ޓްރަމްޕްގެ ނަފްރަތުގެ ސިޔާސަތުތައް އެމެރިކާގެ ފަނޑިޔާރަކު ބާތިލުކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ހިޖުރަވެރިންނާއި ހިމާޔަތަށް އެދޭ ރެފިއުޖީންނާ ދެކޮޅަށް އެކުލަވާލާފައިވާ ގިނަ ސިޔާސަތުތަކެއް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ހުކުރުދުވަހު ބާތިލުކުރައްވައިފިއެވެ. ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޙުކުމް ނެރެފައިވަނީ ޓްރަމްޕްގެ ސަރުކާރުން އެޅި ފިޔަވަޅުތަކަށާއި، އޭގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ ހިޖުރަވެރިންނަށް ކުރި އަސަރުތަކަށް ވަރަށް ހަރުކަށި ބަހުން ފާޑުވިދާޅުވުމަށްފަހުގައެވެ.

ޓްރަމްޕްގެ އިދާރާއިން ވޭތުވެދިޔަ އަހަރު ވަނީ ރެފިއުޖީ ހިމާޔަތަށް އެދޭ މީހުންގެ ހުށަހެޅުންތަކަށް ގޮތް ނިންމުން ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށް، ދަތުރުކުރުން މަނާކުރި ޤައުމުތަކުގެ މީހުންގެ ހިޖުރަވެރިކަމުގެ ފޯމުތައް ހިފަހައްޓާފައެވެ. މީގެ އިތުރުންވެސް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގައި ތިބި އެތައް މިލިއަން ހިޖުރަވެރިން ތިބީ ޤާނޫނީ ގޮތުން ކުރިއަށްދާނެ ވަގުތީ މަގެއްވެސް ނޭނގޭ ފަދަ ނާޒުކު ޙާލަތެއްގައެވެ. ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގަތުމަށްފަހު، ޓްރަމްޕް ވަނީ ދެކުނު ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަކުރައްވައި، ހިޖުރަވެރިން ބޭރުކުރުން އަވަސްކޮށް، ހިމާޔަތް ހޯދޭނެ މަގުތައް ވަރަށް ބޮޑަށް ހަނިކުރައްވާފައެވެ.

ފެޑެރަލް ފަނޑިޔާރު ޖޯން ޖޭ މެކޮނެލް ޖޫނިއާ ނެރުއްވި 135 ޞަފުޙާގެ ދިގު ރައުޔުގައި، ހިޖުރަވެރިންނަށް ކުރިމަތިވެފައިވާ މި ނޭނގުމުގެ ޙާލަތަށް އިޝާރާތްކުރައްވާފައިވެއެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އައްޔަންކުރެއްވި މި ފަނޑިޔާރުގ ރައުޔުގައ ލިޔުއްވާފައިވަނީ، ސަރުކާރުގެ މި ސިޔާސަތުތަކުގެ ސަބަބުން ނުހަނު ގިނަ ބައެއްގެ ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށާއި،
އެއީ ހަމައެކަނި އެމެރިކާގައި އުޅޭ މީހުން އުފަންވި ޤައުމަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.
އަދި ހަ މަހަށްވުރެ ގިނަ ދުވަސް ވީއިރުވެސް، މީގެ ތެރެއިން ގިނަ ބަޔަކަށް ވަޒީފާއެއް ނެތި، ޤާނޫނީ ހައިސިއްޔަތެއް ނެތި، މުސްތަޤުބަލު ރޭވުމުގެ އެއްވެސް ފުރުޞަތެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު މެކޮނެލް ވަނީ ސަރުކާރުން ހިޖުރަވެރިންނާ މެދު ބަހައްޓާ ނަފުރަތުގެ ރޫޙަށްވެސް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ކޯޓުން މި އެދެނީ ހިޖުރަވެރިންނާ މެދު އޮތް ރުޅިވެރިކަމުގެ ސާފު ހެކިތަކަށް އަދުލު އިނސާފު ލޯމަރާލުމަށެވެ. އެފަދަ ކަމެއް ކުރުމަކީ ކޯޓުން އިންސާފު ބޮލާލައި ޖެހުންކަން ދައްކުވައިދޭނެ ކަމެއް ކަމަށާއި، ސަރުކާރުގެ އެ ދަޢުވަތު ޤަބޫލުކުރަން ކޯޓަށް މަޖުބޫރުވެފައި ނުވާތީ އެކަން ދޫކޮށްލާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމަންއާންމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، އެމެރިކާގެ ސިޓިޒަންޝިޕް އެންޑް އިމިގްރޭޝަން ސާވިސަސް އިން މި ބަދަލުތައް މިދިޔަ އަހަރު ގެނައީ، އަފްޣާނިސްތާނުގެ ރައްޔިތަކު ވޮޝިންގްޓަންގައި ނޭޝަނަލް ގާޑުގެ ދެ ސިފައިންނަށް ބަޑިން ހަމަލާދިނުމާ ގުޅިގެންނެވެ. ނަމަވެސް، ކުށްވެރިވި މީހާ ވަނީ އޭނާގެ މައްޗަށް ކުރެވުނު ދަޢުވާތަކަށް އިންކާރުކޮށްފައެވެ. އެ ހާދިސާއާ ގުޅިގެން އެފް.ބީ.އައި އިން ވަނީ ބަޑިޖެހި މީހާގެ މަޤްޞަދަކީ ކޮބައިތޯ ބެލުމަށް ޚާއްޞަ ތަޙުޤީޤެއްވެސް ހިންގާފައެވެ.

މި ޙުކުމާ ގުޅިގެން "ޑިމޮކްރެސީ ފޯވާޑް" ޖަމްޢިއްޔާގެ ރައީސާ ސްކައި ޕެރީމަން ބަޔާނެއް ނެރުއްވަމުން ވިދާޅުވީ، ފެޑެރަލް ސަރުކާރަށް ޤާނޫނީ ހިޖުރަވެރިކަމުގެ މަގުތައް ބަންދު ނުކުރެވޭނެ ކަމަށާއި، މީހުން އައީ ކޮން ގައުމަކުންތޯ ބަލައި ތަފާތުކުރުންތައް ނުގެންގުޅެވޭނެކަން މި ޙުކުމުން އަލުން ކަށަވަރުކޮށްދީފި ކަމަށެވެ.

ޓްރަމްޕްގެ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން އިންސާނިއްޔަތަށް ލިބުނު ބޮޑު ގެއްލުން ކޯޓަށް ވިސްނުނުކަމީ އުފާކުރާ ކަމެއް ކަމަށާއި، މުޖުތަމަޢުތައް އިންސާފުވެރި ބަޔަކަށް ވާނީ ބިރާއި ތަފާތުކުރުމުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އަމާޒުތަކެއްގެ ބަދަލުގައި، ޤާނޫނީ ހަމަހަމަކަމާއެކު އިންޞާފުވެރި އުޞޫލުތަކަކުން ކަންކަން ނިންމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!