ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަގަށް ނަގާފައިވާ ފަލަސްޠީނުގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު، ޑރ. ޙުސާމް އަބޫ ޞަފިއްޔާއާ ދެކޮޅަށް އާ އަދަބެއް ކަނޑައަޅައި، އޭނާ ނަގަބު ޖަލުން ނަފްޙާ ޖަލުގެ އެކަހެރި ގޮޅިއަކަށް ބަދަލުކޮށްފިއެވެ.
އިސްރާއީލުގެ ސިފައިން މި ފިޔަވަޅު އެޅީ، ޑޮކްޓަރު އެއްވެސް ކުށަކާ ނުލައި ބަންދުކޮށްފައި ބެހެއްޓުމާ ދެކޮޅަށް އޭނާގެ ދިފާއީ ވަކީލުންގެ ޓީމުން އިސްރާއީލުގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު މައްސަލައެއް ހުށަހެޅުމުން ބަދަލު ހިފުމުގެ ގޮތުންނެވެ.
- ޑރ. ޙުސާމް އަބޫ ޞަފިއްޔާގެ ދަރިފުޅު ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި، އޭނާގެ ބައްޕަ ޖަލުގައި ބަހައްޓާފައިވަނީ އިންސާނިއްޔަތާ ޚިލާފު، ވަރަށް އަނިޔާވެރި ހާލަތެއްގައެވެ.
- އޭނާއަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، ބަންދުގައި ހުންނަ މީހަކަށް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤުތަކުންވެސް އިސްރާއީލުގެ ސިފައިން ދަނީ އޭނާ މަޙްރޫމްކުރަމުންނެވެ.
މި ބަދަލުކުރުމަކީ ކޯޓަށް މައްސަލަ ހުށަހެޅުމުން ބަދަލުހިފުމުގެ ގޮތުން ދިން އަދަބެއް ކަމަށް އާއިލާއިން ބުނެއެވެ.
ޑރ. ޙުސާމް އަބޫ ޞަފިއްޔާއަކީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް ޢަދްވާން ހޮސްޕިޓަލުގެ ޑައިރެކްޓަރުގެ މަގާމުގައި ހުރެ، އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ތެރޭގައިވެސް ޒަޚަމްވި މީހުންނަށް ފަރުވާދިނުމުގައި ބަތަލެއްގެ ގޮތުގައި މަސައްކަތްކުރި ޑޮކްޓަރެކެވެ.
ޖެނޮސައިޑް ރެޖީމުގެ ސިފައިން ހޮސްޕިޓަލަށް ވަދެ އޭނާ ހައްޔަރުކުރި ފަހުން، ބައިނަލްއަޤްވާމީ ޞިއްޙީ ޖަމާޢަތްތަކުން ދަނީ އޭނާ ވަގުތުން މިނިވަންކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އިސްރާއީލުން ބައިނަލްއަޤްވާމީ ގޮވާލުންތަކަށް ބެލުމެއްނެތި، ފަލަސްޠީނުގެ ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ޖަލުތަކުގައި ބޮޑެތި އަނިޔާތަކެއް ދެމުންދާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.



