އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގުދުސްގެ މިސްކިތްތަކުގައި ބަންގީގެ އަޑު މަޑުކުރުމަށް ނުވަތަ މަނާކުރުމަށް ހުށަހަޅާފައިވާ ގާނޫނަކީ ވަރަށް ނުރައްކާތެރި ގާނޫނެއް ކަމަށް ވިދާޅުވެ އަލްއަޤްޞާ މިސްކިތުގެ ޚަޠީބު ޝައިޚް އިކްރިމާ ޞަބްރީ އިންޒާރުދެއްވައިފިއެވެ. ޚަބަރުދޭ އިދާރާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ ކެބިނެޓުން މިހާރު ދަނީ މި ބިލު ފާސްކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.
ޝައިޚް އިކްރިމާ ޞަބްރީ ވިދާޅުވި ގޮތުގައި ބަންގި ގޮވުމަކީ އިސްލާމީ އަޅުކަމުގެ މުހިންމު ބައެކެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ނުވަތަ ބަންގީގެ އަޑަށް ހުރަސްއެޅުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކަކީ މުސްލިމުންގެ ދީނީ މިނިވަންކަމަށް އަރައިގަތުމެވެ. މިފަދަ ގާނޫނެއް ފާސްކޮށްފިނަމަ ގުދުސްގެ މަސްރަހު މިއަށްވުރެ ބޮޑަށް ހޫނުވެ، ބޮޑެތި ހަމަނުޖެހުންތަކެއް އުފެދޭނެ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ. ޔަހޫދީން ދަނީ މަޑުމަޑުން ކޮންމެ ދުވަހަކުވެސް ގުދުސްގެ އިސްލާމީ ޝަޚުސިއްޔަތު ނަގާލުމަށް ކޮންމެވެސް ކަމއެއް ކުރަމުންނެވެ.
އިސްރާއީލު ސަރުކާރުން ބުނަނީ މި ގާނޫނު ހުށަހެޅީ ގުދުސްގައި ދިރިއުޅޭ މީހުންނަށް އަޑުގަދަވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނާއި ދީނީ އިލްމުވެރިން ގަބޫލުކުރާ ގޮތުގައި މިއީ ގުދުސްގެ އިސްލާމީވަންތަކަން ފޮހެލުމަށްޓަކައި އިސްރާއީލުން ރާވައިގެން ހިންގާ ސިޔާސީ މަޝްރޫއެކެވެ.
ޝައިޚް ޞަބްރީ ވަނީ އިސްރާއީލުގެ މި ޢުދުވާނީ ސިޔާސަތުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.





