ލުބުނާނަށް ދެމުންދާ ހަމަލަތާ ހުއްޓާލުމަށް އެއްބަސްވުމަށް ފަހު އިސްރާއީލުން ޣައްޒާއަށާއި ލުބުނާނަށް ހަމަލަ ދިނުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ހުށަހެޅި ހުށަހެޅުންތަކަށް ހިޒްބުالله ޖަމާޢަތުން ދެކޮޅު ހަދައިފިއެވެ. އެ ޖަމާޢަތުން ބުނި ގޮތުގައި އިސްރާއީލުގެ ސިފައިން ޣައްޒާއަށްދޭ ހަމަލާތައް އެއްކޮށް ހުއްޓާނުލަނީސް، ލުބުނާނުގެ ބޯޑަރު ސަރަޙައްދުގައި އެއްވެސް ކަހަލަ ސުލްހައެއް ގާއިމެއް ނުކުރެވޭނެއެވެ. މި ނިންމުމާ އެކު، އިސްރާއީލުގެ ސިފައިން ދަނީ ލުބުނާނުގެ ދެކުނުގެ ރަށްތަކަށާއި ވެރިރަށް ބެއިރޫތުގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންނެވެ.
އިސްރާއީލުގެ ވައިގެ ސިފައިން ރޭގެ ވަގުތެއްގައި ލުބުނާނަށް ދިން ބާރުގަދަ ހަމަލާތަކެއްގައި އާންމުންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ. އިސްރާއީލުގެ ސިފައިންގެ އިސްވެރިން ހާމަކުރި ގޮތުގައި އެ ސިފައިން ހަމަލާދެނީ ހިޒްބުالله ގެ ހަތިޔާރު ގުދަންތަކަށާއި އެ ޖަމާޢަތުގެ ކޮމާންޑަރުން ތިބޭ މަރުކަޒުތަކަށެވެ.
ލުބުނާނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. އިސްރާއީލަކީ ސްކޫލުތަކާއި ހަސްފަތާލުތަކަށް ހަމަލަދޭން ޝައުގުވެރިވާ ގައުމެއް ކަން ޣައްޒާގެ ހަނގުރާމައިން ހާމަވިއެވެ. އިސްރާއީލުގެ މި ހަމަލާތަކުގެ ރައްދުގައި ހިޒްބުالله އިންވެސް ދަނީ އިސްރާއީލުގެ އުތުރުގެ ރަށްތަކަށާއި ސިފައިންގެ މަރުކަޒުތަކަށް ގިނަ ޢަދަދެއްގެ ރޮކެޓް ފޮނުވަމުންނެވެ.
މި ދަނޑިވަޅުގައި އދ އާއި ބޭރުގެ ބޮޑެތި ޤައުމުތަކުން ދަނީ މި ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރިގެން ހިނގައިދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް އީރާނުން މި ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ވަދެފި ނަމަ، މުޅި ސަރަޙައްދުގެ މަސްރަޙު އެއްކޮށް ކޮންޓްރޯލުން ނެއްޓޭނެ ކަމަށް މުހައްލިލުން ބުނެއެވެ. އެހެންކަމުން ދުނިޔޭގެ ބާރުތަކުން އެމެރިކާ މެދުވެރިކޮށް ދަނީ ސިފައިންގެ ކުރިމަތިލުންތައް ހުއްޓުވުމަށްޓަކައި ސިއްރު މަޝްވަރާތަކެއް ކުރަމުންނެވެ. ނަމަވެސް ދެ ފަރާތުންވެސް ދޫދޭން ތައްޔާރުނުވުމުގެ ސަބަބުން މަސްރަޙު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.







