ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުގެ ޖަރީމާތައް ބޭޒާރުކުރާ ހައްސާސީ ފިލްމެއް ކަމަށް ބަލައި، އިންޑިއާގައި ދެއްކުން މަނާކުރި ޓިއުނީޝިއާގެ ފިލްމު ދަ ވޮއިސް އޮފް ހިންދު ރަޖަބް އިންޑިއާގައި ދެއްކުމުގެ ހުއްދަ އެޤައުމުގެ ސެންސަރު ބޯޑުން ދީފިއެވެ. މިއީ މިދިޔަ މާރިޗު މަހުން ފެށިގެން ކުރިއަށްދިޔަ ބޮޑު ބަހުސަކަށްފަހު ލިބުނު ބޮޑު ކާމިޔާބީއެކެވެ.
މި ފިލްމަކީ އޮސްކާ އެވޯޑަށްވެސް ކުރިން ނޮމިނޭޓްވެފައިވާ ޓިއުނީޝިއާގެ މަޝްހޫރު ޑައިރެކްޓަރު ކައުޘަރު ބިން ހަނިއްޔާ އުފައްދާފައިވާ، ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުގެ ސިފައިން ޝަހީދުކުރި ފަލަސްޠީނުގެ ކުޑަކުއްޖެއްގެ ޙަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުން ކިޔައިދެނީ ޣައްޒާގައި ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުގެ ސިފައިން ކާރަކަށް ދިން ޙަމަލާއެއްގައި ބަންދުވެ، އެހީއަށް އެދިއެދި އޮއްވައި ޝަހީދުކޮށްލި 5 އަހަރުގެ ފަލަސްޠީނު ކުއްޖެއް ކަމަށްވާ ހިންދު ރަޖަބްގެ އަސަރުގަދަ ޙަޤީޤީ ވާހަކައެވެ.
އިންޑިއާގައި މި ފިލްމު ބޫކްކުރި މުމްބާއީގެ ކުންފުނިން ބުނި ގޮތުގައި، ފިލްމު ދެއްކުމުގެ ހުއްދައަށް އެދި ފެބްރުއަރީ މަހު ހުށަހެޅި ނަމަވެސް، ސެންސަރު ބޯޑުގެ ބައެއް މެންބަރުން ވަނީ މި ފިލްމު ދެއްކުމުން "އިންޑިއާއާއި އިޒްރޭލުގެ ގުޅުމަށް ބުރޫއަރާފާނެ" ކަމަށް ބުނެ ހުއްދަ ނުދީ ހިފަހައްޓާފައެވެ.
މި ހުރަސްތައް ކުރިމަތިވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ފެބްރުއަރީ މަހުގެ ފަހުކޮޅު ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގައެވެ. މިއީ ފާއިތުވި 25 އަހަރު ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު އިޒްރޭލަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާއެކު އިންޑިއާއިން ކުރިން ފަލަސްޠީނަށް ދެމުންދިޔަ ސަޕޯޓަށްވުރެ ބޮޑަށް އިޒްރޭލާ ގުޅުން ބަދަހިކުރަން ފެށިއެވެ.
ނަމަވެސް، އެންމެ ފަހުން އިންޑިއާގެ ސެންސަރު ބޯޑު އިން ވަނީ ފިލްމުން އެއްވެސް ބައެއް އުނިކުރުމަކާ ނުލައި، ހަމައެކަނި "ބޮޑެތިމީހުންނަށް" ބެލޭ ފިލްމެއްގެ ގޮތުގައި ފާސްކޮށް، އިންޑިއާގެ ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފައެވެ. މި ފިލްމު އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 19 ގައެވެ.
- މި ފިލްމު އެންމެ ފުރަތަމަ ދައްކާލީ މިދިޔަ ސެޕްޓެމްބަރު މަހު އޮތް ވެނިސް ފިލްމު ފެސްޓިވަލްގައެވެ.
- ފިލްމު ނިމުމުން ބެލުންތެރިން ވަނީ ކޮޅަށްތެދުވެ 20 މިނެޓަށްވުރެ ދިގު މުއްދަތަކަށް އަތްތަބަހާފައެވެ.
- މި ފެސްޓިވަލުން ފިލްމަށް ވަނީ "ސިލްވަރ ލަޔަން" އެވޯޑު ލިބިފައެވެ.
- އެމެރިކާގެ ބޮޑެތި ޑިސްޓްރިބިއުޝަން ކުންފުނިތަކުން މި ފިލްމު ސިޔާސީ ސަބަބުތަކަށްޓަކައި ދައްކަން ދެކޮޅު ހެދުމުން، އެމެރިކާގައި މި ފިލްމު ރިލީޒްކުރީ ވިލިއާ ކިޔާ ކުންފުންޏަކުންނެވެ.
ފިލްމު ޑިސްޓްރިބިއުޓްކުރާ ކުންފުނިން ނެރުނު ބަޔާނެއްގައި، ފިލްމަށް ސަޕޯޓުދީ އަޑުއުފުލި މީޑިއާއަށާއި، ފަންނާނުންނަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ސެންސަރު ބޯޑުން ފިލްމުގެ އެއްވެސް މަންޒަރެއް އުނިނުކޮށް ހުއްދަ ދިނުމަކީ ސިނަމާގެ ޒަރީޢާއިން އިންސާނީ ތަޖުރިބާތަކާއި ޙަޤީޤަތް ހާމަކުރުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެކުންފުނިން ސިފަކުރެއެވެ.




