ޖަލުގައި ރޭޕްކުރޭތޯ ބެލުމަށް ރެޑްކްރޮސްއަށް ވަންނަން ހުއްދޭންވާނެ ކަމަށް ހުކުމު ކޮށްފި

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްޠީނުގެ އަސީރުން ރޭޕްކުރޭތޯ ބެލުމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ މަންދޫބުން ޒިޔާރަތްކުރުން މަނާކޮށް އިސްރާއީލު ސަރުކާރުން ގެންގުޅުނު ސިޔާސަތު، އެ ޤައުމުގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ބާތިލްކޮށްފިއެވެ. ކޯޓުން ނިންމި ގޮތުގައި ރެޑް ކްރޮސްގެ ޒިޔާރަތްތައް ހުރަސްއެޅުމަކީ އިސްރާއީލުގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެކެވެ. އެހެންކަމުން ސަރުކާރުން ގެންގުޅޭ މި ހަރުކަށި ސިޔާސަތު ވަގުތުން އުވާލަންޖެހޭނެއެވެ.

އިސްރާއީލުގެ ސަރުކާރުން މި ފިޔަވަޅު އެޅީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ހަމަލާއަށްފަހު ގިނަ މީހުންނަށް ޖަލުތަކުގައި އަނިޔާ ކުރުން އާންމު ވުމުންނެވެ.

ކޯޓުން ބުނި ގޮތުގައި ޔަހުޔާ ސިންވާރު ހިންގި އަގްސާ ޠޫފާނަށް ފަހު ރެޑް ކްރޮސްގެ ހުރިހާ ޒިޔާރަތްތަކެއް ހުއްޓުވުމަށް ސަރުކާރުން ނިންމި ނިންމުމަށް ގާނޫނީ އެއްވެސް ބިންގަލެއް ދެއްކިފައެއް ނުވެއެވެ. މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ރެޑް ކްރޮސްގެ ޒިޔާރަތްތައް އިސްރާއީލުން ހުއްޓުވި ފުރަތަމަ ފަހަރެވެ.

މި ހަމަލާއަށްފަހު އިސްރާއީލުގެ ސިފައިން ޣައްޒާގައި ގަތުލުއާންމެއް ހިންގައި، ލައްކައާ ގާތް ކުރާ އަދަދަކަށް ވުރެން ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ މަރާލާފައެވެ. އަދި ހުޅަނގު އައްސޭރީގައިވެސް ސިފައިންގެ އަނިޔާވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

މި ހުރިހާ ދުވަހު ޖަލުގައި ތިބި އަސީރުންގެ އެއްވެސް މަޢުލޫމާތެއް އާއިލާތަކާ ހިއްސާކޮށްފައެއް ނުވެއެވެ. މި މައްސަލަ އިސްރާއީލުގެ ހައިކޯޓަށް ފުރަތަމަ ހުށަހެޅީ ރޭޕް ކޭސްތައް ގިނަވެގެން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފަލަސްޠީނުގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންނެވެ. ނަމަވެސް އިސްރާއީލު ސަރުކާރުން މައްސަލަ ދިގުދަންމާލުމަށްޓަކައި 27 ފަހަރު މުއްދަތު އިތުރުކުރަން އެދުނެވެ.

ކޯޓުގެ މި އާ ޙުކުމާއެކު، އިސްރާއީލުގެ ޖަލުތަކާއި އަސްކަރީ މަރުކަޒުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްޠީނުގެ 9,000 އަށްވުރެ ގިނަ އަސީރުންގެ ގާތަށް ރެޑް ކްރޮސްގެ މަންދޫބުންނަށް އަލުން ދެވޭނެއެވެ. މިދިޔަ އޮކްޓޫބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުންވެސް ސަރުކާރުން އޮތީ މި ޒިޔާރަތްތައް މަނާކޮށްފައެވެ. ރެޑް ކްރޮސް އިން ކޯޓުގެ މި ނިންމުމަށް މަރުޙަބާ ކިޔަމުން ބުނީ، އަސީރުންނާ ވަކިން ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުން އިސްރާއީލަށް މަޖުބޫރުކުރާ ކަމެއް ކަމަށާއި، ވަގުތުން ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!