ޖަޕާން މެދުވެރިކޮށް ޗައިނާއަށް އޭއައި ޗިޕްތަކެއް ބޭރެކުރަން އުޅުނު ތިން މީހަކު ތައިވާނުން ހައްޔަރުކޮށްފި

އެމެރިކާގެ މަޝްހޫރު އެންވީޑިއާ ކުންފުނީގެ އާރްޓިފިޝަލް އިންޓެލިޖެންސް ޗިޕްތަކެއް، ޖަޕާން މެދުވެރިކޮށް ސިއްރން ޗައިނާއަށް ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ތައިވާނުގެ ކަމާބެހޭ ފަރާތްތަކުން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އެމެރިކާގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ޗައިނާއަށް ސިއްރުން ޗިޕް އެތެރެކުރަން އުޅެނިކޮށް ތައިވާނުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

ތައިވާނުގެ ކީލުންގް ޕްރޮވިންސްގެ ޕްރޮސެކިއުޓަރުން މި ތިން މީހުން ހައްޔަރުކުރީ މިދިޔަ ހަފުތާގައެވެ. އެ މީހުންގެ މައްޗަށް ކުރަނީ ސުޕަރ މައިކްރޯ ކޮމްޕިއުޓަރ ކުންފުނީގެ ސާވަރުތަކެއް ބޭރުކުރުމަށްޓަކައި ލިޔެކިޔުންތައް އޮޅުވާލި ކަމުގެ ތުހުމަތެވެ. މި ސާވަރުތަކުގައި ހުރީ އެމެރިކާ ސަރުކާރުގެ ހުއްދައެއް ނެތި ޗައިނާއަށް ވިއްކުން މަނާކޮށްފައިވާ އެންވީޑިއާގެ އެންމެ ފަހުގެ އެޑްވާންސްޑް ޗިޕްތަކެވެ.

އޮފިޝަލުން ބުނާ ގޮތުގައި، ކަމާބެހޭ ފަރާތްތަކުން މި މީހުން އަތުލައިގަތްއިރު، އެކްސްޕޯޓް ލިޔެކިޔުންތައް އޮޅުވާލައިގެން ބޭރުކުރަން އުޅުނު 50 އެއްހާ ސާވަރު ވަނީ އަތުލައިގެންފައެވެ. ނަމަވެސް، މީގެ ތެރއިން މަދުވެގެން އެއް ޝިޕްމަންޓް މިހާރު ވަނީ ތައިވާނުގެ ކަސްޓަމްސް ހުރަސްކޮށް ބޭރަށް ފޮނުވާލާފައެވެ. އެ ޝިޕްމަންޓް ފުރަތަމަ ދިޔައީ ޖަޕާނަށެވެ. އަދި އެއަށްފަހ ހޮންކޮންގް މަގުން ޗައިނާގެ މައި ބިމަށް ފޮނުވާލާފައިވާ ކަމަށް މަސްދަރުތަކުން މައުލޫމާތުދެއެވެ.

މި މައްސަލާގައި އެންވީޑިއާ ނުވަތަ ސުޕަރ މައިކްރޯ ކުންފުނީގެ މައްޗަށް ތައިވާނުގެ ސަރުކާރުން އެއްވެސް ދައުވާއެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން އެންވީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޖެންސަން ހުއާންގް ވިދާޅުވީ، އެމެރިކާގެ އެކްސްޕޯޓް ގަވާއިދުތައް އެ ކުންފުނީގެ ހުރިހާ ބައިވެރިންނަށް ވަރަށް ސާފުކޮށް ކިޔައިދީފައިވާނެ ކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި ސުޕަރ މައިކްރޯ ކުންފުނިން އަމިއްލައަށް އެ ކުންފުނީގެ ކަންކަން ބަލަހައްޓަންޖެހޭނެ. އަހަރެން އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، މިފަދަ ކަންކަން ތަކުރާރުވިޔަނުދޭނެ ކަމަށް،" ޖެންސަން ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދުދެމުން ސުޕަރ މައިކްރޯ ކުންފުނިން ބުނީ، އެ ކުންފުނީގައި ގަވާއިދުތަކަށް ބޯލެނބުމުގެ ވަރުގަދަ ނިޒާމެއް އެބައޮތް ކަމަށާއި، އެންވީޑިއާގެ އިތުރުން އެހެން ބައިވެރިންނާ ގުޅިގެން ހަރުކަށި އޮޑިޓްތައް ކުރިއަށްގެންދާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން، ސަޕްލައި ޗެއިން ރައްކާތެރިކުރުމަށް މުޅި ސިނާއަތް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ހާމަވެއްޖެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

މިއީ ޗައިނާއަށް އެޑްވާންސްޑް ޓެކްނޮލޮޖީ ލިބުން ހުއްޓުވުމަށް އެމެރިކާއިން ފާއިތުވި އަހަރުތަކުގައި ކުރި ފިއްތުންތަކަށްފަހު، ތައިވާނުން ފާޅުގައި ހިންގި މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ. އަދި މިއީ އެމެރިކާގެ ގާތް އެކުވެރިއެއް ކަމަށްވާ ޖަޕާން މެދުވެރިކޮށް ހިންގި މިފަދަ ނެޓްވޯކެއް ތައިވާނުގެ ޕްރޮސެކިއުޓަރުން އަތުލައިގަތް ފުރަތަމަ ފަހަރުވެސް މެއެވެ. މީގެ ކުރިން ފެންމަތިވި މިފަދަ ގިނަ މައްސަލަތަކުގައި ޗިޕްތައް ފޮނުވާފައިވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް މެދުވެރިކޮށް ކަން ފާހަގަކޮށްލެވެއެވެ.

ހިއްސާ ކުރައްވާ!