އީރާނުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާ ގުޅިގެން އިހުތިޖާޖުކުރުމުގެ ގޮތުން ކުވައިތުގައި ހުންނަ އީރާނުގެ އެމްބަސީގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުވައިތުގެ ސަރުކާރުން ނިންމައި، އެ ގައުމުގައި ތިބި އީރާނުގެ ދެ ޑިޕްލޮމޭޓަކު ބޭރުކޮށްލައިފިއެވެ.
ކުވައިތުގެ ޚާރިޖީ ވުޒާރާއިން ވަނީ ކުވައިތުގައި ހުންނަ އީރާނުގެ އެމްބަސީގެ ނާއިބް ހާމިދު ޙަމީދު ޔަޢުޤޫބީ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް، ރަސްމީ އިހުތިޖާޖުގެ ލިޔުމެއް ހަވާލުކޮށްފައެވެ. އެ ލިޔުމުގައި އީރާނުގެ ޑިޕްލޮމެޓިކް މިޝަންގެ އަދަދު މަދުކުރުމުގެ ނިންމުމުގެ އިތުރުން، އެމްބަސީގެ ދެ މުވައްޒަފަކީ ކުވައިތަށް ބޭނުންނުވާ ދެ މީހުން ކަމުގައި ކަނޑައަޅައި، ކުރިއަށް އޮތް ސައުވީސް ގަޑިއިރުގެ ތެރޭގައި ކުވައިތުގެ ބިމުން ބޭރުވުމަށް ވަނީ އަންގާފައެވެ.
އީރާނުން ކުވައިތާ ދެކޮޅަށް ކުރާ ތުހުމަތުތަކަކީ ބާތިލު ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، ކުވައިތުގެ ޚާރިޖީ ވުޒާރާއިން ވަނީ އެހެން ގައުމަކާ ދެކޮޅަށް ހިންގާ އެއްވެސް ޢުދުވާނީ އަމަލެއްގައި ކުވައިތުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުން ހުއްދަ ނުދޭކަން އަންގާފައެވެ. އަދި އީރާނުގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެކަމަށް ބާރުދޭ އެއްވެސް ހެކިތަކެއް ނެތް ކަމަށް ވެސް ކުވައިތުން ހާމަކުރެއެވެ.
މީގެ އިތުރުން ކުވައިތުގެ ސަރުކާރުން ބުނާ ގޮތުގައި އީރާނުން މިފަދަ ދޮގު ވާހަކަތައް ތަކުރާރުކުރި ނަމަވެސް، ކުވައިތުގެ ބިމަށާއި އެ ގައުމުގެ އާންމު ރައްޔިތުންގެ މުހިންމު ބިނާތަކަށް އީރާނުން ދެމުންދާ ހަމަލާތައް އެއްވެސް ހާލެއްގައި ބަލައެއް ނުގަނެވޭނެއެވެ.






