އިޒްރޭލުން އަޒަރުބައިޖާންގައި ސިއްރު އަސްކަރީ ހަރަކާތްތަކެއް ހިންގި ކަން އާންމުވެއްޖެ

ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުން އީރާނުގެ ބޯޑަރު ކައިރީގައި، ޚާއްޞަކޮށް އީރާނުގެ "ތަބްރީޒް" ސިޓީއާ 60 މޭލު ކައިރީގައިވާ އަޒަރުބައިޖާންގެ ސަރަޙައްދުތަކުގައި ސިއްރު އަސްކަރީ އަދި ޖާސޫސީ ހަރަކާތްތަކެއް ހިންގި ކަމަށް އެމެރިކާގެ ސީއެންއެން އިން ރިޕޯޓުކޮށްފިއެވެ. ނަމަވެސް، އަޒަރުބައިޖާންގެ ޚާރިޖީ ވުޒާރާއިން ވަނީ މި ވާހަކަތައް މުޅިން ދޮގުކޮށް، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ ރިޕޯޓު އަނބުރާ ގެންދިއުމަށް ސީއެންއެން އަށް ގޮވާލާފައެވެ.

ސީއެންއެން އިން މަޢުލޫމާތު ދިން 4 މަސްދަރަކުން ބުނާ ގޮތުގައި، ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުގެ ކޮމާންޑޯއިންނާއި މޮސާޑްގެ އެޖެންޓުން ވަނީ އަޒަރުބައިޖާންގެ ދެކުނު ބޯޑަރު ސަރަޙައްދުގައި ޑްރޯން ބޭނުންކޮށްގެން ޖާސޫސީ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތަކެއް ކޮށްފައެވެ.

ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމާއި އަޒަރުބައިޖާނާ ދެމެދު ވިޔަފާރިއާއި އަސްކަރީ ގޮތުން ވަރުގަދަ ގުޅުމެއް އޮވެއެވެ. އަޒަރުބައިޖާނަކީ އިޒްރޭލަށް ބޭނުންވާ ތެލުގެ ބޮޑު ބައެއް ފޯރުކޮށްދޭ ޤައުމެކެވެ. އޭގެ ބަދަލުގައި އިޒްރޭލުން ދަނީ އަޒަރުބައިޖާނަށް ޒަމާނީ ހަތިޔާރު ވިއްކަމުންނެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރު އަޒަރުބައިޖާނުން ގަނެފައިވާ "އަޔަން ޑޯމް" އެއާ ޑިފެންސް ސިސްޓަމް ހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޒަޔަނިސްޓް ޖެނޮސައިޑް ރެޖީމުން އަޒަރުބައިޖާންގެ ބޯޑަރު ސަރަޙައްދުގައި ހިންގި ބައެއް  ހަރަކާތްތަކަކީ:

  • މިއަހަރުގެ ޖެނއަރީ މަހުގެ މެދުތެރޭގައި އިޒްރޭލުން ވަނީ އަޒަރުބައިޖާން-އީރާން ބޯޑަރުގައި އަޑުއަހާ އަދި ޖާސޫސީ މަޢުލޫމާތު އެއްކުރާ ސާމާނު ހަރުކޮށްފައެވެ.
  • އިޒްރޭލުން އޭރު ޙަމަލާއެއް ދޭން ރޭވި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަހު ވަގުތު އެކަން ހުއްޓުވާފައެވެ.
  • މި އޮޕަރޭޝަންގައި އިޒްރޭލުގެ ވައިގެ ސިފައިންގެ ސަލާމަތްތެރިކަމާ ބެހޭ އެލީޓް ޔުނިޓުތަކާއި، ކޮމާންޑޯއިން އަދِ މޮސާޑްގެ އެތައް ސިފައިންނެއް ބައިވެރِވިއެވެ.

މި ސިއްރު ހަރަކާތްތަކުގެ ތެރެއިން މާރިޗު 4 ވަނަ ދުވަހު ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ގެ ޖާސޫސީވެރިޔާ ރަޙްމާން މުޤައްދަމް އަވަހާރަކޮށްލާފައެވެ. އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އޭނާއަކީ 2024 ވަނަ އަހަރު ޓްރަމްޕް އަވަހާރަކޮށްލަން ރޭވި މީހާއެވެ.

އޭގެ ފަހުން އަޒަރުބައިޖާންގެ "ނަޚްޖަވާން" އެއާޕޯޓަށް ޑްރޯން ޙަމަލާއެއްދީ، ބައެއް ޢިމާރާތްތަކަށް ގެއްލުންވެ މީހުން ޒަޚަމްވިއެވެ. އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލީޔޭވް މިކަމަކީ އީރާނުން ދިން "ޓެރަރިސްޓް" ޙަމަލާއެއް ކަމަށް ސިފަކުރެއްވި ނަމަވެސް، އީރާނުން އެކަން ދޮގުކުރިއެވެ.

އޭގެ ފަހުން އަޒަރުބައިޖާންގެ ސަލާމަތީ ބާރުތަކުން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އެޤައުމުގެ މުހިންމު ތަންތަނަށް ދޭން އުޅުނު ޙަމަލާތަކެއް ހުއްޓުވާފައެވެ. މިއީ މޮސާޑާއި ޝަބާކް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އިޒްރޭލުން ފަހުން ވަނީ އެއްބަސްވެފައެވެ.

އަޒަރުބައިޖާންގެ ޚާރިޖީ ވުޒާރާއިން ވަނީ ސީއެންއެންގެ ރިޕޯޓު މުޅިން ދޮގުކޮށްފައެވެ. އެ ވުޒާރާއިން ބުނި ގޮތުގައި ޒަޔަނިްޓު ފިކުރަށް ސަޕޯޓު ކުރާ މުސްލިމު އަޒަރުބައިޖާންގެ ފަސްގަނޑަކީ އެއްވެސް ތިންވަނަ ޤައުމަކަށް އެހެން ޤައުމަކާ ދެކޮޅަށް އަސްކަރީ ނުވަތަ ޖާސޫސީ ހަރަކާތެއް ހިންގަން ދޫކުރާނެ ފަސްގަނޑެއް ނޫނެވެ.

އަދި ސީއެންއެން އިން ނަން ހާމަނުކުރާ މަސްދަރުތަކެއްގެ މައްޗަށް ބިނާކޮށް، އަޒަރުބައިޖާންގެ ރަސްމީ ބަސް ހޯދުމެއް ނެތް ގޮތަށް މިފަދަ ރިޕޯޓެއް ނެރުމަކީ ނޫސްވެރިކަމުގެ އަޚްލާޤާ ޚިލާފު ކަމެއް ކަމަށް ބުނެ، އެ ރިޕޯޓު ވަގުތުން އަނބުރާ ގެންދިއުމަށް ވަނީ ގވާލާފައެވެ.

ހިއްސާ ކުރައްވާ!