އެމެރިކާގެ ކޮންގްރެސް އިމާރާތަށް ވަދެގަނެ ކޮންގްރެސްގެ މެމްބަރުންނަށް ބިރު ދެއްކި މައްސަލައިގައި ކުށްވެރިވި މީހަކު، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އަދި ސިފައިންގެ ސިއްރު އޮޕަރޭޝަންތައް ބަލަހައްޓާ މުހިންމު މަޤާމަކަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން އައްޔަންކޮށްފިއެވެ.
މި މަޤާމަށް އައްޔަންކޮށްފައިވަނީ އުމުރުން 22 އަހަރުގެ އެލިއަސް އިރިޒަރީއެވެ. އޭނާ އައްޔަންކޮށްފައިވަނީ ޕެންޓަގަންގެ ސްޕެޝަލް އޮޕަރޭޝަންސް އެންޑް ލޯ އިންޓެންސިޓީ ކޮންފްލިކްޓް އޮފީހުގެ ދަށުން ހިންގާ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޚާއްޞަ ސެކްޝަނަކަށެވެ. މި ސެކްޝަނަކީ އެމްބަސީތަކުގެ ސަލާމަތީ ކަންކަމާއި، ރަހީނުން ސަލާމަތްކުރުން ފަދަ އެމެރިކާގެ އެންމެ ސިއްރު އަދި ނާޒުކު އަސްކަރީ ކަންކަން ބަލަހައްޓާ ބައެކެވެ.
މި ނިންމުމާ ގުޅިގެން ޕެންޓަގަންގެ އެތެރޭގެ ބައެއް އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ޑިމޮކްރަސީގެ މައި މަރުކަޒަށް ޙަމަލާދީ، ޤާނޫނާ ޚިލާފުވި މީހަކަށް މިފަދަ ސިއްރު މަޢުލޫމާތުތައް އެނގޭ މަޤާމެއް ދިނުމަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އެ ބޭފުޅުން ބުނެއެވެ.
ނަމަވެސް، ޕެންޓަގަންގެ ތަރުޖަމާނު ޖޮއެލް ވަލްޑޭޒް ވަނީ މި ނިންމުން ދިފާޢުކުރައްވާފައެވެ. އޭނާ ވިދާޅުވީ އިރިޒަރީއަކީ ޤާބިލު، ޓްރަމްޕް ދެކެ ލޯބިވާ ޒުވާނެއް ކަމަށާއި، އޭނާ ސަރުކާރުގެ ސިޔާސީ މަޤާމަކަށް އައްޔަންކުރަން ލިބުމަކީ ފަޚުރެއް ކަމަށެވެ.
އިރިޒަރީއަކީ ކޮންގްރެސްއަށް ވަން މައްސަލައިގައި ކުށަށް އިޢުތިރާފުވެ، 2023 ވަނަ އަހަރު 14 ދުވަހުގެ ޖަލު ހުކުމެއް ތަންފީޛުކޮށްފައިވާ މީހެކެވެ. އޭނާ އޭރު ކޯޓުގައި ބުނެފައިވަނީ، އެ ދުވަހު ކަންތައް ކުރެވުނު ގޮތާމެދު ލަދުގަންނަ ކަމަށާއި، އެއީ އެމެރިކާގެ ތާރީޚުގައި ހިނގި ވަރަށް ހުތުރު ޙާދިސާއެއް ކަމަށެވެ. ޖަލު ހުކުމަށްފަހު އޭނާ ވަނީ އަސްކަރީ ކޮލެޖަކުން ތަޢުލީމު ޙާޞިލުކޮށް، ގްރެޖުއޭޓްވެފައެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ޖެނުއަރީ 6އެއްގެ ޙާދިސާއާ ގުޅުންހުރި މީހުންނަށް ސަރުކާރުގެ ބޮޑެތި މަޤާމުތައް ދެމުންދާ ދަނޑިވަޅެއްގައި ފެންމަތިވި މައްސަލައެކެވެ.






