ޗައިނާގެ އިޤްތިޞާދުގައި ހިމެނޭ ކޮންޓްރެކްޓް އުޞޫލުންނާއި، އެޕްލިކޭޝަންތައް މެދުވެރިކޮށް ފްލެކްސިބަލް ވަޒީފާ އަދާކުރާ "ގިގް އިކޮނޮމީ" ގެ މަސައްކަތްތެރިންގެ މައްޗަށް އޮތް ސިޔާސީ އަދި ފިކުރީ ކޮންޓްރޯލް ވަރުގަދަކުރުމަށް ޗައިނާގެ ސަރުކާރުން ން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މިއީ އެ ޤައުމުގެ އިޤްތިޞާދަށް މުހިންމު، ނަމަވެސް ސަރުކާރަށް ސިޔާސީ ގޮތުން ނާޒުކު ދާއިރާއެކެވެ.
މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު ޗައިނާގެ ސަރުކާރުން ވަނީ "އާ ވަޒީފާގެ ގްރޫޕުތައް" މެނޭޖްކުރުމާ ބެހޭ އާ އުޞޫލުތަކެއް ނެރެފައެވެ. 2027 ވަނަ އަހަރާ ހަމައަށް އަމާޒުކޮށް ނެރުނު މި ބަޔާނުގައި، އެޕްލިކޭޝަންތައް މެދުވެރިކޮށް މަސައްކަތްކުރާ މީހުންގެ މެދުގައި ކޮމިއުނިސްޓް ޕާޓީގެ ނުފޫޒު ފުޅާކުރުމަށާއި، ޕާޓީގެ ފިކުރީ ސިޔާސަތުތައް ދެމެހެއްޓުމަށް ވަނީ ގޮވާލާފައެވެ.
ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، ޒުވާނުންގެ ވަޒީފާނެތް ނިސްބަތް މަތވެ، މަސައްކަތުގެ މާޙައުލާ މެދު އާންމުންގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި މި އުޞޫލުތައް އިޢުލާންކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ހުއްޓިފައެވެ.
ޗައިނާގެ ރަސްމީ މަޖައްލާއެއް ކަމަށްވާ "ޗީޝީ" ގައި ޝާއިޢުކޮށްފައިވާ ދިރާސާއެއް ދައްކާގޮތުން، ޗައިނާގެ ކާބޯތަކެތި ޑެލިވަރީކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުން، އަދި އޮންލައިން ވިޔަފާރީގެ މުވައްޒަފުންގެ ގިގް ވޯރކްފޯސްގެ އާބާދީ މިހާރު ވަނީ 84 މިލިއަނަށް އަރާފައެވެ. މިއީ ޤައުމުގެ ވަޒީފާ އަދާކުރާ އާބާދީގެ ފަހެއް ބައިކުޅަ އެއްބައެވެ. އެހެނިހެން ފްލީލާންސް މަސައްކަތްތެރިން ހިމަނައިގެން ބަލާނަމަ މި އަދަދު 200 މިލިއަނަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވެއެވެ.
ޒަމާނުއްސުރެ ޗައިނާގެ ކުރިއެރުން ބިނާވެފައި އޮތީ މެނުފެކްޗަރިންގް އަދި އިމާރާތްކުރުމުގެ ދާއިރާއަށެވެ. ނަމަވެސް އެ ދާއިރާތައް ބަލިކަށިވުމުން، ގިނަ އަދަދެއްގެ ޒުވާނުން ވަނީ ފަސޭހައިން ވަދެވޭ މިފަދަ ޑިޖިޓަލް ވަޒީފާތަކަށް ބަރޯސާވާން މަޖުބޫރުވެފައެވެ.
އެހެންނަމަވެސް، މި މަސައްކަތްތެރިން އުޅެންޖެހެނީ ވަރަށް ދަތި ހާލުގައެވެ. އެޕްލިކޭޝަންތަކުގެ އަލްގޮރިދަމްތަކުން ކަނޑައަޅާ ވަގުތުތަކަށް ފިތިގެން، ސަލާމަތީ ރައްކާތެރިކަމެއް ނެތި، ދިގު ގަޑިއިރުތަކެއް ވަންދެން މަސައްކަތްކުރަން އެމީހުންނަށް ވަނީ މަޖުބޫރުވެފައެވެ.
