ދިއްލީގެ ހޮޓަލެއްގައި ރޯވި އަލިފާނުގެ ޙާދިސާއެއްގައި 21 މީހުން މަރުވެއްޖެ؛ 15 ބިދޭސިން ހިމެނޭ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ދެކުނު ސަރަޙައްދެއް ކަމަށްވާ މަލްވިޔާ ނަގަރުގައި ހުރި ހޮޓަލެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއްގައި 21 މީހުން މަރުވެ، ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވެއްޖެއެވެ.

ފުލުހުން ބުނާގޮތުގައި މަރުވި 21 މީހުންގެ ތެރޭގައި 15 އަށްވުރެ ގިނަ ބޭރު ޤައުމުތަކުގެ ރައްޔިތުން ހިމެނެއެވެ. މީގެ ތެރޭގައި އެފްރިކާގެ ޤައުމުތަކާއި ބަންގްލަދޭޝް ފަދަ ޤައުމުތަކުން ބޭސްފަރުވާއަށް ދިއްލީއަށް ގޮސް އުޅުނު މީހުން ހިމެނެއެވެ.

ދިއްލީގެ ފުލުހުންނާއި އަލިފާން ނިއްވާ އިދާރާތަކުން ހާމަކުރި ގޮތުގައި، އަލިފާން ރޯވީ މަލްވިޔާ ނަގަރުގެ ހައުޒް ރާނީ ސަރަޙައްދުގައި ހުންނަ "ފްލޮރިޝް ސްޓޭ" ނަމަކަށް ކިޔާ ހޮޓަލެއްގައެވެ. ހެނދުނު 8:45 އެހާކަންހާއިރު ހިނގި މި ޙާދިސާގައި، އިމާރާތުގެ ގްރައުންޑް ފްލޯގައި ހުރި ރެސްޓޯރެންޓެއްގައި ފުރަތަމަ ރޯވި އަލިފާންގަނޑު ވަނީ ވަރަށް ހަލުވިކަމާއެކު މުޅި ހޮޓަލުގެ މަތީ ފަންގިފިލާތަކަށް ފެތުރިފައެވެ. އަދި މި އަލިފާންގަނޑު ވަނީ ކައިރީގައި ހުރި "މިކާސާ އިން" ނަމަކަށް ކިޔާ އެހެން ހޮޓަލަކަށްވެސް ފެތުރިފައެވެ.

މި ޙާދިސާ ހިނގިއިރު ހޮޓަލުގައި ތިބި މީހުން ސަލާމަތްވާންވެގެން ހާސްކަމާއެކު ދުވެ، އިމާރާތުގެ މަތީ ފަންގިފިލާތަކުގެ ބިއްލޫރިތައް ތަޅާލައި، ބައެއް އަންހެނުންނާއި ކުޑަކުދިން އިމާރާތުން ތިރިއަށް ފުންމާލާ މަންޒަރު ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އެ ސަރަޙައްދުގެ އާންމު ރައްޔިތުން ވަނީ އެމީހުން ސަލާމަތްކުރުމަށްޓަކައި ބިމުގައި ގޮދަޑިތައް ފަތުރާފައެވެ. ނަމަވެސް ބައެއް މީހުން ފުންމާލުމުގެ ސަބަބުން ތަންތަން ބިންދައިގެން ދިއުން ފަދަ ބޮޑެތި އަނިޔާތައް ވެފައިވެއެވެ.

އަލިފާން ނިއްވާ 8 ވެހިކަލް ބޭނުންކޮށްގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި ރެސްކިއު ޓީމުތަކުން ވަނީ އިމާރާތުގެ ތެރެއިން 40 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޙާލަތު އަދިވެސް ވަރަށް ސީރިއަސްއެވެ.

މި ހޮޓަލަކީ އެންމެ 6 ކޮޓަރި ހިންގުމުގެ ހުއްދަ އޮވެގެން، ޤަވާއިދާ ޚިލާފަށް 25 ކޮޓަރި ހަދައިގެން ހިންގަމުންދިޔަ ތަނެއް ކަމަށާއި، އިމާރާތުން ނިކުންނަން އޮތީ އެންމެ ދޮރެއް ކަމަށް އިދާރާތަކުން ބުނެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ފޮނުއްވައި، މާލީ އެހީތެރިކަން އިޢުލާންކުރައްވާފައެވެ. މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ދިއްލީ ފުލުހުން މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.

ހިއްސާ ކުރައްވާ!