ކުވައިތު އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އަށް އީރާނުގެ ޑްރޯންތަކާއި މިސައިލްތަކުން ވަރުގަދަ ޙަމަލާތަކެއް ދިނުމާ ގުޅިގެން، އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލައި ކުއްލި ޙާލަތުގެ ޕްލޭން އެކްޓިވްކޮށްފިއެވެ.
ކުވައިތުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، މި ޙަމަލާގެ ސަބަބުން އެއާޕޯޓުގެ ބައެއް އިމާރާތްތަކަށާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި މި ޙާދިސާގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. ނަމަވެސް، އަނިޔާވި މީހުންގެ ސީދާ ޢަދަދާއި ލިބުނު ގެއްލުންތަކުގެ އިތުރު ތަފްޞީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
މި ނުރައްކާތެރި ޙަމަލާއާ ގުޅިގެން، ކުވައިތަށް އަންނަން އޮތް ހުރިހާ ފްލައިޓްތަކެއްގެ ދަތުރުތައް ވަނީ ވަގުތުން މެދުކަނޑާލާފައެވެ. އަދި އެ ވަގުތު ވައިގެ ތެރޭގައި ދަތުރުކުރަމުންދިޔަ ބޯޓުތައް ވަނީ އެހެން ޤައުމުތަކުގެ ބަދަލު އެއާޕޯޓުތަކަށް މިސްރާބު ބަދަލުކުރުމަށް އަންގާފައެވެ.
ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފެށޭނެ ވަގުތެއް އަދި ކަނޑައެޅިފައިނުވާ ކަމަށާއި، ދަތުރުތައް މެދުކަނޑާލާފައިވަނީ ވަކިގޮތެއް އަންގަންދެން ކަމަށެވެ. މިއީ ސަރަޙައްދީ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައި ދެވުނު ވަރުގަދަ ޙަމަލާއެކެވެ.