އާ ސިޔާސަތުތަކުން އެނގޭގޮތުގައި، ބޭޖިންގްގެ މައިގަނޑު ބޭނުމަކީ ހަމައެކަނި ވަޒީފާގެ ކަންކަން ބެލެހެއްޓުމެއް ނޫނެވެ. އޭގެ ބަދަލުގައި، ރައީސް ޝީ ޖިންޕިންގްގެ ސިޔާސީ ފިކުރަށް މަސައްކަތްތެރިން ތަބާކުރުވުމާއި، "ޕާޓީގެ ބަސް އެހުމަށް" ބާރުއެޅުމެވެ.
މި މަސައްކަތްތެރިންނަކީ އާންމުކޮށް ޒުވާން، މޯބައިލް، އަދި ސޯޝަލް މީޑިއާއިން ވަރަށް ބޮޑަށް ގުޅިފައިވާ ބަޔަކަށް ވުމުން، ސަރުކާރުގެ ކޮންޓްރޯލުން ނެއްޓި، ހަމަނުޖެހުމެއް އުފެދިދާނެ ފަދަ ބާރަކަށް އެމީހުން ވެދާނެ ކަމުގެ ބިރު ސަރުކާރަށް އެބައޮތެވެ. އެހެންކަމުން، ސަރުކާރުގެ އަވަށްޓެރި ކޮމިޓީތަކާއި ޑިޖިޓަލް މޮނިޓަރިންގް ނެޓްވޯކްތަކުގެ ދަށަށް މި މަސައްކަތްތެރިން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުގެ މި ކަންބޮޑުވުންތަކަކީ ސަބަބެއްނެތް ކަންބޮޑުވުންތަކެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި މަސައްކަތްތެރިންގެ މެދުގައި އޮތް ހިތްހަމަނުޖެހުންތައް ވަނީ ބޭރަށް ފާޅުވާން ފަށާފައެވެ.
- ޑިސެމްބަރު 2025: ޗަންގްޝާ ސިޓީގައި ސަލާމަތީ ފިޔަވަޅުތަކަކާ ހުރެ ސަތޭކައަށްވުރެ ގިނަ ޑެލިވަރީ ރައިޑަރުން އެއްވެ މުޒާހަރާކޮށް، ފުލުހުންނާ ކުރިމަތިލާފައިވެއެވެ.
- މާރޗް – އޭޕްރިލް 2026: ޗޮންގްޗިންގް ސިޓީގައި ޑެލިވަރީ މަސައްކަތްތެރިން ވަނީ މުސާރަ ކުޑަކުރުމާ ދެކޮޅަށް ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ ހަޅުތާލެއް ކޮށްފައެވެ.
ޗައިނާގެ ހަރުކަށި ސެންސަރުޝިޕް ނިޒާމުގެ ތެރެއިންވެސް، މިފަދަ މުޒާހަރާތަކުގެ ވީޑިއޯތައް ސްމާޓްފޯނު އެޕްލިކޭޝަންތަކާއި އެންކްރިޕްޓްކުރި މެސެޖުތަކުން ވަރަށް އަވަހަށް ފެތުރިގެންދެއެވެ. ސަރުކާރުން ބިރުގަންނަނީ އިޤްތިޞާދީ މި ހިތްހަމަނުޖެހުން ބޮޑު ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެދާނެތީއެވެ.
ޗައިނާ ސަރުކާރުން މި މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކޮށް، ޞިއްޙީ ބީމާއާއި ޕެންޝަން ފޯރުކޮށްދޭނެ ކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން ކަންކަން ބަދަލުވާ ނިސްބަތް ކުޑައެވެ. ސިޔާސީ މާހިރުން ދެކޭގޮތުގައި ބޭޖިންގްގެ އަސްލު އަމާޒަކީ މަސައްކަތްތެރިންގެ ޙައްޤުތަކަށްވުރެ ބޮޑަށް، ޤައުމުގެ ހަމަޖެހުން ހިފެހެއްޓުމާއި ޕާޓީގެ ވެރިކަން ދެމެހެއްޓުމެވެ. ނަމަވެސް، އިޤްތިޞާދީ ދަތިތަކާއެކު މަސައްކަތްތެރިންގެ ރުޅިވެރިކަން އިތުރުވަމުންދާއިރު، މިފަދަ ހަރުކަށި ކޮންޓްރޯލްތަކުގެ ސަބަބުން މައްސަލަ ޙައްލުވާނެތޯ ނުވަތަ ނުތަނަވަސްކަން އިތުރަށް ބޮޑުވާނެތޯ އެއީ އުފެދޭ ސުވާލެކެވެ.





