ގައުމުގެ އިގުތިސާދީ ހާލަތު ގޯސްވެ ރައްޔިތުން ބޮޑެތި ދަތިތަކެއް ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައިވެސް، އެމެރިކާގައި ސިޔާސީ ނުފޫޒު ގަދަކުރުމަށްޓަކައި ޕާކިސްތާނު ސަރުކާރުން މަހަކު ގާތްގަނޑަކަށް 9 ލައްކަ ޑޮލަރު ހޭދަކުރަމުންދާ ކަމަށް މަނީކޮންޓްރޯލް ނޫހުން ހާމަކޮށްފިއެވެ. އެމެރިކާގެ ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ޕާކިސްތާނަށް ފަހިވާގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށްޓަކައި އެގައުމުން ދަނީ ވޮޝިންގްޓަނުގެ ބޮޑެތި ލޮބީ ފާމްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަމުންނެވެ. މިއީ ބޭރުގެ މާލީ އެހީއަށް ސަލާންޖަހަމުންދާ ގައުމަކުން ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ޕާކިސްތާނުގެ ސަރުކާރުން މިގޮތަށް ފައިސާ ޚަރަދުކުރަނީ އެމެރިކާއާއެކު އޮތް ގުޅުން ރަނގަޅުކޮށް، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލޯނު ހޯދުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. ޚާއްސަކޮށް ބައިނަލްއަގުވާމީ ފައިސާގެ ފަންޑުން ލިބެންހުރި އެހީތައް އަވަސްކުރުމަށާއި، އެމެރިކާގެ ސިޔާސީ ވެރިންގެ ފަރާތުން ކުރިމަތިވާ ފިއްތުންތައް ކުޑަކުރުމަކީ އެގައުމުގެ މައިގަނޑު އެއް އަމާޒެވެ. ނަމަވެސް ގައުމުގެ އެތެރޭގައި އިންފްލޭޝަން މަތިވެ، ތެލާއި ކާބޯތަކެތީގެ އަގު އަތްނުފޯރާ ފަށަށް ގޮސްފައިވާއިރު، ބޭރުގެ ފަރާތްތަކަށް މިފަދަ ބޮޑު ހޭދައެއް ކުރުމުން ރައްޔިތުންގެ މެދުގައި ނުރުހުން ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ސިފައިންނާއި ގައުމީ ސަލާމަތީ އިދާރާތަކުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެމެރިކާގެ އެހީތެރިކަން ހޯދުމަކީވެސް މި ލޮބީ މަޝްރޫއުގެ ބޮޑު ބައެކެވެ. ސަރަހައްދީ ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން، އިންޑިއާއާއި އީރާނުގެ ނުފޫޒު ކުޑަކުރުމަށް ޕާކިސްތާނުން އަބަދުވެސް ބޭނުންވެއެވެ. ޚާއްސަކޮށް ހުރުމުޒު ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަމާއި މެދުއިރުމަތީގެ ސިޔާސަތުތަކުގައި އެމެރިކާގެ ތާއީދު ހޯދުމަކީ ޕާކިސްތާނަށް ސިޔާސީ ގޮތުން މުހިންމު ކަމެކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުންވެސް އެމެރިކާގައި އަމިއްލައަށް ލޮބީ ގްރޫޕްތައް ހަދައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދެއެވެ. މީގެ ސަބަބުން ޕާކިސްތާނުގެ މިހާރުގެ ސަރުކާރަށް ވަނީ އަމިއްލަ ދިފާއުގައި ކުރާ ޚަރަދުތައް މިއަށްވުރެ ބޮޑުކުރަން މަޖުބޫރުވެފައެވެ. ނަމަވެސް، އިގުތިސާދީ މާހިރުން އިންޒާރުދޭ ގޮތުގައި ގައުމުގެ އަސާސީ ބޭނުންތަކަށް ފައިސާ ނެތް ދަނޑިވަޅެއްގައި ބޭރުގެ ލޮބީއަށް މިފަދަ ބޮޑެތި އަދަދުތަކުން ފައިސާ އަންދާލުމަކީ ގައުމު މާލީ ގޮތުން ބަނގުރޫޓުވުން އަވަސްވެގެންދާނެ ކަމެކެވެ.




