އޮގަސްޓު މަހު ބަންގްލަދޭޝްގެ ވެރިކަމަށް އައި ބަދަލާއެކު އެ ގައުމާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އަލުން އާލާކުރުމުގެ ފުރުސަތުތަކެއް މިހާރު ވަނީ ހުޅުވިފައެވެ. ނަމަވެސް، 1970ގެ ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ޕާކިސްތާނުގެ ސިފައިން ހިންގި ގަތުލުއާންމަށް ރަސްމީކޮށް މާފަށް ނޭދޭހާ ހިނދަކު ބަންގްލަދޭޝްގެ ރައްޔިތުންގެ ފުރިހަމަ އިތުބާރު ޕާކިސްތާނަށް ދުވަހަކުވެސް ނުލިބޭނެއެވެ.
ޑިޕްލޮމެޓް މަޖައްލާގެ ރިޕޯޓެއްގައި ބުނާގޮތުން، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި ސިޔާސީ ގުޅުންތައް ކިތަންމެ ވަރުގަދަ ކުރަން އުޅުނަސް، ތާރީޚުގެ އެ އަނދިރި ސަފުހާތައް ދެ ގައުމުގެ ކުރިމަގަށް އަދިވެސް ހުރަސް އަޅައެވެ.
ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ޕާކިސްތާނާއެކު އިގުތިސާދީ ގޮތުން ގާތް ގުޅުމެއް ބޭއްވުމަށް ބޭނުންވެއެވެ. އިންޑިއާގެ ނުފޫޒު ކުޑަކުރުމަށްޓަކައި ބަންގްލަދޭޝްގެ ބައެއް ސިޔާސީ ފަރާތްތަކުން ޕާކިސްތާނާ ގުޅުން ބަދަހިކުރަން ބޭނުންވިޔަސް، އާންމު ރައްޔިތުންގެ ހިތްތަކުގައި އޮތް ޒަޚަމްތައް އަދިވެސް ފާރެއްގެ ގޮތުގައި ދެމިއޮވެއެވެ.
ޕާކިސްތާނުގެ ސިފައިން ބަންގްލަދޭޝްގެ މިނިވަންކަމަށް ހުރަސްއަޅައި ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު މަރުވިއެވެ. އެހެންކަމުން، މި ތާރީޚީ ހަގީގަތް ބަދަލުނުކޮށް، ހަމައެކަނި ފިލްމީ އަދި ސަގާފީ ހަރަކާތްތަކުން ރައްޔިތުންގެ ހިތްތަކެއް ނުގަނެވޭނެއެވެ.
މީޑިއާއާއި އެކެޑޭމިއާ ދެކޭގޮތުގައި ޕާކިސްތާނުގެ ސަރުކާރުން ބަންގްލަދޭޝްގެ ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުމަކީ ދެ ގައުމުގެ ގުޅުން އާ ހިސާބަކަށް ގެންދިއުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
މި ފިޔަވަޅު ނާޅާހާ ހިނދަކު، ދެ ގައުމުގެ މެދުގައި ބާއްވާ ކޮންމެ ގުޅުމަކީ ވަގުތީ އަދި ބަލިކަށި ގުޅުމަކަށް ވާނެއެވެ. ބަންގްލަދޭޝްގެ އާ ޖީލުގެ ޒުވާނުންވެސް ގައުމީ ސަގާފަތާއި ތާރީޚަށް ވަރަށް ބޮޑަށް އިހުތިރާމްކުރެއެވެ. އެހެންކަމުން، ޕާކިސްތާނުން އެ ގައުމުގެ މާޒީގެ ކުށްތަކަށް އިއުތިރާފުވެ، ރަސްމީކޮށް މާފަށް އެދިގެން މެނުވީ ދެ ގައުމުގެ މެދުގައި ހަގީގީ ސުލްހައެއް ގާއިމެއް ނުކުރެވޭނެއެވެ.


