މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ތެލުގެ ދަތިކަމުގެ ސަބަބުން، އެއާ އިންޑިއާއިން މާލެއާއި ނިއު ދިއްލީއާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފިއެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ މުހިންމު މާކެޓެކެވެ.
ރާއްޖޭގެ އިތުރުން، އެއާ އިންޑިއާއިން ވަނީ ބައިނަލްއަގުވާމީ އެހެން ބައެއް މަންޒިލުތަކަށް ކުރާ ދަތުރުތައްވެސް ކުރިއަށް އޮތް އޮގަސްޓް މަހުގެ ނިޔަލަށް މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި ނިއު ދިއްލީއާއި ޗައިނާގެ ޝަންހާއީއާ ދެމެދު ކުރާ ދަތުރުތަކާއި، ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތަކާއި، ޗެންނާއީން ސިންގަޕޫރަށް ކުރާ ދަތުރުތަކުގެ އިތުރުން އެމެރިކާގެ ބައެއް ސިޓީތަކަށް ބާއްވާ އުދުހުންތައް ހިމެނެއެވެ. މިއީ ދުނިޔޭގެ މިހާރުގެ މާލީ ހާލަތަށް ބަލައި، އެއާލައިންގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް ފައިދާ ހިފެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެކެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކާ އެކު ފެށުނު ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ ސަބަބުން ހަކަތަ އިމްޕޯޓްކުރާ އޭޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އޭވިއޭޝަން މާކެޓް އޮންނަ އިންޑިއާއަށް، ތެލުގެ އަގުތައް މައްޗަށް ދިއުމާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އުދުހުންތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އޭވިއޭޝަން ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމާއި ދަތުރުތަކަށް ބުކިން ހަދާ މީހުން މަދުވުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ އެއާލައިންތަކަކަށްވެސް މިހާރު ވަނީ މާލީ ބޮޑު ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.





