އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ ދެ މަންދޫބުން ކަމަށްވާ ވިޔާފާރިވެރި ރަހުމަތްތެރިޔާ ސްޓީވް ވިޓްކޮފް އަދި ދަނބިކޮއެ ޖެރޑް ކުޝްނާ، ޓެނެސީސްޓޭޓްގައި ހުންނަ އޯކް ރިޖް ނޭޝަނަލް ލެބޯޓްރީގައި ނިއުކްލިއަރ މަޝްވަރާތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރައްވައިފިއެވެ. "އެކްސިއޯސް" ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަމްރީނަކީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސިއްރު މަޝްވަރާތައް ނިއުކްލިއާ އެއްބަސްވުމަކާ ދިމާއަށް މިސްރާބުޖަހާފައިވާ ދަނޑިވަޅެއްގައި، ފަންނީ ގޮތުން ތައްޔާރުވުމަށް ބޭއްވި ތަމްރީނެކެވެ.
މި ތަމްރީންގެ އެންމެ މުހިންމު ބޭނުމަކީ، ނިއުކްލިއާ މަޝްވަރާތަކުގައި އީރާނާއެކު ބާއްވާ ބައްދަލުވުންތަކުގައި ވާހަކަދައްކާނެ ގޮތްތައް ދަސްކޮށް ދަނެގަތުމާއި، އެކަމަށް ބޭނުންވާ ޚާއްޞަ ތަމްރީނު ހޯދުން ކަމަށް ވައިޓް ހައުސްގެ އެތެރޭގެ މަޞްދަރުތަކުން ބުނެއެވެ.
އީރާނުގެ ވަފްދަކީ މިފަދަ ދުނިޔެވީ މަޝްވަރާތަކުގައި ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ހަރުދަނާ ބަޔަކަށް ވުމާއެކު، އެމެރިކާއިން ފޮނުވާ ޓްރަމްޕްގެ އާއިލާއާއި ގާތް ރައްޓެހިން ހިމެނޭ، އެކަމަކު މި ދާއިރާގެ ތަޖުރިބާ ނެތް ވަފްދަށް ބޭނުންވާނެ މުހިންމު މަޢުލޫމާތާއި އުޞޫލުތައް މި ބައްދަލުވުމުގައި ސައިންސްވެރިންނާއި މާހިރުން ވަނީ ފޯރުކޮށްދީފައެވެ.
ހުކުރުދުވަހު ލިބުނު ރިޕޯޓްތައް ބުނާގޮތުން، ވައިޓް ހައުސްއިން މިހާރު އެންމެ އިސްކަމެއްދެނީ އީރާނާއެކު ހިނގަމުންދާ ހަނގުރާމަ ދާއިމީގޮތަކަށް ހުއްޓާލުމަށެވެ. އަދި އޭގެ ފަހުން ފެށުމަށް ހަމަޖެހިފައިވާ މުހިންމު ނިއުކްލިއާ މަޝްވަރާތަކަށް ބޭނުންވާ ފަންނީ ޓީމު، މިހާރުން މިހާރަށް ތައްޔާރީ ޙާލަތަކަށް ގެނައުމަކީ ވައިޓް ހައުސްގެ މައިގަނޑު ބޭނުމެވެ.
ވިޓްކޮފް އޯކް ރިޖް ނޭޝަނަލް ލެބޯޓްރީއަށް ޒިޔާރަތް ކުރައްވާފައިވަނީ ކުރިން އިޢުލާންކުރުމެއް ނެތި ސިއްރިއްޔާތުގައެވެ. ނަމަވެސް، ފަހުން އެމެރިކާގެ އިސް ދެ އޮފިޝަލަކު ވަނީ އޭނާއާއި ކުޝްނާ އެ ސަރަޙައްދުގައި ހުންނަ ހަކަތައާ ބެހޭ ވުޒާރާގެ މަރުކަޒުތަކަށް ވަޑައިގަތްކަން ކަށަވަރުކޮށްދެއްވާފައެވެ.
އޯކް ރިޖް ނޭޝަނަލް ލެބޯޓްރީއަކީ ޔުރޭނިއަމް ސާފުކުރުމާއި ސެންޓްރިފިއުޖް ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާގައި ތިބި އެންމެ މުހިންމު މާހިރުން މަސައްކަތްކުރާ މަރުކަޒެވެ. މީގެ ކުރިންވެސް ލީބިޔާއާއި ކަޒަކިސްތާނު ފަދަ ޤައުމުތަކުން އަތުލައިގަނެވުނު ނިއުކްލިއާ މާއްދާތައް ޕްރޮސެސްކުރުމަށް ގެންގޮސްފައިވަނީ މި ސަރަޙައްދަށެވެ. މަންދޫބުންނާ ބައްދަލކުރި މާހިރުންގެ ތެރޭގައި، ދާދިފަހުން ވެނެޒުއެލާއިން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އަނބުރާ ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ސައިންސްވެރިންވެސް ހިމެނެއެވެ.
މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުގާ ހަރަކާތްތެރިވާ ސަރަޙައްދީ މަޞްދަރުތަކުން ބުނާގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޚިޔާލުތަފާތުވުންތައް މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މަޝްވަރާތައް ފަހު މަރުޙަލާއަށް ބަދަލުވެފައިވީ ނަމަވެސް، އެއްބަސްވުމެއްގައި ސޮއިކުރެވޭނެކަން އަދި މުޅިން ޔަޤީނެއް ނޫނެވެ. އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ބައްދަލުވުންތަކުން އެއްބަސްވުމަކަށް އާދެވުނީ ކަމަށް ނިންމެން ނެތް ނަމަވެސް، މިއީ މަޝްވަރާތައް އިންތިހާއަށް ސީރިއަސްވެ، ކާމިޔާބީއާ ގާތަށް ގޮސްފައިވާ ކަމުގެ ވަރުގަދަ ނިޝާނެކެވެ.
މި މަޝްވަރާތަކަށްޓަކައި އެމެރިކާއިން ވަނީ 100 އެއްހާ ނިއުކްލިއާ މާހިރުންގެ ބޮޑު ޓީމެއް އެކުލަވާލާފައެވެ.
- އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް ދެވިއްޖެނަމަ، އީރާނުގެ ނިއުކްލިއާ މާއްދާތައް ރައްކާތެރިކަމާއެކު ނައްތާލާނެ ގޮތުގެ ޕްލޭންތަކާއި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓުވުމުގެ މެކޭނިޒަމްތައް އެކުލަވާލާނީ މި ޓީމުންނެވެ.
- މި ޓީމުގެ ބައެއް މާހިރުންނަކީ ހަނގުރާމަ ފެށުމުގެ ކުރިން އޮމާންގައި ބޭއްވި ސިއްރު މަޝްވަރާތަކުގައިވެސް ކުޝްނާއާއި ވިޓްކޮފްއާއެކު ބައިވެރިވި މީހުންނެވެ.
ވިޓްކޮފް އަދި ކުޝްނާ ވަނީ ވޭތުވެދިޔަ ހަފުތާގައި އީރާނުގެ މަންދޫބުންނާއެކު 60 ދުވަހުގެ ފަހުމުނާމާއެއްގެ އަސާސީ ބިންގާ އަޅުއްވާފައެވެ.
- އެ ފަހުމުނާމާގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމާއި، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމާއި، އީރާނަށް ތެޔޮ ވިއްކުމުގެ ހުއްދަދިނުން ހިމެނެއެވެ.
- ރައީސް ޓްރަމްޕް ވަނީ މިދިޔަ ހުކުރުދުވަހު އެ ލިޔުމަށް ދެ އިޞްލާޙެއް ގެނައުމަށް އެދިވަޑައިގަންނަވާފައެވެ. އޭގެ ރައްދުގައި އީރާނުންވެސް ބައެއް ބަދަލުތަކަށް އެދޭނެ ކަމަށް ވަނީ ބުނެފައެވެ.
މިހާރު ބާކީ ހުރި ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި، ޔުރޭނިއަމް ފައްޖކާކުރުން ދަށްކުރުމަށް އީރާނަށް ލިބޭނެ މުއްދަތު ހިމެނެއެވެ.
- ޓްރަމްޕް ބޭނުންފުޅުވަނީ 60 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
- އީރާނުން އެދެނީ 90 ދުވަހުގެ މުއްދަތެކެވެ.
- އަދި އެމެރިކާގައި ފޭރިގެންފައިވާ އީރާނުގެ ފައިސާ ދޫކުރާނެ ވަގުތަކާމެދުވެސް ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.
- އެމެރިކާއިން ބުނަނީ ފައިސާ ދޫކުރާނީ އެއްބަސްވުން އެކީގައި ތަންފީޛުކުރުމުން ކަމަށެވެ.
- ތެހެރާނުން ބޭނުންވަނީ އެއްބަސްވުމުގައި ސޮއިކުރާ ވަގުތުން ފެށިގެން އޭގެ ބައެއް ފައިސާ ވަގުތުން ލިބޭނެ ގޮތް ހެދުމަށެވެ.





