޔާބު ކަމާއެކު ފިއްތާފައެވެ. ސުންނީ އަރަބިންނަށް މިވަރެއްވެސް ނުކުރެވުނެވެ!






