ކުވެއިތުގެ ޖަލުން ފިލަން ނިކަން ފަސޭހަ!

ކުވައިތުގެ މަރުކަޒީ ޖަލުން ފިލި ނުރައްކާތެރި ތިން ކުށްވެރިއަކު، އެމީހުން ފިލިތާ އެންމެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހޯދައި އަލުން ހައްޔަރުކޮށްފިއެވެ. ކުވައިތުގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ތިން މީހުންނަކީވެސް މީހުން މެރުމާއި ވައްކަންކުރުން ފަދަ ބޮޑެތި ކުށްތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ތަންފީޒުކުރަމުންދިޔަ ބައެކެވެ.

އެމީހުން ޖަލުން ފިލި ޚަބަރާއެކު މުޅި ގައުމުގައި ބޮޑު ނުތަނަވަސްކަމެއް އުފެދި، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

މި ކުށްވެރިން ޖަލުން ފިލާފައިވަނީ ރޭގަނޑުގެ ވަގުތެއްގައި ޖަލުގެ ސަލާމަތީ ފާރުން ބައެއް ހަލާކުކޮށްލައިގެންނެވެ. އެމީހުން ފިލިކަން އެނގުމާއެކު، ކުވައިތުގެ ފުލުހުންނާއި ޚާއްސަ ސިފައިންގެ ފައުޖުތަކުން ވަނީ ގައުމުގެ ހުރިހާ ސަރަހައްދެއް ބަންދުކޮށް، ފުޅާ ދާއިރާއެއްގައި ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ.

އެގޮތުން ޒަމާނީ ޓެކްނޮލޮޖީއާއި، މަގުމަތީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ އެހީގައި، މި މީހުން ފިލައިގެން އުޅެނިކޮށް ފެނުނީ ޖަލާ ދުރުނޫން ހިސާބެއްގައި ހުރި ފަޅު ގެއެއްގެ ތެރެއިންނެވެ. ފުލުހުން އެ ގެ ވަށާލައި، އެއްވެސް ހަމަނުޖެހުމަކާ ނުލައި އެމީހުން ވަނީ އަތުލައިގަނެފައެވެ.

މި ހާދިސާއާ ގުޅިގެން ކުވައިތުގެ ސަރުކާރުން ވަނީ ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ޖަލުގެ ބައެއް އިސްވެރިންނާއި ފޯރިއަށް ތިބި މުވައްޒަފުން ވަގުތުން ވަޒީފާއިން އެކަހެރިކޮށް، އެމީހުންގެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މިފަދަ ކަންކަމުގައި އެއްވެސް މީހަކަށް މާފު ނުކުރާނެ ކަމަށާއި، ޖަލުގެ ރައްކާތެރިކަން މިއަށްވުރެ ވަރުގަދަކުރާނެ ކަމަށެވެ. އަދި ކުށްވެރިން ހޯދުމުގައި އާންމުން ދިން އެއްބާރުލުމަށް ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހިއްސާ ކުރައްވާ!