އަންހެން މުވައްޒަފަކު ރޭޕްކުރި ކަމުގެ ތުހުމަތާއެކު އިސްރާއީލު ސިފައިންގެ އޮޕަރޭޝަންސް ވެރިޔާ އިސްތިއުފާ ދެއްވައިފި

އިސްރާއީލުގެ ސިފައިންގެ އޮޕަރޭޝަންސް ޑިވިޜަންގެ ވެރިޔާ ޔިސްރާއީލް ޝޫމަރ، އޭނާގެ ދަށުން މަސައްކަތް ކުރާ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ކުރިއަށްދާ ތަހުގީގަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނީ، އަމިއްލަ ސަބަބުތަކަކާ ހުރެ މަގާމުން ވަކިވެ، ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރުމަށް ޝޫމަރ އެދުމުން، ސިފައިންގެ އެންމެ މަތީ ވެރިޔާ އިޔާލް ޒާމިރު ވަނީ އެކަން ވަގުތުން ގަބޫލުކޮށްފައެވެ.

އިސްރާއީލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރި ގޮތުގައި، ސިފައިންގެ އަސްކަރީ ފުލުހުންގެ އިދާރާއިން ދަނީ އަޚްލާޤީ ބޮޑު ކުށެއްގެ ތުހުމަތުގައި ޝޫމަރާ ސުވާލުކޮށް ބޮޑު ތަހުގީގެއް ހިންގަމުންނެވެ. ޝޫމަރަކީ ސިފައިންގެ ތެރޭގައި ވަރަށް މަތީ އަދި ނާޒުކު މަގާމެއް ފުރަހަމަ ކުރައްވަމުންދިޔަ މީހެކެވެ. އޭނާއަކީ ޖެނެރަލްގެ ރޭންކަށް ކުރިއެރުންދީ، ދިފާޢީ ވަޒީރުގެ އަސްކަރީ މުޝީރުގެ މަގާމަށް އައްޔަންކުރުމަށް ނަން ހުށަހަޅާފައިވާ މީހެކެވެ. ނަމަވެސް ރޭޕް މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މަގާމުން ވަކިކޮށް، ސިފައިންގެ ޚިދުމަތުން ދުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ފެށީ ސިފައިންގެ އަންހެން މުވައްޒަފުންގެ ޙައްޤުތަކާ ބެހޭ ޚާއްޞަ މުޝީރަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. ޝޫމަރ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އޭނާގެ ދަށުން މަސައްކަތްކުރާ އަންހެން ކުދިންނަށް ބިރުދައްކައި ރޭޕްކުރި ކަމުގެ ހެކިތައް ފެނުމުން، އަސްކަރީ ފުލުހުން ވަނީ އޭނާ ހާޒިރުކޮށް ސުވާލުކުރަން ފަށާފައެވެ. މި މައްސަލައިގެ ނާޒުކުކަމުން ސިފައިންގެ އިސްވެރިން މިކަން ސިއްރުކޮށްގެން ގެންގުޅުމަށްފަހު، ސިފައިންގެ އެންމެ މަތީ ވެރިޔާ މިހާރު ވަނީ މި ބޮޑު ޖަރީމާގެ ތަފްޞީލްތައް އަސްކަރީ ކޮމާންޑަރުންނާ ހިއްސާކޮށްފައެވެ. ޝޫމަރ މަގާމުން ވަކިވުމުން، އެ މަގާމަށް އާ މީހަކު އައްޔަންކުރަންދެން އެ ބައި ހިންގުން މިހާރު ވަނީ އެހެން އޮފިސަރަކާ ހަވާލުކޮށްފައެވެ.

ހިއްސާ ކުރައްވާ!