ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާހްގެ ފޮޓޯފުޅު އެ ޤައުމުގެ ފައިސާ ނޫޓުތަކުން އުނިކުރުމަށް، ލަފާދެއްވުމާ ގުޅިގެން ޕާކިސްތާނުގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ. ޓީވީ ހޯސްޓް އދި ފިލްމީ ތަރި ޝަހުޒާދު ނަވާޒް މިގޮތަށް ލަފާދެއްވީ، ޕާކިސްތާނުގެ މަރުކަޒީ ބޭންކު ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުން އައު ފައިސާ ނޫޓުތަކެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި ބަދަލާ ގުޅޭގޮތުން ޝަހުޒާދު ނަވާޒް ވިދާޅުވީ ފައިސާ ނޫޓުތަކުން ގާއިދޭ އައުޒަމްގެ ފޮޓޯފުޅު އުނިކުރުމަކީ އޭނާއަށް ކުރާ ބޭއިޙްތިރާމެއް ނޫން ކަމަށާއި، ބޭނުމަކީ ޕާކިސްތާނަކީ ހަމައެކަނި އެއް ސަޚުޞިއްޔަތަކަށް ބަރޯސާވެފައި އޮތް ޤައުމެއްގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި، މުޅި ޤައުމުގެ ސަގާފަތާއި ކުރިއެރުން ދައްކުވައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ގާއިދޭ އައުޒަމްގެ ފޮޓޯފުޅުގެ ބަދަލުގައި ޕާކިސްތާނުގެ ތާރީޚީ ބިނާތަކާއި، މުހިންމު ސަރަޙައްދުތަކާއި، ސަގާފީ ތަންތަން އަދި ޤައުމުގެ ކުރިއެރުން ރަމްޒުކޮށްދޭ ކުރެހުންތައް ނޫޓުތަކުގައި ހިމެނުމަށް އޭނާ ހުށަހެޅުއްވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައިވެސް ފައިސާ ނޫޓުތަކުން އެކި ދުވަސްވަރު ޤައުމުގެ ތަފާތު ކާމިޔާބީތައް ދައްކުވައިދޭ ފަރުމާތައް ބޭނުންކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ހުށަހެޅުމާ ގުޅިގެން ޕާކިސްތާނުގެ ސިޔާސީ މައިދާނުގައާއި އާންމުންގެ މެދުގައި ވަނީ ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ފައިސާ ނޫޓުތަކުގައި ގާއިދޭ އައުޒަމްގެ ފޮޓޯފުޅު ހުރުމަކީ ޤައުމީ އެއްބައިވަންތަކަމުގެ ރަމްޒެކެވެ. އަދި އެއީ ބަދަލުކޮށްގެން ހީނަރުކޮށްލެވޭނެ ތާރީޚެއް ނޫން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި މައްސަލަ ހޫނުވުމާ ގުޅިގެން މަރުކަޒީ ބޭންކުން ބުނެފައިވަނީ، އައު ނޫޓުތައް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، ފައިސާ ނޫޓުތަކަށް ގެންނާނެ ބަދަލުތައް ފައިނަލް ކުރާނީ ސަރުކާރާއި ކަމާބެހޭ ކޮމިޓީތަކުން ފުރިހަމައަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.





