ކައިވެންޏަށްފަހު ފުރަންދިޔަ ޒުވާނަކު، ހެލިކޮޕްޓަރު ވެއްޓި މަރުވެއްޖެ

ކައިވެނީގެ އުފާވެރި ރަސްމިއްޔާތު ނިންމާލުމަށްފަހު އެއާޕޯޓަށް ދިއުމަށް ހެލިކޮޕްޓަރުގައި ދަތުރުކުރި އެމެރިކާގެ އެޓްލާންޓާއަށް ނިސްބަތްވާ، އިންޑިއާ ދަރިކޮޅުގެ ޒުވާނަކު ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއެއްގައި މަރުވެއްޖެއެވެ. ކައިވެނި ކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އުމުރުން 25 އަހަރުގެ ދޭވް ފިޖީއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ދޭވް އާއި އޭނާގެ އަލަތު އަނބިމީހާ ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓުނީ ޖޯޖިއާގެ ޑޯސަން ކައުންޓީ ކައިރިއަށެވެ. މި ހާދިސާގައި ދޭވްގެ އިތުރުން ހެލިކޮޕްޓަރުގެ ޕައިލެޓްވެސް ވަނީ މަރުވެފައެވެ. ނަމަވެސް، ދޭވްގެ އަނބިމީހާ މި ހާދިސާއިން ސަލާމަތްވީ ޒަޚަމްތަކަކާއެކީގައެވެ. އިމާޖެންސީ ޓީމުތަކުން މިހާރު ވަނީ އޭނާއަށް ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ދޭވްގެ މައިންބަފައިން ކަމަށްވާ ޖޯޖް އަދި ފީބާ ފިޖީއަކީ މީގެ އެތައް އަހަރެއް ކުރިން އިންޑިއާގެ ކެރެލާ ސްޓޭޓުން އެމެރިކާއަށް ހިޖުރަކުރި ބައެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ދޭވް އާއި އޭނާގެ އަނބިމީހާ ކައިވެނީގެ ޕާޓީ ބޭއްވި ހޯލުން ނިކުމެގެން ހެލިކޮޕްޓަރުގައި އެއާޕޯޓަށް ދިއުމަށް ދަތުރުކުރަނިކޮށް، މަގުމަތީގައި މޫސުން ގޯސްވުމުގެ ސަބަބުންނެވެ. މޫސުން ގޯސްވެ، ކޮންޓްރޯލް ނެއްޓިގެން ހެލިކޮޕްޓަރު ވަނީ ބިމަށް ވެއްޓި ގޮވާފައެވެ.

ހިއްސާ ކުރައްވާ!