ނިޔޭގެ ބޮޑެތި ޤައުމުތަކުން އިލެކްޓްރިކް އީވީ އުޅަނދުތަކަށް ސަމާލުކަންދޭ މި ދަނޑިވަޅުގައި، އެމެރިކާގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއް އާދައިގެ ތެޔޮ ބޭނުންކޮށްގެން އެންމެ ލީޓަރަކުން އެތައް ސަތޭކަ މޭލަކަށް ދަތުރުކުރާ އާދަޔާޚިލާފު ކާރެއް އުފައްދައިފިއެވެ.
އެމެރިކާގެ ޔޫޓާ ސްޓޭޓްގެ "ބްރިގަމް ޔަންގް ޔުނިވަރސިޓީ" ގެ ދަރިވަރުން ފަރުމާކުރި މި ތަޖުރިބާކުރާ ކާރު، އެންމެ ލީޓަރެއްގެ އީތެނޯލް އިން އެތައް ސަތޭކަ މޭލެއް ކަޑަތުކުރެއެވެ. މިކަން އެމީހުން ހާސިލުކުރީ ކާރުގެ ބަރުދަން ލުއިކޮށް، "އެއިރޯޑައިނަމިކް" ފަދަ ވައިގެ ހުރަސްތައް ކުޑަކުރާ ބައްޓަމަކަށް ފަރުމާ ހަދައިގެންނެވެ.
"ސުޕަރ މައިލޭޖް" ގެ ނަން ދީފައިވާ މި ކާރުގެ މުހިންމު ސިފަތައް:
-
މުޅި ކާރުގެ ބަރުދަނުގައި ހުރީ އެންމެ 49 ކިލޯގްރާމެވެ. މިއީ އޭގެ ބޮޑީ ހެދުމަށް ވަރަށް ލުއި "ކާބަން ފައިބަރު" ބޭނުންކޮށްފައިވާތީއެވެ.
-
މީގައި ހުންނަނީ އެންމެ 30 މިލިލީޓަރުގެ ތެޔޮ އެޅޭ ކުޑަކުޑަ ޓޭންކެކެވެ. މި ޓޭންކް ފުރާލުމުން ކާރަށް ދެވޭނީ 20 މޭލަށެވެ. އެއަށްފަހު ޖެހޭނީ އަލުން ތެޔޮ އަޅާށެވެ.
ދަރިވަރުން މި ކާރު ޚާއްޞަކޮށް ފަރުމާކުރީ "ޝެލް އެކޯ މެރަތަން" ކިޔާ މުބާރާތަކަށެވެ. މި މުބާރާތަކީ އެންމެ ކުޑަ ތެޔޮ ފޮދަކުން އެންމެ ދުރަށް ދުއްވޭ ކާރުތައް ހޮވުމަށް ބާއްވާ މުބާރާތެކެވެ.
މި ކާރުން އެންމެ ގެލަނެއްގެ ތެލުން 2،150 މޭލަށް ދަތުރުކުރެވޭއިރު، ދަރިވަރުން ވަނީ އާދައިގެ ކާރުތަކުގައި ހުންނަ ޒަމާނީ ހުރިހާ ފީޗާސްތަކެއް މިއިން އުނިކޮށްފައެވެ. އެއީ ތެޔޮ ޚަރަދު ކުޑަކުރުމުގެ ބޭނުމުގައެވެ.
ކާރުގައި އިނދެވެނީ ހަމައެކަނި ޑްރައިވަރަށެވެ. އަދި އޭނާގެ އިސްކޮޅުގައި 5 ފޫޓު 4 އިންޗިއަށްވުރެ ދިގުވެގެން ނުވާނެއެވެ. ބަރުދަންވެސް 54 ކިލޯގްރާމަށްވުރެ ލުއިވާންޖެހެއެވެ. މި ކާރު ދުވަނީ ގަޑިއަކު އެންމެ 23 މޭލުގެ ދުވެލީގައި ކަމުން، މީގައި ގިނައިރު ދަތުރުކުރުމަކީ ވަރަށް ބޮޑު ތަކުލީފަކަށް ވާނެއެވެ.






